ސާވިސް އެލަވަންސް ނުކެނޑޭނެ ކަމަށް ޓްރައިބިއުނަލުން ނިންމި މައްސަލަ ހައި ކޯޓުން ބަލައިގެންފި
ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނި ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ނިންމުން އިސްތިއުނާފްކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ. ސިވިލް ސާވަންޓުން ސަލާމް ބުނެފި ނަމަ ސާވިސް އެލަވަންސުން ފައިސާ ކަނޑާނެ ކަމަށް ސިވިލް ސާވިސް ގަވާއިދުގައި އޮތަސް އެގޮތަށް ފައިސާ ނުކެނޑޭނެ ކަމަށް ޓްރައިބިއުނަލުން ނިންމީ ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ސީއެސްސީ އިން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ސާވިސް އެލަވަންސް އުނި ނުކުރެވޭނެ ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ސީއެސްސީން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އެގޮތަށް ފައިސާ އުނި ކުރެވޭ ގޮތަށް އޮންނަ ސިވިލް ސާވިސް ގަވާއިދުގެ މާއްދާ ބާތިލްކުރަން އަމިއްލަ ފަރާތަކުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ވެސް ހައި ކޯޓުން ވަނީ ކުރިން ބަލައިގެންފަ އެވެ. ސަލާމް ބުންޏަސް ސާވިސް އެލަވަންސުން ފައިސާ އުނި ކުރެވޭ ބައި އުވާލަން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ލަފާ ދެއްވިޔަސް ސީއެސްސީން އެ ލަފައަށް އަމަލެއް ނުކުރެ އެވެ. އަދި އެގޮތަށް ފައިސާ އުނިކުރެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ