ބްލޮގްގައި ލިޔުނު ލިޔުމަކާ ގުޅިގެން ގާޒީ މަހާޒަށް އިންޒާރު ދޭން ޖޭއެސްސީން ނިންމައިފި

އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމަކާ ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ އަށް އިންޒާރު ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ. މަހާޒަށް އިންޒާރު ދޭން ޖޭއެސްސީން ފާސްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މަހާޒް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމަކީ ޕްރޮސެކިއުޓާ ޖެނެރަލާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު މިދިޔަ އަހަރުގެ ތެރޭގައި ހުސްވުމުން، ޖިނާއީ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މަހާޒް ލިޔުއްވި ލިޔުމެކެވެ. އެ މައްސަލާގައި މަހާޒަށް އިންޒާރު ދޭން ޖޭއެސްސީން ފާސް ކުރުމުގެ ކުރިން އެ މައްސަލަ ބަލަން އެކުލަވާލި ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ވެސް ނިންމީ މަހާޒަށް އިންޒާރު ދިނުމަށެވެ. ޕީޖީގެ މަގާމުގައި މިދިޔަ އަހަރު ހުންނެވި އަހުމަދު މުއިއްޒު އިސްތިއުފާ ދެއްވުމުން އާ ޕީޖީއަކު އައްޔަން ނުކުރެވެނީސް ޑެޕިއުޓީ ޕީޖީއަކަށް ހުންނެވި ހުސައިން ޝަމީމް ވެސް ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފަ އެވެ. އެކަމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލާއި ސުޕްރީމް ކޯޓުން ބުނެފައިވަނީ ޕީޖީ އަދި ޑީޕީޖީ ނެތަސް ޖިނާއީ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ކުރިން ޕީޖީ އޮފީހުގެ ވަކީލުކަން ވެސް ކުރެއްވި މަހާޒް އޭނާގެ ބްލޮގްގައި ލިޔުއްވީ ޕީޖީ ނުވަތަ ޑީޕީޖީ ނެތި ޖިނާއީ ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ