މާދިއްގަރުފަޅު ސަރުކާރުން އަތުލި މައްސަލަ ވެސް ކޯޓުން ނިމުނީ ވިލާއާ އެއްކޮޅަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކުރި ކ. މާދިއްގަރު ފަޅުގެ އެއްބަސްވުން ސަރުކާރުން ބާތިލްކޮށް، އެ ފަޅު އަތުލީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ މާދިއްގަރު ފަޅުގެ އެއްބަސްވުން ސަރުކާރުން އުވާލައި، އެތަން އަތުލީ ވިލާ އަށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރުން ބާތިލް ކުރުމުގެ ތެރޭގަ އެވެ. އެ މައްސަލަތައް ވަކިވަކިން ވިލާ އިން ކޯޓަށް ހުށަހަޅާފައިވާ އިރު މިހާތަނަށް ކޯޓުން ނިމުނު ހުރިހާ މައްސަލައެއް ވެސް ނިމުނީ ވިލާއާ އެއްކޮޅަށެވެ. އެ މައްސަލަ ވިލާ އިން ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ކުރި ހުކުމުގައިވަނީ އެ އެއްބަސްވުން އުވާލި ކަމަށް އަންގައި، ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިހަކީ އެއްބަސްވުމާ ޚިލާފް ބާތިލް ނޯޓިހެއް ކަމަށް ކަނޑައަޅާ ކަމަށެވެ. މިހާތަނަށް ނިމިފައިވަނީ ތިން ފަޅަކާއި ތިން ރަށެއްގެ މައްސަލަ އެވެ. ބާކީ ހުރި ރަށްތަކާއި ފަޅުތަކުގެ މައްސަލަ އަދިވެސް ކޯޓުގައި ދަނީ ކުރިއަށެވެ. އެ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ބާތިލް ކުރުމުގެ އިތުރުން އެ ތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ވެސް އޭރު ސަރުކާރުން އެންގި އެވެ. އެކަމަކު ފަހުން ވަނީ ފައިސާ ދައްކަން ދިން މުއްދަތު އިތުރުކޮށްދީފަ އެވެ. ސަރުކާރުގެ އެ ފިޔަވަޅުތަކުގެ ސަބަބުން ވިލާ އަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި އެވެ. އެ ފިޔަވަޅުތައް އެޅި ދުވަސްވަރަކީ ސަރުކާރާ ދެކޮޅަށް އެމްޑީޕީއާ އެކު ގާސިމް މަސައްކަތް ކުރެއްވި ދުވަސްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ