ގާސިމް ޖޭއެސްސީން ވަކިކުރުމުގެ މައްސަލަ އެޖެންޑާ އިން ނަގައިފި

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާ އިން ނަގައިފި އެވެ. ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ފަރާތުން ޖޭއެސްސީގައި ހުންނަވާ މެމްބަރު އެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މިއަދުގެ އެޖެންޑާ އިން ނެގީ، އިތުބާރު ނެތްކަމުގެ ވޯޓުތައް ނަގަން ޖެހޭނީ ސިއްރުން ކަމަށް ބުނެ، އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ނިޒާމީ މައްސަލަތައް ނަގާފައި ވަނިކޮށެވެ. އިއްޔެގެ ޖަލްސާގައި ކުރިއަށް ގެންދަން އެޖެންޑާކޮށްފައި އޮތް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައިގެ ވޯޓު ވެސް ނުނެގުނީ އެހެންވެ އެވެ. އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލަތަކުގައި ސިއްރު ވޯޓު ނަގަން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ވަނީ ބާތިލޮށްފަ އެވެ. ނަމަވެސް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 177 ވަނަ މާއްދާ އަށް ގެނައި އެ އިސްލާހު ސުޕްރީމް ކޯޓުން ބާތިލުކުރުމުން، "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް އަދި ރައްޔިތުންގެ މަޖިލީހުން އަމަލުކުރައްވަމުން އައިސްފައިވާ މާއްދާ އަށް ވެގެންދާނެ ގޮތެއް ސާފު ނޫން" ކަމަށެވެ. އެހެންވެ އެ މައްސަލަ ދިރާސާކުރުމަށް އާންމު ކޮމިޓީ އަށް ފޮނުއްވާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވި އެވެ. މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް، ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގެ އިތުރުން، ނުނިމި ހުރި ބައެއް ބިލުތަކުގެ ބަހުސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ