ހެނބަދޫ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ

ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓު ކެނޑުމުގެ މައްސަލައިގައި ނ. ހެނބަދޫ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.
ހެނބަދޫ ބައެއް ރައްޔިތުން މައުލޫމާތު ދިން ގޮތުގައި ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓު ދިޔުމުގެ މައްސަލަ ދިމާވާތާ މިހާރު ފަސް ވަރަކަށް އަހަރު ވެެއްޖެ އެވެ.
މިކަމުގެ ސަބަބުން އެތައް އުނދަގޫތަކެއް ކުރިމަތިވެ ރައްޔިތުންގެ ޝަކުވާއަށް އިޖާބަ ދިނުމުގެ ގޮތުން މީގެ އެއް އަހަރު ކުރިން އަމިއްލަ ވިޔަފާރިވެރިއަކު ވަނީ އެއް ޖަނަރޭޓަރު ހަދިޔާ ކޮށްފަ ކަމަށާއި އެހެންނަމަވެސް އެއީ މައްސަލައަށް ލިބުނު ހައްލެއް ނޫން ކަމަށް އެރަށުގެ ރައްޔިތުން ވަނީ ބުނެފަ އެވެ.
ބައެއް ރައްޔިތުން ބުނި ގޮތުގައި އެތައް އަހަރު ތަކެއް ވަންދެނެް ރަށައް ދިމާވެފައިވާ މި މައްސަލައާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދާ އިރުވެސް މިކަމަށް ރަށު ކައުންސިލުން އެއްވެސް ވަރަކަށް އިޖާބަ ދީފައެއް ނުވެ އެވެ.
ރޭ މެންދަމު 12:00 ޖެހިއިރު މުޅި ރަށުން ކަރަންޓު ކެނޑި މެންދަމު ތިނަކުން ފެށިގެން ކޮންމެ ދެގަޑި އިރަކަށް ރަށުގެ އެއް ސަރަހައްދަކަށް ކަރަންޓު ދޫކުރެވިފައިވާ ކަމަށާއި މިއަދު ހަވީރުން ފެށިގެން މުޅި ރަށަށް ކަރަންޓު ލިބޭ ކަމަށްވެސް އެރަށުގެ ރައްޔިތުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މިހާރު މިކަން ހައްލު ކުރުމަށްޓަކައި ފެނަކައިގެ ބައެއް މުވައްޒަފުން އެރަށުގައި ހަރަކާތްތެރި ވަމުންދާ ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އެހެން ނަމަވެސް މިއީ ދާއިމީ ހައްލެއް ކަމަށް ނުދެކޭ ކަމަށާއި މި މައްސަލަ މިހެން ދިމާ ވަނީ މުޅި ރަށަށް ކަރަންޓު ފޯރުކޮށްދިމުނަށް ބޭނުންވާ ވޮލްޓެޖް ނުލިބުމުން ކަމަށް ވާތީ މިކަމުގެ ދާއިމީ ހައްލަކީ އިތުރު ޖަނަރޭޓާރެއް ރަށަށް ގެނައުން ކަމަށް ބުނެ އެރަށުގެ ރައްޔިތުން އަދިވެސް ދަނީ މުޒާހަރާ ކުރަމުނެވެ.
ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ބޭނުންވާ ވަރަށް ވޮލްޓޭޖް ނުލިބުމުގެ ސަބަބުން ޓީވީ އާއި ރިފްރިޖެރޭޓަރު ފަދަ އަގުބޮޑެތި ސާމާނު ހަލާކުވުމެވެ. ކޮންމެ ހަފްތާ އަކުވެސް ގާތްގަނޑަކަށް ފަސްގަޑި އިރު ވަންދެން މުޅި ރަށުން ކަރަންޓު ދާ ކަމަށް އެރަށުގެ ރައްޔިތުން ބުނެ އެވެ.
ފ. ފީއަލީގައި ހުންނަ ޖުމްހޫރީ ޕާޓިގެ އޮފީހާއި ޖުމްހޫރީ ޕާޓިގެ ޖަގަހައިިން ނޯޓިސްއެއް ދިނުމަކާ ނުލާ ކަރަންޓު ކަނޑާލާފައިވާ ކަމަށް އެރަށުގައި ހުންނަ ޖުމްހޫރީ ޕާޓިގެ ގޮފީގެ ވެރިޔާ ވެސް މިރޭ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ