ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ކުރިމިނަލް ކޯޓުން އެންގި އެންގުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި ގާސިމް އިބްރާހީމް އާލާސްކަންފުޅާ ހޮސްޕިޓަލުގައި އޮންނަވަނިކޮށް ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އިއްވިއިރު އެހުކުމުގައި ގާސިމަށް ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ގާސިމް އިބްރާހީމް ބޭސްފަރުވާ އަށް ބޭރަށް ފޮނުވަން އަމުރުކުރި ބައި ހައި ކޯޓުގައި އެޓާނީ ޖެނެރަލްގެ ފަރާތުން އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު މާޝާ ލުތުފީ ވިދާޅުވީ ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހުކުމެއް ކޮށްފައިވާ މީހަކު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް އެންގުމަކީ ކުރިމިނަލް ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
ދައުލަތުގެ ވަކީލު މާޝާ ވިދާޅުވީ ކުރިމިނަލް ކޯޓުގެ އިހިތުސޯސް އޮންނަނީ ކުޑަކުދިންގެ މައްސަލަތައް ފިޔަވާ އެހެން ޖިނާއީ މައްސަލަތައް ބަލާ ގޮތް ކަނޑައެޅުމުގައި އެކަނި ކަމަށެވެ، ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަކީ ޖިނާއީ މައްސަލައެއް ނޫން ކަމަށާ އެހެންކަމުން އެއީ ކްރިމިނަލް ކޯޓުގެ އިހުތިސޯސް ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ބޭސްފަރުވާއަށް ފޮނުވޭނީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާ ކުރިމިނަލް ކޯޓުގެ އެ ހުކުމުގައި ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް ބުނެފައި އޮތް އޮތުމަކީ ޖަލުތަކާ ޕެރޯލްގެ ގާނޫނާވެސް ހިލާފު ކަމެއް ކަމަށް ދައުލަތުގައި ވަކީލް ތަކުރާރުކޮށް ވިދާޅުވި އެވެ.
ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ މިހާރުވެސް ކަރެކްޝަނުން ހަމަޖައްސައިދެމުންދާ ކަމެއް ކަމަށާ ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެންދަނީ ކޯޓުން އަންގައިގެން ނޫންކަންވެސް ދައުލަތުގެ ވަކީލް މާޝާ ވަނީ ހައިކޯޓުގައި މިއަދު ފާހަގަކުރައްވާފަ އެވެ.
ވަކީލް ވިދާޅުވީ ގައިދީން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަނީ ރާއްޖެ އިން ފަރުވާ ކުރެވެން ނެތް ބަލިތަކުގައި ކަރެކްޝަންސްގައި އޮންނަ މެޑިކަލް ބޯޑުން ނިންމުމަށްފަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެން ކަމަށެވެ.
މިހުރިހާ ކަމަކަށް ބަލައި ދައުލަތުން އެދުނީ ގާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގައި ގާސިމަށް ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދޭންޖެހޭނެ ކަމަށް ބުނެފައިވާ ބައި ބާތިލު ކޮށް ދިނުމަށެވެ.
މި މައްސަލަ ބަންޑާރަނައިބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ނަމަވެސް އެ މައްސަލައަށް ތަދައްޚުލްވުމުގެ ފުރުސަތު ގާސިމަށް ހައިކޯޓުން ވަނީ ދީފަ އެވެ.
މިމައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. އެހެންކަމުން މިމައްސަލަގައި އިތުރުކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.
ގާސިމް ބޭރަށް ފޮނުވަން ކުރިމިނަލް ކޯޓުން އެންގި އެންގުން ބާތިލްކުރަން ދައުލަތުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ