ޕާޓީގެ މަގާމެއް އިޚުތިޔާރު ނުކުރީ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރުމަށް: އާދަމް ޝަރީފް

ޕީއެންސީގެ މަގާމަކަށް ވަޑައިނުގަތީ ދާއިރާގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށް ޕީއެންސީގެ ޕާލަމަންޓަރީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސްގެ ކުރިން އިންތިޚާބު ކުރެވުނު ލީޑާޝިޕްގައި އާދަމް ޝަރީފް ހުންނެވީ ވަގުތީ ނާއިބުރައީސްގެ މަގާމުގައެވެ. ނަމަވެސް ނިމިގެންދިޔަ އެ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ އެއްވެސް މަގާމަކަށް އެމަނިކުފާނު ކުރިމައްޗެއް ނުލައްވައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފައިވާ އާދަމް ޝަރީފް ވިދާޅުވީ ޕާޓީގެ މަގާމަކަށް ވަޑައިނުގަތީ ދާއިރާގެ ރައްޔިތުންގެ ޚިދުމަތަށް ވަގުތު ދެއްވުމަށް ކަމަށެވެ. މީދޫއާއި މަޑުއްވަރީ ރައްޔިތުން މިހާރުން މިހާރަށް ވެސް ބޭނުންވާ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން ހާސިލްކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމީ ވަރަށް ބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.
"މަޑުއްވަރީގައި ފަޅުގެ ދަތިކަމާއި ބިމުގެ ދަތިކަން އެހާ ބޮޑު. އަދި މީދޫގައި ވެސް ބިމުގެ ދަތިކަން އެބައޮތް. އަދި ފުޓުބޯޅަ ކުޅޭނެ ދަނޑަކާއި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި މިހުރިހާ ކަމެއް އޮތުމާ އެކީގައި އަޅުގަނޑު މިފަހަރު އިޚުތިޔާރު ކުރީ ވީހާބޮޑަކަށް ދާއިރާގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފުރުސަތު ހޯދުމަށް. ޕީއެންސީގެ ނާއިބުރައީސަކަށް ކުރިމަތިލުމަށްވުރެ ބޮޑަށް ޕީޕީއެމް ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރުން އިޚުތިޔާރުކުރީ" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އިސްކަންދެއްވާނީ މަޖިލީސް ތެރެއިން ޕީޕީއެމް ޕީއެންސީ ތަމްސީލުކުރެއްވުމަށް ކަމަށެވެ. ޕީޕީއެމާއި ޕީއެންސީ އެކުގައި މަސައްކަތް ކުރެވޭއިރު ދެޕާޓީގެ ޖޮއިންޓް ޕާލަމަންޓަރީ ގުރޫޕްގެ ލީޑަރަަކަށް ހުންނަވާނީވެސް އެމަނިކުފާނު ކަމަށް އުންމީދުކުރެއްވޭ ކަމަށް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ސަރުކާރަށް އޮތް ނަމަވެސް ސަރުކާރު ޒިންމާދާރުކުރުމަށް މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށެވެ. ޕްރޮގްރެސިވް ކޯލިޝަނުން މަސައްކަތް ކުރާނީ ގައުމީ މަސްލަހަތުގައި ކަމަށާއި މަޖިލީހުގެ ތެރެއިން ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށް ވިދާޅުވިއެވެ.
ޕީއެންސީގެ ރައީސްގެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިނުލައްވާތީ އެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ ވަނީ ވޯޓަކާ ނުލައި އައްޔަންކޮށްފައެވެ. ޕީއެންސީގެ ނާއިބުރައީސުންގެ ގޮތުގައި އިންތިޚާބުކޮށްފައިވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. އަދި ޕާޓީގެ ކައުންސިލަށް ވަނީ 25 ބޭފުޅަކު އިންތިޚާބު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ