15 އަހަރު ދުވަހު ޖަލުގައި ބަންދުކުރި މީހަކަށް އެހީވުމަށް ކޯޓުން އަމުރުކޮށްފި

ޗައިނާ މީހަކު 15 އަހަރު ދުވަހު ދައުލަތުން ބަންދުކޮށްގެން ގެންގުޅުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްކުރި ދައުވާ ނިމެންދެން އޭނާއަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ހަމަޖައްސައިދިނުމަށް އިމިގްރޭޝަން ކޮންޓްރޯލަރގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ގެ މައްޗަށް ސިވިލް ކޯޓުން ހޯމަ ދުވަހު ކުރި އަމުރުގައި ބުނެފައިވަނީ ވޫ މެއިޑީ (ރިޗަޑް) ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އޭނާއަށް ހުރެވޭނެ ތަނެއް ހަމަޖައްސާ ދިނުމަށާއި އަދި އޭނާގެ ބޭސްފަރުވާއާއި ކެއިން ބުއިމުގެ ހަރަދު ދިނުމަށް ކުރުމަށް އަންގާ އަމުރުކުރާކަމަށެވެ.
ސިވިލް ކޯޓުގެ އަމުރުގައި އިތުރަށް ވަނީ ވޫ މެއިޑީ އަތުގައި ކާކުކަން އަންގައިދޭ ލިޔުމެއް ނެތުމުގެ ސަބަބުން މުޖުތަމައުގައި އުޅޭ އާއްމު ފަރުދުންނެކޭ އެއްފަދައިން ހަރަކާތްތެރިވެ، އަމިއްލަ ނަމުގައި މުއަމަލާތުކޮށް ހެދުމަށް ދަތި އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އޭނާއަށް ސްޕެޝަލް ވިޒާއެއް ދިނުމަށް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް މިމައްސަލަ ނިމެންދެން އޭނާއަށް ދިނުމަށްވެސް ހުކުމުގެ ބަޔާނުގައިވެއެވެ.
ވޫ މެއިޑީ ދައުލަތުން ފުރަތަމަ ބަންދުކޮށްފައިވަނީ 04 ނޮވެމްބަރ 1993 އިން 02 އޯގަސްޓް 1994 އަށެވެ. ދެވަނަ ފަހަރު ބަންދުކޮށްފައިވަނީ 30 އޯގަސްޓް 1994 އިން 07 ފެބްރުއަރީ 2009 އަށެވެ.
ވޫ މެއިޑީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައިވަނީ އޭނާ ދިވެހި ދައުލަތުން ބަންދުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ބައިނަލް އަޤްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށާއި އަދި ދިވެހި ދައުލަތުން އޭނާ ބަންދުކޮށްފައި ބެހެއްޓުމުން އޭނާއަށް ލިބިފައިވާ އަދި ލިބެމުންދާ އެންމެހާ ގެއްލުންތަކުގެ ބަދަލު އެއްވެސް އިސްތިސްނާއެއްނެތި ދިވެހި ދައުލަތުގެ ފަރާތުން ދޭންޖެހޭނެކަމަށެވެ.
މީގެ އިތުރުން އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމުޤްރާތީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކާއި އަދި ދިވެހިރާއްޖޭގެ ބައިނަލް އަޤްވާމީ މުޢާހަދާތަކުން ތަންދޭ އެންމެ ފުޅާ މިންވަރަށް ބަދަލު ލިބުމުގެ ފުރުސަތު ވޫ މެއިޑީ އަށް ލިބިގެންވާކަމަށް ޝަރީއަތުން ކަނޑައަޅައި ދިނުމަށް އެދި ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް ވޫ މެއިޑީ ސިވިލް ކޯޓުގައިކޮށްފައިވާ ދައުވާގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ