ކައިވެނި ޕާޓީން 103 މީހަކު ޕޮޒިޓިވްވެ އެކަކު މަރުވެއްޖެ

މާލޭގައި ހުންނަ ޝީ ބިލްޑިންގައި މިދިޔަ މަހު ބޭއްވި ކައިވެނި ޕާޓީއަކުން އުފެދުނު ކޮވިޑް-19 ކްލަސްޓާގައި ޖުމްލަ 103 މީހަކު ޕޮޒިޓިވްވެ، އޭގެ ތެރޭގައި ހިމެނޭ އެކަކު ނިޔާޥެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި އެ ކައިވެނި ޕާޓީއަށް ދިޔައީ 120 މީހުންނެވެ. އެހެންނަމަވެސް އެ ކްލަސްޓާގައި ވަނީ ޕާޓީއަށް ދިޔަ މީހުންނާއި ކޮންޓެކްޓުވި ބަޔަކުވެސް ޕޮޒިޓިވް ވެފަ އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މި ކްލަސްޓާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 89 މީހަކު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. މިހާރު ރަނގަޅު ނުވެ ތިބީ 13 މީހެކެވެ. އެމީހުންނަކީ މިމަހު ބަލި ޖެހުނު މީހުންނެވެ.
މި ކްލަސްޓާގައި ހިމެނޭ މީހަކު މަރުވީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައިވެނި ޕާޓީ ކްލަސްޓާގައި އުމުރުން ދުވަސްމީ މީހުންނާއި ކުޑަކުދިންވެސް ހިމެނެ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 14,829 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. 50 މީހަކު ބަލީގައި ނިޔާވިއިރު މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 1،039 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ