މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މަސައްކަތްތަކެއް ކުރިއަށް ދަނިކޮށް އަލީ ވަހީދު އެ ކޮމިޓީއަށް ހުރަސްއަޅުއްވާ ކަމަށް ދޭހަވާ އޯޑިއޯ އެއް ލީކްވެއްޖެ

14:30ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުން އިއްޔެ ކުރިއަށް ދަނިކޮށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އެ ބައްދަލުވުމަށް ހުރަސްއަޅުއްވާ އަޑުގަދަކުރައްވަނިކޮށް ރިކޯޑުކޮށްފައިވާ އޯޑިއޯ ކްލިޕެއް ސަންއެފްއެމް އަށް ލިބިއްޖެ އެވެ.އިގްތިސާދީ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިނުގަންނަވާ އަލީ ވަހީދު އެ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، އެތަނަށް ވަޑައިގެން ކޮމިޓީ ހުއްޓާލައްވާށޭ ވިދާޅުވެ ބެރު ޖައްސަވައި، ލަވަ ވިދާޅުވެ އަޑުގަދަކުރައްވާ އަޑު އެ އޯޑިއޯ ކްލިޕްގައިވެ އެވެ.އަދި ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް އެދިވަޑައިގަތުމުން ވެސް، އެކަމަށް ދެކޮޅުހައްދަވައި، އެތަނުން ނުކުމެވަޑައިނުގަންނަވާ އަލީ ވަހީދު ވަނީ ކޮމިޓީ ކުރިއަށް ނުގެންދެވޭނެ ތަކުރާރުކޮށް ވިދާޅުވެ، ސިފައިން ގެނައުމަށް ވެސް ވިދާޅުވެފައި. އެހެންކަމުން ގާސިމް އިބްރާހިމް އެ މައްސަލަ އާމީން އާއްމަށް ދަންނަވައިގެން ހައްލުކުރުމަށްފަހު އަލުން ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންދަވާނީ ކަމަށް ވިދާޅުވެ، ކޮމިޓީގެ ބައްދަލުވުން އެހާ ހިސާބުން މެދުކަނޑުވާލެއްވި އެވެ.މި އަޑުކޮޅާ ގުޅޭ ގޮތުން ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދުގެ ބަހެއް ލިބޭ ގޮތް ނުވި ނަމަވެސް، އިގްތިސާދީ ކޮމިޓީގައި އޭރު އިންނެވި އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ އެއީ ހިނގި ކަންތައްތަކެއްކަން ސަންއެފްއެމް އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނާ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވެސް އަލީ ވަހީދާއި ޑީއާރޕީގެ އެހެން ދެ މެމްބަރަކު ވަޑައިގެން ހުރަސްއެޅުއްވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ކޮމިޓީގެ ބައްދަލުވުން ކެންސަލް ކުރެއްވީ ކަމަށެވެ.މި ކަމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވަނީ ވަކި އެއްޗެއް ވިދާޅުނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ