ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭގައި ކަންބޮޑުވުންފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި 56 ވަކީލަކު ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި ޕެޓިޝަން ބަލައިނުގަނެ ފޮނުވާލާފައިވާ ކަމަށް ގާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.
ގިނަ ވަކީލުންތަކެއް އެ ބޭފުޅުންގެ ކަންބޮޑުވުންތައް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވަނީ މަސައްކަތްކޮށްފި އެވެ. ޖުމްލަ 56 ވަކީލުން ސޮއި ކުރައްވާފައިވާ ޕެޓިޝަނެއް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެ ވަކީލުންތަށް މިއަދު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަންފައެެވެ.
ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހްފޫޒް ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރުމުގައި ދިމާވެފައި ހުރި އިންތިހާ އަށް ކަންބޮޑުވާ މައްސަލަތައް ހުށަހެޅުމުން، އެ ކަންކަން ބަލައިގަނެވެން ނެތް ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.
އެ ޕެޓިޝަނުގައި ވަކީލުން ކަންބޮޑުވުންފާޅުކުރީ ކޯޓުތަކުގައި ޝަރީއަތް ކުރަމުން އަންނަ ގޮތާއި މިހާރު ކުރަމުންދާ ޓެރަރިޒަމްގެ ދައުވާތަކާއި މުއްދަތު ޖެހުމުގައި ހަމައެއްލަމައެއް ނެތް ކަމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރުން ހެކި ބަސް ނެގުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ވަޒީފާގެ ބިރު ދެއްކުން ފަދަ މައްސަލަތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން ހިންގުމުގައި ވެސް ހަމައެއް ލަމައެއް ނެތުމާއި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތަށް އަދާނުކުރުން ފަދަ މައްސަލަތައް ވެސް ޕެޓިޝަންގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ
"ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން ވަރަށް ގިނަ ކަންކަން ކުރުމާއި އެއް ފަނޑިޔާރެއްގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ހައްގުތަކަށް ރައްކާތެރިވުމާއި އެއްވެސް ސަބަބެއް އެންގުމެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އެޅުމަކީ ވެސް ކަންބޮޑުވުމެއް،" މަހްފޫޒް ވިދާޅުވި އެވެ.
ޕެޓިޝަނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ދިފާއު ކުރަން ކޯޓުތަކުން ފަސްޖެހި، ކޯޓުތަކަށް ދީފައިވާ ބާރާއި އިންސާފާ ދުރުވެގަނެ ގާނޫނަށް ވުރެ ސިޔާސީ މަސްލަހަތަށް އިސްކަންދެމުންދާ ކަން ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. މިއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް އެ ޕެޓިޝަންގައިވެ އެވެ.
އަދި ކޯޓުތަކަށް ފާޑުކިޔާ ފަރާތްތަކަށް އިންޒާރުދީ ނޫސްބަޔާން ނެރުމަކުން ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ނުކުރެވޭނެ ކަމަށެވެ. ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކޮށް ކޯޓުތަކަށް އާންމުން އިހުތިރާމުކޮށް، އިތުބާރު ކުރާނީ ފަނޑިޔާރުންގެ ސުލޫކާއި ޝަރީއަތްކުރާ ގޮތަށް އިސްލާހު ގެނެވިގެން ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.
އަދި ވަކީލުންތައް ފެށި ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން ޕެޓިޝަންގައި ސޮއި ކުރައްވާފައިވާ ވަކީލުން އިސް ނަގައިގެން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް މަހްފޫޒް ވަނީ ވިދާޅުވެފައެވެ.
ކަންބޮޑުވުން ފާޅުކޮށް ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން ބަލައި ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ