ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާއާއި މަޖިލީހުގެ ނައިބު ރައީސް ޕީޕީއެމްއާއި ގުޅިވަޑައިގެންފި

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރިޒާ ވިދާޅުވީ ޕީޕީއެމްގެ މެމްބަޝިޕް ފޯމް މިހާރު ފުރާފައިވާ ކަމަށެވެ. އަދި އެ ޕާޓީއަށް ގުޅެން ނިންމީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ރަނގަޅު ޕާޓީއަކީ ޕީޕީއެމް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
"އަޅުގަނޑު މިއަދު މިހާރު އެ ޕާޓީއަށް ގުޅުމަށް މެމްބަޝިޕް ފޯމްވެސް ފުރައިފިން. އަޅުގަނޑު ޕީޕީއެމްއަށް ގުޅެން ނިންމީ އެ ޕާޓީއަކީ އަޅުގަނޑަށްވެސް ގަބޫލު ކުރެވޭ އަދި އަޅުގަނޑުގެ ދާއިރާގެ ގިނަ ބަޔަކުވެސް ގަބޫލުކުރާ ޕާޓީއަކަށް ވީމަ،" ރިޒާ ވިދާޅުވިއެވެ.
ރިޒާ މިއަދު ޕީޕީއެމްއަށް ގުޅިވަޑައިގެންނެވި އިރު، ސީއެންއެމްއަށް ކަށަވަރު ވެފައިވާ ގޮތުގައި ނާޒިމް ވަނި އިއްޔެ ޕީޕިއެމްއަށް ގުޅިވަޑައިގެންފައެވެ. ނާޒިމް އަކީ މަޖިލީހުގައި ޕީޕަލްސް އެލަޔަންސް (ޕީއޭ) ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރުކަން ފާހަގަ ކޮށްލެވެއެވެ.
ރިޒާއާއި ނާޒިމް ޕީޕީއެމްއަށް ގުޅިވަޑައިގަތުމާއި އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 21 އަށް އިތުރުވެފައެވެ. މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އޮތްއިރު، މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ތިއްބެވީ 30 މެމަބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ