ސިއްހީ ހިދުމަތް ދޭ ތަނަކުން ކަރަންޓް ކަނޑާލުމަކީ އަނިޔާއެއް: ޑރ. ޝަކީލާ

ކަރަންޓް ބިލް ބޮޑުވި މައްސަލާގައި ހައްލެއް ހޯދަން އެދި ހުށަހަޅާފައި ވަނިކޮށް، ސިއްހީ ހިދުމަތް ދޭ ތަނަކުން ކަރަންޓް ކަނޑާލުމަކީ އިންސާނިއްޔަތަށް ދެވޭ ހިމާތަވެރި އަނިޔާއެއް ކަމަށް، މި ސަރުކާރުގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ. އޭނާގެ ހިއްސާ އޮންނަ ސިމްޑީ ގްރޫޕުން ހިތަދޫގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލް، އައިއެމްޑީސީން އިއްޔެ ކަރަންޓް ކަނޑާލި މައްސަލާގައި ޝަކީލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހައްލެއް ހޯދަން ފުރުސަތެއް ނުދީ ސިއްހީ ފަރުވާ ދޭ ތަނަކުން ޖެއްސުމަށް ކަރަންޓް ކަނޑާލުމަކީ އިންސާނިއްޔަތަށް ދެވޭ ހިތާމަވެރި އަނިޔާއެއް" ކަމަށެވެ. އައިއެމްޑީސީން ކަރަންޓް ކަނޑާލީ މާޗު އަދި އެޕްރީލް މަހުގެ ކަރަންޓް ބިލާ އެތަނުން ހަވާލުނުވެގެންނެވެ. ބަލިމީހުންތަކެއް އެޑްމިޓްކޮށްފައި ތިއްބައި އައިއެމްޑީސީން ކަރަންޓް ކަނޑާލުމުން އެތަނުގެ މެނޭޖްމަންޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިއްޔެ މެންދުރު ފަހު ކަރަންޓް ކަނޑާލުމުން ހޮސްޕިޓަލްގެ މަސައްކަތް ހުއްޓުމަކަށް ވެސް އަ އެވެ. އެހެން ނަމަވެސް ރޭ ވަނީ އެތަނުގައި ހުރި ޖަނަރޭޓަރަކުން ކަރަންޓް ދޭން ފަށައިފަ އެވެ. އައިއެމްޑީސީ ހޮސްޕިޓަލުން ކަރަންްޓް ކަނޑާލުމުން ރޭ އެތަނުގައި އުއްބައްތި ދިއްލާފައި. ފޮޓޯ: އައްޑޫ ލައިވް އެތަނުގެ ބެކަޕްގައި ހުރި ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ކަރަންޓް ދޭން ފެށުނީ ރޭ ދަންވަރު 12:30 ގަ އެވެ. އޭގެ ކުރިން ހޮސްޕިޓަލް އަލިކުރަން ބޭނުން ކުރީ އުއްބައްތި އެވެ. އައިއެމްޑީސީގެ އިތުރުން ހިތަދޫގައި ހުންނަ ސިމްޑީގެ ޝޯ ރޫމުން ވެސް އާދީއްތަ ދުވަހު ވަނީ ކަރަންޓް ކަނޑާލައިފަ އެވެ. މާޗް މަހުން ފެށިގެން ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލަށް ގެނައި ބަދަލާ ގުޅިގެން އައްޑޫގެ ވަރަށް ގިނަ ވިޔަފާވެރިން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި މައްސަލާގައި ވަނީ ގިނަ އަދަދެއްގެ ސިޓީ އަށް ފެނަކަ އަށް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ