މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ މުހަންމަދު އަދި ނައިބު ރައީސް އަކަށް މިދިޔަ ދައުރުގައިވެސް އެ މަގާމުގައި ތިއްބެވި އަލާއު އަލީ އާއި އަދުނާނު ހަލީމު ހަމަޖައްސަވައިފިއެވެ.
ޝީ ބިލްޑިންގްގެ އަސަރީ މާލަމުގައި މިރޭ ބޭއްވި މަސީގެ އަހަރީ ޖަލްސާގައި ރައީސް އާއި ނައީބު ރައީސުންނަށް އިތުރު ބޭފުޅުން ކުރިމަތި ނުލާތީ އެ ބޭފުޅުން ހޮވިވަޑައިގެންނެވީ ވޯޓަކާއި ނުލައެވެ. އަދި ހަޒާންދާރަކަށް ހޮވިފައިވަނީ ޖިލްވާޒް އެވެ. ހަޒާންދާރުގެ އެސިސްޓެންޓަކަށް ހޮވިފައިވަނީ އަހުމަދު އަބްދުލް އަޒީޒް އެވެ.
އެގްޒެކްޓިމް ބޯޑު މެމްބަރުންނަށް ހޮވިފައިވަނީ ފާއިތުވި ދެ އަހަރު މަސީގެ ރައީސްކަން ކުރައްވާފައިވާ މުހަންމަދު އަލީ ޖަނާހު އާއި މުހަންމަދު ސައީދު އާއި ސައުދުﷲ ހިލްމީ އާއި ފަރާޒް މަންސޫރު އާއި ހަސަން ޝަމީމްގެ އިތުރުން މުހަންމަދު ޖިލްވާޒް ޖައުފަރު އެވެ.
އަންނަ އަހަރަށް މަސީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފާސް ކޮށްފައިވަނީ 728،529.45ރ. ގެ ބަޖެޓެކެވެ. އަދި އަންނަ އަހަރު ނިމޭއިރު ދަރަނިވެރި ނުވެ، ކަނޑައެޅިފައިވާ ބަޖެޓުން 11،782.55ރ. ބާކީ އޮންނާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
މިރޭގެ ޖަލްސާގައި ފާއިތުވި ދެ ދައުރުގެ ރައީސް ޖަނާގެ ބަޔާނެއް ވަނީ އިއްވާފައެވެ. މި ބަޔާން އިއްވާފައިވަނީ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޖަނާ ރާއްޖޭން ބޭރުގައި ހުންނެވުމާއި ގުޅިގެން ނައިބު ރައީސް އަދުނާނުއެވެ.
ޖަނާގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގެ ދެވަނަ އިންޑަސްޓްރީއަކަށް ކޮންޓްރަކްޝަން އިންޑަސްޓްރީ ވެފައިވާ ކަމަށާއި، އެ ކަމަކީ މަސީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މަސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ދެ އަހަރުގެ ދައުރަކަށް ފަހު ތިންވަނަ ދައުރަކަށް ރައީސްކަން ނުކުރެއްވޭ ގޮތަށް އޮތުމުން، ރައީސް ކަމުގައި ނުހުންނެވި ނަމަވެސް އެ ޖަމިއްޔާއަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނާނެ ކަމަށް ބަޔާނުގައި ޖަނާ ވިދާޅުވެފައިވެއެވެ.
މިބައްދަލުވުމުގައި ވަނީ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް މެމްބަރުންގެ ހިޔާލު ހޯދައި ވޯޓަށްވެސް އަހާފައެވެ. އެގޮތުން އެގްޒެކްޓިވް ބޯޑުގައި މިހާރު ތިއްބަވާ މެމްބަރުންގެ އިތުރުން، އިތުރު ދެ މެމްބަރަކު އިތުރު ކުރުމަށް ހުށަހެޅުނު އިސްލާހު ވަނީ ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސް ވެފައެވެ.
އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ އިންތިހާބުގައި ކަމަށް މަސީން މައުލޫމާތު ދެއެވެ. އިސްލާހު ފާސްކުރުމުގެ ކުރިން މެމްބަރުން ވަނީ އެކަމާއި ގުޅޭގޮތުން ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން މެމްބަރުން އެންމެ ބޮޑަށް ހިޔާލު ފާޅުކޮށްފައިވަނީ ބޯޑަށް މެމްބަރުން އިތުރު ކުރާ ފަދައިން ޖަމިއްޔާއަށް މެމްބަރުން އިތުރު ކުރަން ޖެހޭ ކަމަށް ބުނެއެވެ.
މެމްބަރުންގެ ހިޔާލުތަކާއި ގުޅިގެން ނައިބު ރައީސް އަދުނާނު ވިދާޅުވީ މެމްބަރުންގެ އަދަދު 100 އިން މަތިވެފައިވާ ކަމަށެވެ. ނަމަވެސް "އެކްޓިވް" މެމްބަރުންގެ އަދަދު މިހާރު 30 ހަށްވުރެއް ދައްވެފައި ކަމަށެވެ. އެގޮތުން "އެކްޓިވް" މެމްބަރުންގެ ގޮތުގައި ބަލަނީ މަހު ފީގެ ގޮތުގައި ކޮންމެ މަހަކުވެސް 150ރ. ދައްކާ ކުންފުނިތައް ކަމަށްވެސް އަދުނާނު ވިދާޅުވިއެވެ.
މަސީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ މުހަންމަދު ހޮވިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ