ލަންކާ ފުލުހުންގެ ވެރިޔާ، ރައީސް ސިރިސޭނާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި

ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ރައީސް މައިތުރިޕާލަ ސިރިސޭނާ ކަމަށް ވިދާޅުވެ، މިހާރު މަގާމުން ސަސްޕެންޑް ކޮށްފައިވާ ފުލުހުންގެ ވެރިޔާ އިންސްޕެކްޓަރ ޖެނެރަލް ޕުޖީތު ޖަޔަސުންދަރާ، ސްރީލަންކާގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވައިފިއެވެ.
ޕެޓިޝަންގައި ފުލުހުންގެ ވެރިޔާވަނީ، ބޮމުގެ ހަމަލާތައް ދެވުނީ ސިރިސޭނާ ފެއިލްވުމުގެ ސަބަބުން ކަމަށް ވިދާޅުވެ، ރައީސް ސިރިސޭނާ ވަރަށް ބޮޑަށް ކުށްވެރިވެސް ކުރައްވާފައެވެ.
އިންސްޕެކްޓަރ ޖެނެރަލް ޕުޖީތު ޖަޔަސުންދަރާވަނީ 20 ސޮފްހާގެ ޝަކުވާ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.
އެގޮތުން، ޖާސޫސީ އިދާރާތަކާއި، ސަރުކާރުގެ ސަލާމަތީ ބާރުތަކާ ދެމެދު މުއާސަލާތު ކުރުމުގައި ސީރިއަސް ގެޕްތަކެއް ނުވަތަ ހުސްތަންތަން އެބަހުރިކަން އޭނާ ހާމަކުރައްވާފައި ވެއެވެ.
ޖަޔަސުންދަރާ ވިދާޅުވީ، އިސްލާމީ ހަނގުރާމަވެރިންގެ މައްސަލަތަކެއް ތަހްގީގު ކުރަމުން ގެންދަނިކޮށް އެކަން ހުއްޓުވުމަށް، ޖާސޫސީ މައި އިދާރާ، ސްޓޭޓް އިންޓެލިޖެންސް ސަރވިސްއިން މިދިޔަ އަހަރު އޭނާއަށް އަމުރުކުރި ކަމަށެވެ.
ސްޓޭޓް އިންޓެލިޖެންސް ސަރވިސްއަކީ ސީދާ ރައީސް ސިރިސޭނާއަށް މައްސަލަތައް ރިޕޯޓްކުރާ އިދާރާއެކެވެ.
ޖަޔަސުންދަރާ ވިދާޅުވީ، ފުލުހުންގެ ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދިޔަ ތަހްގީގުގައި ނޭޝަނަލް ތައުހީދު ޖަމާއަތުގެ މައްސަލަތަކެއްވެސް ހިމެނޭ ކަމަށެވެ. ކޮޅުނބަށް ދެވުނު ހަމަލާތަކުގެ ޒިންމާ ސަރުކާރުން އަޅުވާފައިވަނީ އެ ޖަމާއަތުގެ ބޮލުގައެވެ.
ޖަޔަސުންދަރާ ވިދާޅުވީ، ނޭޝަނަލް ތައުހީދު ޖަމާއަތުން ބޮމުގެ ހަމަލާއެއް ދީފާނެކަމަށް ބުނެ އަވަށްޓެރި އިންޑިއާއިން ހިއްސާކުރި ޖާސޫސީ މައުލޫމާތު، ސްރީލަންކާގެ ސްޓޭޓް އިންޓެލިޖެންސް ސާރވިސްގެ ވެރިޔާ ނިލަންތާ ޖަޔަވަރްދަނާ ސީރިއަސްކޮށް ނުނަންގަވާ ކަމަށެވެ.
ހަމަ އެއާއެކު، އިންޑިއާއިން ފޯރުކޮށްދިން ޖާސޫސީ މައުލޫމާތު ސްޓޭޓް އިންޓެލިޖެންސް ސަރވިސްއިން ފުލުހުންނާވެސް ހިއްސާ ނުކުރާ ކަމަށް ޖަޔަސުންދަރާ ވިދާޅުވިއެވެ.
އެހެން ނަމަވެސް، އެ މައުލޫމާތު އެހެންގޮތަކުން ލިބިގެން ފުލުހުންގެ އިސްވެރިންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށާއި، ޖާސޫސީ އިދާރާއިން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް، ފުލުހުންގެ ވެރިޔާ ޖަޔަސުންދަރާ ސުޕްރީމް ކޯޓަށް ހުށަހެޅި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރައީސް ސިރިސޭނާ، ފުލުހުންގެ ވެރިޔާ އިންސްޕެކްޓަރ ޖެނެރަލް ޕުޖީތު ޖަޔަސުންދަރާ މަގާމުން ސަސްޕެންޑް ކުރެއްވީ، ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުއްލަވަން ދެކޮޅު ހެއްދެވުމުންނެވެ.
ޖަޔަސުންދަރާ ވިދާޅުވީ، ޒިންމާ އުފުއްލަވައި މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފިނަމަ ޑިޕްލޮމެޓިކް ވަޒީފާއެއް ދޭންވެސް އޭނާއަށް ހުށަހެޅުނު ކަމަށެވެ. ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރެއްވީ ކަމަށް ވިދާޅުވެފައި ވެއެވެ.
ޖަޔަސުންދަރާ ވިދާޅުވީ، ޖާސޫސީ އިދާރާތައް ފެއިލްވެގެން ހިނގި ކަމެއްގެ ޒިންމާ އޭނާ އުފުއްލަވަން ޖެހިވަޑައި ނުގަންނަވާނޭ ކަމަށެވެ.
ޖަޔަސުންދަރާ ވިދާޅުވީ، ރައީސް ސިރިސޭނާއާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ހިނގި ކޯޅުންތަކަށްފަހު ރައީސްވަނީ އޭނާ އެއްފަރާތް ކުރައްވާފައި ކަމަށެވެ.
އަނެއްކޮޅުން، ބޮމުގެ ހަމަލާ ދިނުމުގެކުރިން އެކަން ހުއްޓުވުނީސްކަމަށް ވިދާޅުވެ، ސްރީލަންކާގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސިސިރާ މެންޑިސް ޕާލަމެންޓް ޕެނަލްއެއްގައި ވާހަކަފުޅު ދައްކަވައި، އެކަމުގައި ރައީސްގެ އިހުމާލު އޮތްކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވި މައްސަލަވެސް ހޫނުވެފައި ވެއެވެ.
އެ މައްސަލާގައި ސިރިސޭނާވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވެވި ކަމަށާއި، ހަމަލާ ދިނުމުގެ 13 ދުވަސް ކުރިންވެސް ފުލުހުންގެ ވެރިންނާ ބައްދަލު ކުރެއްވި ކަމަށެވެ. ނަމަވެސް، ސްރީލަންކާއަށް ހަމަލާދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށް އެއްވެސް ފަރާތަކުން އޭނާ ގާތު ވިދާޅުވެފައި ނުވާ ކަމަށް ސިރިސޭނާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ