ދެ ރަށެއްގެ އާ އިންޖީނުގެ އިމާރާތް ކުރުމަށް ދެ ކުންފުންޏަކާ އެކު ފެނަކަ ކޯޕަރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފެނަކައިގެ ދަށުން ބ. އަތޮޅު ފެހެންދޫ އާއި ހއ. މާރަންދޫގައި މިހާރު ބޭނުންކުރާ އިންޖީނުގޭގެ ބަދަލުގައި އެ ދެ ރަށުގެ އާ އިންޖީނުގެ އިމާރާތްކުރުމަށް މިއަދު ހަވާލުކުރި ދެ މަޝްރޫއުގެ ޖުމްލަ އަގު 40.9 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެ އެވެ.
ފެހެންދޫ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ތްރީ ބްރަދާޒް ޕްރައިވެޓް ލިމިޓެޑަށެވެ. މިމަސައްކަތް 90 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ.
މާރަންދޫ އިންޖީނުގެ ހަދަން ހަވާލުކުރީ ލަތީފް ކޮންސްޓްރަކްޝަނަށެވެ. މިމަސައްކަތް ނިންމަން ދީފައިވަނީ 190 ދުވަހެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މިދެ ރަށުގެ އާ އިންޖީނުގޭގެ މަސައްކަތް ނިމުމުން މި ދެރަށަށް ވެސް ފުރިހަމަ ހިދުމަތްތަކެއް ދެވޭނެ ކަމަށާއި އަދި މިހާރު ދިމާވާ މައްސަލަތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަނުން އަތޮޅު ތެރޭގައި ހިންގާ އިންޖީނުގެތަކާއި ޖަނަރޭޓަރުތައް އާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކަރަންޓްގެ މައްސަލައަށް އެދެވޭ ހައްލުތަކެއް ނުލިބޭ ކަމަށް ބުނެ ބައެއް ރަށްރަށުގެ ރައްޔިތުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.
ދެ ރަށެއްގެ އާ އިންޖީނުގެ އިމާރާތްކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ