ގަވާއިދާ ހިލާފަށް ކާނިވާ ސަރަހައްދުގައި ތިބި ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނީ ކޯޓުން ގޮތެއް ނިންމުމުން: ކައުންސިލް
ކުލި ނުދައްކައި އަދި ވިޔަފާރި ހުއްދަ ވެސް ނެތި ކާނިވާ ސަރަހައްދުގައި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅެއް އެޅޭނީ ކޯޓުގައި ހުރި މައްސަލަތައް ނިމިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ. ސިޓީ ކައުންސިލްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ކުލި ނުދައްކައި ހުރި ގިނަ ތަންތަނުގެ މައްސަލަ މިހާރު ވަނީ ކޯޓުގައި ކަމަށާއި އެ ތަންތަނާ މެދު ވަކި ގޮތަކަށް އަމަލު ކުރެވޭނީ ކޯޓުން މައްސަލަތައް ނިިންމުމުން ކަމަށެވެ. އަދި ކަރަންޓާއި ފެން ބިލް ނުދައްކާ ތަންތަން ބަލަމުން އަންނަ ކަމަށާއި ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ފަރާތާ މުއާމަލާތްކުރުމަށް ދަތިތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެއްބަސްވުމުގައި މި އޮންނަނީ ވަކި ބަޔަކަށް ދީފައި އިއުލާންކޮށްގެން. އެހެން ނަމަވެސް ބައެއް ތަންތަން އެބަހުރި ކުރީގައި އެ ތިއްބެވި ބޭފުޅުން އެތަން ތަނުން ނުކުމެވަޑައިނުގަންނަވާތީ، ފުލުހުންނަށް އެންގިޔަސް އެކަންކަން ފުލުހުންނަށް ވެސް ނުހުއްޓުވޭތީ ނުނިކުމެ. އެހެންވުމުގެ ސަބަބުން އެއްކަލަ އެގްރީމަންޓްތައް ކުރެވިފައި ހުރި ބޭބޭފުޅުންނަށް ވެސް އެތަންތަން ހަވާލުނުކުރެވޭ. އެ ތަންތަނުން ނުކުމެވަޑައިގަތުމަށް ދެންނެވީމާ އެ ބޭފުޅުން މި މައްސަލަތައް ލައްވަނީ ކޯޓަށް،" ޝިފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޓީ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ މައްސަލަ މިހާރު ވަރަށް ބޮޑުވެފައިވާތީ އެ ކަމަށްޓަކައި އުސޫލްތަކެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އުސޫލް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އިދާރީ ގޮތުން ކުރަންޖެހޭ ބައެއް މަސައްކަތްތަކާއި ގާނޫނީ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެ އުސޫލް އިއުލާން ކުރައްވާނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. "އެގްރީމަންޓްތައް ހެދުމަށް ފަހުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ބައެއް ފަރާތްތަކުން އެބަ އެހެން ފަރާތްތަކަށް، އެގްރީމަންޓްތަކުގައި ސޮއިކޮށް އެހެން ފަރާތްތަކާ ހަވާލުކުރެވޭ. އެހެން ހަވާލުކުރެވޭ އިރު ބައެއް ފަރާތްތަކުން އެކަށީގެންވާ މައުލޫމާތު ސިޓީ ކައުންސިލާ ހިއްސާ ނުކުރުމުގެ ސަބަބުން ހަގީގަތުގައި ވެރިފަރާތާ އަޅުގަނޑުމެންނާ ކޮމިއުނިކޭޓް ކުރަން އުނދަގޫވާ ކަންކަން އެބަ އާދޭ،" ޝިފާ ވިދާޅުވި އެވެ. ޑެޕިއުޓީ މޭޔަރު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ތިބި މީހުން، ކުލި ނުދައްކައި އެތައް މަސްތަކެއް ވެގެން ދިއުމުން ދައުލަތަށް ލިބެން ޖެހޭ ބޮޑު އާމްދަނީއެއް ހުއްޓިފައިވާ ކަމަށެވެ. އަދި ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސްކޮށްދިނުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. ކާނިވާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ތިބި ފަރާތްތަކަށް، އެތައް ފަހަރެއްގެ މަތިން އެ ތަންތަނުން ނުކުތުމަށް ވަނީ އަންގާފައި ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެ އެވެ. އަދި ތަނުގައި ތިބި، މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ތަން ހުސް ނުކުރުމުން ތަނުގެ ވިޔަފާރި ހުއްދަ ފެބްރުއަރީ 2013 ގައި ވަނީ ބާތިލްކޮށްފައި ކަމަށް ކައުންސިލުން ކުރިން ނެރުނު ބަޔާނެއްގައި ވެ އެވެ. ފުލުހުން މެދުވެރިކޮށް، އެތަނުގަައި ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ކުރި މަސައްކަތަށް ފުލުހުންގެ އެއްބާރުލުން ނުލިބުނު ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ