ރިޔާސީ ބަޔާން އިއްވުން މާޗު 4 ގައި

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އޮންނާނީ މާޗް މަހުގެ 4 ވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މިގޮތަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ރައީސް އަންގަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއްފެށޭ ތާރީޚާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމުގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވާންޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކު މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވާ ދެއްވާ ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހަށް ވަޑައިގަތުމުން އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅުއްވާ މަޖިލީހުގެ މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ