ތުރުކީގެ ކޯޓުން ޓްވިޓާ ދޫކޮށްލައިފި
އަންކާރާ (5 އެޕްރީލް) - ތުރުކީގެ ބޮޑުވަޒީރު ރަޖަބު ތައްޔިބު އުރުދުގާންގެ އަމުރަށް އެގައުމުގައި ޓްވިޓާ ބަންދުކޮށް މަނާކޮށްފައި ވަނިކޮށް ތުރުކީގެ ދުސްތޫރީ ކޯޓުން އެކަން ބާތިލުކޮށް ޓްވިޓާ މިނިވަންކޮށްފި އެވެ. ޓްވިޓާ އަލުން ހުއްދަކޮށްފައި ވަނީ އެ ނެޓްވޯކަށް ހުރަސް އެޅުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ބަޔާންކޮށެވެ. އުރުދުގާންގެ ސަރުކާރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ޓްވިޓާ މަނާކުރީ އެ ނެޓްވޯކް މެދުވެރިކޮށް، އޭނާގެ ސަރުކާރުގެ ކޮރަޕްޝަންތަކާ ބެހޭ ލިޔެކިޔުންތަކެއް އާންމުވަމުން ދަނިކޮށެވެ. ޓްވިޓާ ހުއްދަކުރުމަށް ކޯޓުން ނިންމުމާ ގުޅިގެން އުރުދުގާންގެ ފާޑުކިޔުން އެންމެފަހުން އަމާޒުކޮށްފައި ވަނީ ކޯޓަށެވެ. މި ފާޑުކިޔުންތަކުގެ ތެރެއިން ކޯޓުން ވަނީ، ޔޫޓިއުބް މަނާކުރަން ސަރުކާރުން ކުރި މަސައްކަތް ވެސް ހުއްޓުވައިފަ އެވެ. ޓްވިޓާ އާއި އެހެން ސޯޝަލް ނެޓްވޯކްތަކަށް އުރުދުގާންގެ ސަރުކާރުން ހުރަސް އަޅަމުންދާތީ އެމެރިކާ އާއި ނޭޓޯއާ އެކު ވަރަށް ގިނަ ޖަމާއަތްތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އުރުދުގާންގެ ސަރުކާރުން ވަނީ އޭނާ އަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވެސް މިފަހުން ވަޒީފާއިން ވަކިކޮށްފަ އެވެ. ޓްވިޓާ އަލުން ހުޅުވާލި ހުއްދައަށް އިހްތިރާމް ނުކުރައްވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވަމުން އުރުދުގާން ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާ އިން ގައުމުގެ އިއްޒަތާއި އަގު ނަގާލައިފި ކަމަށާއި އާންމުން ދަނީ ޓްވިޓާގައި ގައުމުގެ ބޮޑުވަޒީރާއި ދެން ތިއްބެވި ވަޒީރުންގެ އަބުރަށް ވެސް އަރައިގަންނަމުން ކަމަށެވެ. އުރުދުގާން ވިދާޅުވަނީ ސޯޝަލް މީޑިއާތަކަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅިފައިވާ ބައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވަނީ އެއީ ވިޔަފާރީގެ އުސޫލުން ހިންގާ ކުންފުނިތަކަކަށް ވާއިރު އެފަދަ މީޑިއަމްތަކާ އެކު އާންމުންކުރާ ވިޔަފާރިއަކީ މިނިވަންކަމާ ބެހޭ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ