ގޭންގުތަކުގެ ނުފޫޒު ކޯޓުތަކަށް ފޯރާފައި ވާކަން އެނގޭ، އެކަމާއި ގުޅުން ހުރި މައުލޫމާތާއި ހެކި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓާއި ހިއްސާކޮށްދިނުމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގައި ސްޕްރީމް ކޯޓުން އެދިއްޖެއެވެ.
ސްޕްރީމްކޯޓުން މިކަމަށް އެދުނުކަން ހާމަކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ނޫސްބަޔާނުގައެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛު ހުސްނުސުޢޫދު ދެއްކެވި ވާހަކަފުޅު ތަކާއި ގުޅިގެން، ސުޕްރީމް ކޯޓުން ބުނެފައި ވަނީ، ޝަރުއީ ދާއިރާ އާއި ޚާއްސަކޮށް ކުރިމިނަލް ކޯޓާއި ގުޅޭ ގޮތުން އެކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި ކަންކަމުގެ ހަޤީޤަތް ހޯދައި، ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މައުލޫމާތާއި ގުޅުން ހުރި ހެކިތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާއި ހިއްސާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
އެބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އާއި ގުޅޭ ގޮތުން އަދި ޚާއްސަކޮށް ކުރިމިނަލް ކޯޓާއި ގުޅޭ ގޮތުން ހުސްނު ސުއޫދު ދެއްކެވި ވާހަކަފުޅުތަކަކީ، އަދުލުއިންސާފު ޤާއިމު ކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުހަނު ކަންބޮޑުވާ ކަަމެއް ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ އާއި މެދު އޮތް ކަންބޮޑުވުންތައް ފާހަގަ ކުރައްވައި ސުއޫދު ވިދާޅުވީ ކުރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ނުލިބޭނެ ކަމަށެވެ. އަދި ކުރިމިނަލކޯޓަށް ފަނޑިޔާރުން އައްޔަނު ކުރުމުގައިވެސް ގޭންގުތަކުގެ ނުފޫޒު އޮތްކަމަށާއި ފަނޑިޔާރުންނާއި ގޭންގުތައް ގުޅިގެން މީހުން ކުށުން ބަރީއަކޮށްފައިވެސް ވާކަމަށެވެ. އަދި ގޭންގުތަކާއި ގުޅުންހުރި މައްސަލަތަކުގައި ސިއްރު ހެކިބަސްދޭ ފަރާތްތަކުގެ މައުލޫމާތުވެސް ކޯޓުތެރެއިން ގޭންގުތަކަށް ފޯރުކޮށްދީފައި ވާ ކަމަށެވެ.
"ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ބައެއް ގޭންގުތައް ބޭނުންކޮށްފައި އެބަހުރި. ބައެއް ގޭންގުތަކުގެ ކޯޓާއެއް އޮންނަކަމަށް ވޭ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް. އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި... ގޭންގުތަކުން ނޮމިނޭޓްކުރާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަނު ކުރުން، ހިނގާފައި ހުރި ކަންތައް މިއީ." ނޫސްކޮންފަރެންސްގައި ސުޢޫދު ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގައި ނުރަނގަޅު އެތައްކަމެއް ހުރިކަން ފާހަގަކޮށް އެކި ފަރާތްތަކުން ވާހަކަ ދައްކަމުން ދާއިރު އަދި ކޯޓުތަކުގެ ދިފާއުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އެކަންކަމާއި ގުޅިގެން ބަޔާންތައް ނެރޭ އިރު، މިފަހަރުގެ ބަޔާނުގައި ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި ކަންކަން ދޮގުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
އެހެން ނަމަވެސް ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ ފަނޑިޔާރުން އައްޔަނުކުރަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކަމަށެވެ. އަދި ޝަރުޠު ހަމަނުވާ އެއްވެސް ފަނޑިޔާރަކު މަޤާމުގައި ނުހުންނާނޭ ކަމަށެވެ.
ގޭންގުތަކުން ކޯޓަށް ނުފޫޒު ފޯރުވާކަމުގެ ހެކި ފޯރުކޮށްދިނުމަށް ސުޕްރީމް ކޯޓުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ