ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ވައިޓް އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް ފަލާ ކުރެވޭތީ އަންގާރަ ދުވަހުގެ 08:00 އިން ފެށިގެން 14:00 އަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 07 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އީދު ޗުއްޓީއަށް ގިނަ ބަޔަކު ރާއްޖޭގެ އެކި ރަށްރަށުގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އީދު ބަންދު އަންގާރަ ދުވަހު ނިމި، ސަރުކާރުގެ އޮފީސްތައް މިވަނީ ހުޅުވާފަ އެވެ. އަދި ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ރަށްރަށަށް ޗުއްޓީއަށް ދިޔަ މީހުން މާލެއަށް ނުވަތަ އެބަޔަކު ދިރިއުޅޭ ރަށްރަށް ދިއުމުގެ ދަތުރުމަތީގައި ވާއިރު މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ