އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ފަށައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސްކޫލް ކުދިންނަށް ހާއްސަ ކޮށްގެން ބާއްވާ މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ. މި މުބާރާތް މި ފަހަރު ތިން އުމުރު ފުރައަކުން ކުރިއަށްދާނެ އެވެ. އެއީ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. ކޮންމެ އުމުރު ފުރައަކުން ވެސް އަންހެން އަދި ފިރިހެން ބައި ސްކޫލުތައް ވާދަކުރާނެ އެވެ. މި މުބާރާތުގައި އިއްޔެ ވަނީ ފަސް މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ 14 އަހަރުން ދަށުގެ ބައިން ބ.ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލެވެ. މި މެޗު ސީދާ ދެ ސެޓުން ގެންދިޔައީ ގޮއިދޫ ސްކޫލުންނެވެ. ދެވަނަ މެޗުގައި 14 އަހަރުން ދަށުގެ އަންހެން ބައިން އަމީނިއްޔާ ސްކޫލު އަތުން ގޮއިދޫ ސްކޫލު ވަނީ މޮޅުވެފަ އެވެ. އަދި އިމާދުއްދީން ސްކޫލުން ވަނީ ތާޖުއްދީން ސްކޫލާ ވާދަކޮށް މޮޅުވެފަ އެވެ. މި މުބާރާތުގައި ރޭ ކުޅުނީ 16 އަހަރުން ދަށުގެ އަންހެން ބައިގެ ދެ މެޗެވެ. ފުރަތަމަ މެޗުން ގޮއިދޫ ސްކޫލް މޮޅުވީ އިމާދުއްދީން ސްކޫލާއި ވާދަކޮށެވެ. ދެވަނަ މެޗުގައި އަމީނިއްޔާ ސްކޫލުން ވަނީ ތާޖުއްދީން ސްކޫލްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މުބާރާތުގައި މި ފަހަރު ވާދަކުރާނީ ބ. ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސީއެޗްއެސްއީ އެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ވެސް ފަސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ