ވާދަވެރިކަން ބޮޑު ހޫނުވެދާނެކަމަށް ބެލެވޭ ޕީޕީއެމްގެ ރިޔާސީ ޕުރައިމަރީގައި އެއްބަފާ ކޮއްކޯފުޅު އަބުދުﷲ ޔާމީންނަށްވެސް އަދި އުމަރު ނަސީރަށްވެސް ތާޢީދުކުރުމުގެ ގޮތުން ވަކި ފަރާތަކަށް ނުޖެހޭނެކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޒުވާނުންތަކެއް ސޮއިކުރުމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ކޮންގުރެސްގައިވެސް އަދި ޕުރައިމަރީގައިވެސް ވަކި މީހެއްގެ ކޮޅަށް ތާޢީދުކޮށް ވަކި ފަރާތަކަށް ނުޖެހޭނެކަމަށެވެ. މައުމޫން ވިދާޅުވީ ކޮންގުރެސްއަށް ދެ ޓީމެއްގެ ގޮތުގައި ޔާމީންއާއި އުމަރު މަސައްކަތް ކުރެއްވިއިރުވެސް އެއިން އެއްވެސް ބޭފުޅަކު ބޭއްވި ޖަލްސާއެއްގައިވެސް ބައިވެރިވެފައިނުވާނެކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ޕީޕީއެމްގެ ޕުރައިމަރީގައިވެސް ވަކި ފަރާތަކަށް ތާޢީދުކުރުމުގެ ވިސްނުން ނެތްކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. މައުމޫން މިހެން ވިދާޅުވެފައިވާއިރު ބައެއް ފަރާތްތަކުން ގެންދަނީ ކޮންގުރެސްގެ ތެރޭގައިވެސް މައުމޫން ޔާމީންގެ ޔަޤީން ޓީމަށް މަސައްކަތް ކޮށްދެއްވިކަމަށް ވިދާޅުވަމުންނެވެ.
ރައީސް މައުމޫންގެ ތިން ބޭފުޅުންނާއި ދަނބިދަރިފުޅު ޔާމީންގެ ޔަޤީން ޓީމުގައި ކެންޕޭން ކުރެއްވި ނަމަވެސް މައުމޫން މިއަދު ވަނީ އެމަނިކްފާނު އެއްވެސް ޓީމަކަށް ތާޢީދުކޮށްފައިނުވާނެކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ދައްކަމުންދާ އެވާހަކަތަކަށް ރައްދުދެއްވާފައެވެ.
ޕީޕީއެމްގެ ޕުރައިމަރީގައި މައުމޫން ވާދަކުރައްވާފާނަންތޯ މިއަދު ނޫސްވެރިން ރައީސް މައުމޫން އަރިހުގައި ސުވާލް ދެންނެވުން މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕުރައިމަރީއަށް އަދި އިއުލާންކޮށްފައިނުވާކަމަށެވެ. ކުރިމަތިލާ ބޭފުޅުން ސާފްވެގެން ދާނީ ޕުރައިމަރީއަށް އިއުލާންކުރުމުންކަމަށް ވިދާޅުވެ މައުމޫން އެސުވާލަށް ފުރިހަމަ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. މީގެ އިތުރުން އުމަރު ނަސީރުގެ ޓީމުގެ ފަރާތުން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބެ އިލިޔާސް އިބްރާހިމް ރިޔާސީ ޕުރައިމަރީގައި ވާދަކުރައްވާނެކަމަށް ދެކެވޭ ވާހަކަތަކުގެ ހަޤީޤަތް އެނަގިވަޑައިނުގަންނަވާކަމަށް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕުރައިމަރީގައި ވާދަކުރައްވާނެކަމަށް މިހާތަނަށް ބެލެވިފައިވަނީ އުމަރު ނަސީރާއި އަބުދުﷲ ޔާމީނެވެ. ނަމަވެސް އުމަރު ނަސީރުގެ ޓީމުގެ ބައެއް ބޭފުޅުންނާއި ހަވާލާދީ މީޑިޔާތަކުން ބުނެފައިވަނީ އުމަރުގެ ބަދަލްގައި އިލިޔާސް ޕުރައިމަރީގައި ވާދަކުރުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ.
މައުމޫން ކުރިމަތިލެއްވުމާއިމެދު އަދިވެސް ވަކި އެއްޗެއް ވިދާޅެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ