ފެނަކަ ވަނީ އައްޑޫއަށް ކަރަންޓް ދިނުމުގައި ފެއިލްވެފައި. އެހެން ބަޔަކާ ޙަވާލްކުރޭ: އެމްޑީޕީ އައްޑޫ މެންބަރުން

އައްޑޫ ސިޓީއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަން ވަނީ އެކަން ކުރުމުގައި ފެއިލްވެފައި ކަމަށާއި ސްޓެލްކޯ ފަދަ އެކަން ކުރެވޭނޭ އެހެން ބަޔަކާ އެކަން ޙަވާލު ކުރުމަށް އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ގޮވާލައްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ފެނަކަ ވަނީ އައްޑޫއަށް ކަރަންޓް ދިނުމުގައި ފެއިލްވެފައި ކަމަށާއި އެޚިދުމަތް ދިނުމަށް ފެނަކައިން ހަވާލްވި ދުވަހުން ފެށިގެން ވެސް އައްޑޫއަށް އެކަށޭނަ ގޮތަކަށް އެޚިދުމަތް ދެވެމުން ނުދާ ކަމަށެވެ. އަދި ސްޓެލްކޯއިން ފެނަކައަށް ވުރެ އަގުހެޔޮކޮށް އައްޑޫއަށް ކަރަންޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އިތުރު ކޮރަޕްޝަންތަކާ އެކު ފެނަކަ ކޯޕަރޭޝަނުން އެޚިދުމަތް ދޭން މަސައްކަތް ނުކޮށް ސްޓެލްކޯއަށް އެކަން ޙަވާލް ކުރުމަށް ގޮވާލައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ރައްޔިތުން ކަންބޮޑުވެގެން އުޅެނީ ކަރަންޓް 24 ގަޑިއިރަށް ޔަޤީން ނުވެގެން ކަމަށާއި ރަނގަޅު ޕްލޭނެއް ނެތި ވަގުތީ ހައްލެއް ހޯދަ ދިނުމަކީ ޚަރަދު ބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފްތައް އިތުރުވެގެންދާނޭ ކަމެއް ކަމަށެވެ. ގާތްގަނޑަކަށް 30 ހަކަށް މިލިއަން ރުފިޔާ އެކަމަށް ޚަރަދުވާކަމަށް އެނގިފައިވާ ކަމަށާއި ދައުލަތުގެ ބަޖެޓްގައި ޖަހައިގެން ވެސް އެކަން ހައްލު ކުރެވޭނެ ގޮތަކީ އެއީ ކަމަށް ވާނަމަ އެކަން ކުރުމަށް ގޮވާލާ ކަމަށެވެ. އަދި މިހާރު ވެސް ޚިދުމަތް ދެމުންދާ ގޮތުން ގާތްގަނޑަކަށް 40 އަކަށް ޕަސެންޓް ޚަރަދު ދަނީ ބާކީވެގެން ކަމަށަ ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން 4 ޖަނަރޭޓަރެއް އެއްފަހަރާ ހަލާކުވެގެން ދާނީ ބެލެހެއްޓުންތެރިކަން ވަރަށް ކުޑަވެގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވީ އައްޑޫއަށް މިހާރު ކަރަންޓް ޚިދުމަތް ދޭގޮތުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް މެދުވެރިވަމުންދާ ކަމަށާއި އައްޑޫއަކީ ފައިދާ ލިބިގެން ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ތަނެއް ކަމަށެވެ. ފެނަކައިން އެކަން ނުވާ ކަމަށްވާ ނަމަ އެކަން ކުރެވޭނެ ބަޔަކަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ. ނިޒާރު ވިދާޅުވީ 30 ހަކަށް މިލިއަންގެ އިންވެސްޓެއް ކޮށްގެން އަމިއްލަ ބަޔަކު ވެސް އެޚިދުމަތް ދީފާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ  ވިދާޅުވީ މީގެ 40 އަކަށް އަހަރު ކުރިން ފެށިގެން ވެރިކަންކުރި ބަޔަކު ނުކޮށް ހުރި ކަމެއްގެ ސަބަބުން އައްޑޫއަށް ރަނގަޅު ކަރަންޓް ޚިދުމަތެއް ނުދެވުމަކީ އެކަން ނުކުރުމުގެ ހައްޖަތެއް ނޫން ކަމަށާއި މިހާރު މިއޮތް ސަރުކާރަކީ އެކަންކަން ކޮށްދޭނެ ކަމަށް ވައުދުވެ 24 ގަޑިއިރު ކަރަންޓް ޔަޤީންކޮށްދިނުމަށް ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ