މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ 83 އިންސައްތަ ދަށްވެއްޖެ

މިރާއަށް މިއަހަރުގެ ޖޫންމަހު ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 83 އިންސައްތަ ދަށްވެއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ޖޫންމަހު އެ އިދާރާއަށް ލިބިފައިވަނީ 276 މިލިއަން ރުފިޔާއެވެ. މީގެތެރޭގައި ހިމެނޭ ޑޮލަރުން ބަލައިގަތް އާމްދަނީގެ އަދަދަކީ 7.42 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ ޖޫންމަހު މީރާއަށްވަނީ ޓެކްސްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޑޮލަރުން ބަލައިގަތް އާމްދަނީގެ އަދަދު މިދިޔަ އަހަރުގެ ޖޫންމަހު ހުރީ 61.5 މިލިއަން ރުފިޔާގައެވެ.
2019 ވަނަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު މީރާއަށް ބަލައިގަތް އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީރާއިން ބުނީ އެއިދާރާއިން ބަލައިގަތް އާމްދަނީ ދަށްވެފައި ވަނީ ކޯވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ޓެކްސް ސުންގަޑިތައް ފަސްކޮށްފައިވާތީއެވެ.
މިއަހަރުގެ ޖޫންމަހު މީރާއަށް ބަލައިގަތް 206.28 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 186.5 މިލިއަން ރުފިޔާއާއި ޓެކްސް ނޫން ގޮތްތޮތުން ލިބުނު 89.5 މިލިއަން ރުފިޔާއެވެ.
ފާއިތުވި ޖޫންމަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. މީރާއަށް ބަލައިގަތް އާމްދަނީގެ 47.9 އިންސައްތަ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ހިއްސާކުރާއިރު، އެއީ 132 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީ.ޕީ.ޓީގެ ގޮތުގައެވެ. އެއީ 12 މިލިއަން ރުފިޔާއެެވެ.
ޖޫންމަހުގެ ނިޔަލަށް ދައުލަތަށް މީރާ މެދުވެރިކޮށް ލިބުނު އާމްދަނީގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 5.3 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު 8.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 39 އިންސައްތަ ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ