ވަޒީފާ އާއި މަސައްކަތު ދާއިރާގެ މައްސަލަތައް: ގައުމީ އެޖެންޑާގެ ކުރިއަށް ނެރެން ޖެހިފައި

ޝައްކެއްނެތް ގޮތުގައި ގައުމެއްގެ އެންމެ މުހިއްމު ވަސީލަތަކީ، އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް، ނުވަތަ ހިއުމަން ރިސޯސަސް އެވެ. މި ވަސީލަތްތަކުގެ ތެރޭގައި ގައުމުގައި މަސައްކަތް ކުރާ މީހުންނާއި މުވައްޒަފުންނަށް އިތުރު އަހްމިއްޔަތެއް ދޭން ޖެހެނީ، އެ އާބާދީގެ ބައިވެރިވުން އެކަށީގެންވާ ގޮތެއްގެ މަތިން ލިބިގެން މެނުވީ، ގައުމުގެ ތަރައްގީ، ވަކިން ޚާއްސަކޮށް އިގުތިސާދީ ތަރައްގީގައި ކުރިޔަށް ދިޔުން އުނދަގޫ ވާނެތީ އެވެ. އެހެނީ ގައުމީ އުފެއްދުންތެރިކަމުގައި ބިމާއި ރައުސުލްމާލާ އެއްވަރަށް މަސައްކަތް ވެސް ހިއްސާކުރާތީ އެވެ. އަދި މަސައްކަތުގެ މިލްކްވެރިންނަކީ ގައުމުގެ މަސައްކަތް ކުރާ މީހުންނާއި މުވައްޒަފުން ކަމުގައި ވާތީ އެވެ.
ނަމަވެސް 1990ގެ އަހަރުތަކާ ހަމައަށް އައި އިރު ވެސް ގައުމުގެ މުވައްޒަފުންނާއި މަސައްކަތްކުރާ މީހުންނާ މެދު އެކަށީގެންވާ ގޮތަކަށް، މި ނަޒަރުން، ބަލައިލެވިފައެއް ނެތެވެ. މަސައްކަތަކީ އޭގެ ޒާތުގައި ކަރާމާތްތެރި ކަމެއް ކަމަކަށް ބެލިފައެއް ނެތެވެ. އަދި މަސައްކަތް ކުރާ މީހުންނާއި މުވައްޒަފުންނާއި އެ މީހުންގެ ޢާއިލާތަކުގެ ޝަރަފާއި އިއްޒަތަށް ވެސް އެހާ ބޮޑަށް ބެލިފައެއް ނެތެވެ. ވަޒީފާ ދޭ ފަރާތާއި މުވައްޒަފުންނާ ނުވަތަ މަސައްކަތްކުރާ މީހުންނާ ދެމެދުގެ ގުޅުމަކީ، ސާހިބުންނާއި ނޯކަރުންގެ ދެމެދުގެ ގުޅުމެއްގެ ގޮތުގައި ބެލުމުގެ ވިސްނުން މުޅި ގައުމުގައި އޮތީ އަށަގެންފަ އެވެ. އެ ގުޅުމަކީ ހައްގުތައް ރައްކާތެރިކުރެވިގެންވާ ގާނޫނީ ގުޅުމެއްގެ ބަދަލުގައި މުސާރަ ނޫނީ އުޖޫރަ ދޭ ފަރާތަށް ބާރުތައް ލިއްބައިދޭ ގުޅުމެއްގެ ގޮތުގައި އައީ ބެލެމުންނެވެ. މަސައްކަތްކުރާ މީހުންނާއި މުވައްޒަފުންނަކީ ވަޒީފާ ދޭ ފަރާތްތަކާ އެއްފަދައިން ގައުމީ ތަރައްގީގެ ފުރިހަމަ ބައިވެރިން ކަމުގައި ގަބޫލްކުރާ މީހުން މަދެވެ.
ކަން މިހެން އޮއްވާ ރާއްޖޭގެ ފުރަތަމަ ވަޒީފާއާ ބެހޭ ގަވާއިދު 1994 ގައި ސަރުކާރުން އިއުލާންކުރި އެވެ. އެ ގަވާއިދުގައި ވަޒީފާ އަދާކުރުމާ ބެހޭ މިންގަނޑުތަކެއް ކަނޑައެޅި، އެ މިންގަނޑުތަކާ ޚިލާފް ނުވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ މީހާ އާއި ވަޒީފާ ދޭ ފަރާތާ ދެމެދު އެއްބަސްވުމެއް ހެދި ސޮއިކުރެވިގެން، ވަޒީފާ އަދާކުރެވޭ ގޮތަށް ހަމަޖެހުނެވެ. އަދި އެފަދަ އެއްބަސްވުމުގެ ދަށުން ލާޒިމްކުރާ ކަންކަން، ގަވާއިދުގައިވާ ގޮތުގެ މަތިން ހިނގާތޯ ބަލައި ކަށަވަރު ކުރުމަށް، ލޭބަ ރިލޭޝަންސް ބޯޑެއް ވެސް، ގަވާއިދުގެ ދަށުން އުފެއްދި އެވެ. އެ ގަވާއިދުން އެޅުނު ބިންގަލުގެ މަތީގައި ރާއްޖޭގެ ފުރަތަމަ ވަޒީފާއާ ބެހޭ ގާނޫނު ވަނީ 2008 ގައި ފާސްކޮށް ހިންގަން ފަށައިފަ އެވެ. އަދި އޭގެ ފަހުން ހިނގާ ދިޔަ ބާރަ ވަރަކަށް އަހަރުގެ ތެރޭގައި، އެ ގާނޫނަށް ފަސް އިސްލާހެއް ގެނަ އެވެ.
މިއީ ވަޒީފާގެ ގާނޫނަށް އަނެއްކާވެސް އިސްލާހުތަކެއް ހުށަހަޅާފައިވާ ދުވަސްވަރެކެވެ. ނަމަވެސް މަސައްކަތްކުރާ މީހުންނާއި މުވައްޒަފުންގެ އެކި ޖަމިއްޔާތަކުން، އެ އިސްލާހުތަކަށާއި ކުރިންސުރެ ހަމަޖެހިފައި އޮތް ވަޒީފާގެ ގާނޫނާ މެދު ފާޅުކުރާ ހިތްހަމަނުޖެހުމުގެ އަޑުތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގަދަވަމުންނެވެ. ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ ކޮންމެވެސް ވަރެއްގެ ގާނޫނީ އޮނިގަނޑެއް މިހާރު އޮތް ނަމަވެސް، މަސައްކަތްކުރާ މީހުންނާއި މުވައްޒަފުންނާ ދެމެދު ވަޒީފާ ދޭ ފަރާތްތަކުން ދެކޭ ގޮތާއި އަމަލްކުރާ ގޮތަށް މާ ބޮޑު ބަދަލެއް ނައުމާއި، ގައުމުގެ ވަޒީފާގެ ބާޒާރު ފުޅާވެ ތަރައްގީވަމުން އައިސްފައިވާ މިންވަރަށް ކަމާ ބެހޭ ގާނޫނީ އޮނިގަނޑު އަދިވެސް ފުރިހަމަކުރެވިފައި ނެތްކަމެވެ.
އެންމެ ފުރަތަމަ ގަބޫލްކުރަން ޖެހޭ ހަގީގަތަކީ 1994ގެ ވަޒީފާގެ ގަވާއިދާއި 2008 ގައި ފާސްކުރި ވަޒީފާގެ ގާނޫނު ލިއެފައި ވަނީ ގައުމުގެ ވަޒީފާގެ ބާޒާރުގެ ހުރިހާ ކަމަކަށް އަމާޒުކޮށްފައި ނުވާ ކަމެވެ. އެ ގަވާއިދާއި ގާނޫނަކީ ވެސް މައިގަނޑު ގޮތެއްގައި، ވަޒީފާ އާއި މަސައްކަތުގެ ދާއިރާގެ އިދާރީ އޮނިގަނޑެއް އުފައްދާ ހިންގުމުގެ މައްޗަށް ލިޔެ، ތަންފީޒްކުރި ދެ އިންސްޓްރުމެންޓް ކަމަށް ވާކަމެވެ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ގާނޫނަށް މިހާތަނަށް ގެނެސްފައިވާ އިސްލާހުތަކާއި، މިހާރު ހުށަހަޅާފައި އޮތް އިސްލާހުތަކުން މައިގަނޑު ގޮތެއްގައި ހާސިލުކުރެވޭ މަގުސަދަކީ ވެސް އެއީ އެވެ. ހަގީގަތުގައި، 1994ގެ ގަވާއިދު ގާނޫނަކަށް ބަދަލުވީ 2008 ގައި ތަސްދީގުކުރި ގާނޫނު އަސާސީގައި، ގާނޫނުން ބާރު ލިބިގެން މެނުވީ އެއްވެސް ގަވާއިދެއް ނުހިންގޭނެ ކަމަށް ބަޔާން ކޮށްފައި އޮތީމަ އެވެ.
މުއްސަނދިކަން ހޯދޭނީ މަސައްކަތުންނެވެ. އެހެންކަމުން ގައުމުގައި މަސައްކަތްކުރާ މީހުންނާއި މުވައްޒަފުންނަކީ އުފާވެރި، މަސައްކަތަށް އަހުލުވެރި، އުފެއްދުންތެރި ބަޔަކަށް ހެދުމަށާއި، ހިތްގައިމު މަސައްކަތު މާހައުލަކަށް މަގުފަހި ކުރުމަށްޓަކައި، ކަމާ ބެހޭ ގާނޫނީ އޮނިގަނޑު ވަރަށް ބޮޑަށް ފުރިހަމަކުރަން ވަނީ ޖެހިފަ އެވެ. ވަކިން ޚާއްސަކޮށް ކޮވިޑް-19 އަށް ފަހު ގައުމުގެ އިގުތިސާދު އަލުން ބިނާ ކުރަން ޖެހިފައިވާ ވަގުތެއްގައި، މި މޭރުމުން ކުރަން ޖެހިފައި ހުރި މަސައްކަތްތަކުގެ ނާރެހަކީ ގައުމުގެ މަސައްކަތްކުރާ މީހުންނާއި މުވައްޒަފުން ކަމަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން، އަޅުގަނޑުގެ ވިސްނުމަށް އަންނަ މުހިއްމު ކަންތައްތައް މިތާ ހާމަކޮށްލާނަމެވެ.
ހާއްސަ ވަކި ގާނޫނުތަކެއް މުހިންމު
އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، ގައުމުގެ މުވައްޒަފުންނާއި މަސައްކަތް ކުރާ މީހުންނަކީ ގައުމީ ތަރައްގީގައި ސަރުކާރާއި ވަޒީފާ ދޭ ފަރާތްތަކާ އެއްވަރަށް ހިއްސާކުރާ، ފުރިހަމަ ބައިވެރިންގެ ގޮތުގައި ބަލައިގަނެ، ގައުމީ ކަންކަމުގައި އެ އާބާދީގެ އަޑެއް އޮންނަ ގޮތަށް ވަޒީފާގެ ބާޒާރު އިންތިޒާމް ކުރަން ޖެހެ އެވެ. މުސާރަ އާއި މަސައްކަތު ގަޑި އާއި، ޗުއްޓީ އާއި މަސައްކަތު މާހައުލާ އަދި މިނޫން ވެސް މަސައްކަތާއި މަސައްކަތު މާހައުލާ ބެހޭ ކަންކަމާއި، ގައުމީ އުފެއްދުންތެރިކަމުގެ އަމާޒުތައް މުވައްޒަފުންނާއި މަސައްކަތްކުރާ މީހުންނާ މަޝްވަރާކޮށްގެން އެއްބަސްވެވޭ ގޮތެއްގެ މަތިން ހަމަޖެއްސުމުގެ ނިޒާމަކަށް މަގުފަހިކުރަން އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނެއް ފާސްކުރުމަކީ، ވަޒީފާގެ ބާޒާރުގައި މިހާރު ހުރި ހާސްކަން ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމެކެވެ.
މަސައްކަތު މާހައުލަކީ ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ހަރުދަނާ މިންގަނޑުތަކެއް ހިފެހެއްޓޭ މާހައުލަކަށް ނުވެއްޖެ ނަމަ، މަސައްކަތް ކުރާ މީހުންނާއި މުވައްޒަފުންގެ ސިއްހަތަށާއި ހަށިގަނޑަށް ފޫނުބެއްދޭ ވަރުގެ ދާއިމީ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖެ އާއި ދުނިޔޭގެ މަސައްކަތުގެ ތާރީޚް މިކަމަށް ހެކި ދެ އެވެ. އެހެންކަމުން ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ދުޅަހެޔޮ މާހައުލެއް މަސައްކަތްކުރާ މީހުންނާއި މުވައްޒަފުންނަށް ހޯދާ ދިނުމަށްޓަކައި، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ ގާނޫނެއް ފާސްކުރުމަކީ މިހާރު ވަރަށް އަވަހަށް ކުރަން ޖެހިފައިވާ ކަމެކެވެ.
ވަރަށް ގިނަ މީހުންނަށް އެ މީހުންގެ އާއިލާ އާއި، ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރިންގެ ކިބައިން، އެމީހަކު އެދޭ ލޯތްބާއި، އުޚްވަތްތެރިކަމާއި، އެހީތެރިކަން ލިބޭނެ އެވެ. އެހެންނަމަވެސް، ހަޔާތުގައި މީހުން އެދޭ ގަދަރާއި، އިއްޒަތާއި ޝަރަފާއި މަޝްހޫރުކަން އެމީހުންނަށް ލިބިދެނީ އެމީހެއްގެ މަސައްކަތުގެ ދާއިރާއިންނެވެ. ތިމާގެ ޢާއިލާ އާއި ރަޙްމަތްތެރިންގެ ތެރޭގައި ހޯދޭ ކާމިޔާބީތަކަށް ވުރެ ބޮޑަށް އާއްމުކޮށް ފާހަގަކުރެވޭ ޒާތުގެ ބޮޑެތި ކާމިޔާބީތައް ތިމާއަށް ޙާސިލް ކުރެވެނީ ވެސް ކުރާ މަސައްކަތުންނެވެ. އިންސާނީ ތަބިއްޔަތެއް ކަމުގައިވާ "ފޮނިދައްކާލުމުގެ" ފުރުސަތު ތިމާއަށް ދެނީ ވެސް ހަމަ ތިމާ ކުރާ މަސައްކަތުގަ އެވެ. ވުމާއެކު މަސައްކަތަށް އަހުލުވެރިވެ ތަމްރީން ވުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ބޮޑު އުއްމީދަކަށް ވާނެ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ލިބޭ ފައިދާ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެކެވެ. އެހެންކަމުން މީހުން މަސައްކަތަށް އަހުލުވެރިކޮށް ތަމްރީން ކުރުމުގެ ގައުމީ އޮނިގަނޑަކަށް މަގުފަހި ކުރުމަށްޓަކައި ނެޝެނަލް އެޕްރެންޓިސްޝިޕް އެންޑް ޓްރެއިނިން ގާނޫނެއް ފާސްކުރުމަކީ، ގައުމު އެދޭ ފަދަ ދުނިޔޭގެ ފެންވަރުގެ ވާކްފޯސެއް ނުވަތަ މަސައްކަތު އާބާދީއަކަށް މަގުފަހި ވެގެންދާނެ ކަމެކެވެ.
މިއަދު މުޅި ގައުމަށް ބޮޑު މައްސަލައަކަށް ވެފައި މިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ އެވެ. އެހެންނަމަވެސް، އެއީ އޭގެ ޒާތުގައި އުފެދޭންވީ މައްސަލައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ މަސައްކަތް ކުރާ މީހުންނަށާއި މުވައްޒަފުންނަށާއި އެމީހުން ކުރާ މަސައްކަތްތަކަށާއި، އެ މީހުން މަސައްކަތްކުރާ މާހައުލަށް އަޅާލުން ކުޑަވެގެން ނުކުމެގެން އުޅޭ މައްސަލައެކެވެ. ވަކި މައްސަލައެއްގެ ގޮތަށް އެކަން ޙައްލު ކުރަން އުޅުން ވާނީ ފޫ ނެތް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށެވެ.
ވަކި މިނިސްޓްރީއެއް ނެތް!
ގައުމެއްގެ މަސައްކަތާއި ވަޒީފާއާ ބެހޭ ކަންކަން ހިންގާ ބެލެހެއްޓުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޮޑު މައްސޫލިއްޔަތެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ގައުމުގައި ސަރުކާރުގެ އެފަދަ އިދާރާއެއް ފުރަތަމަ އުފެދުނީ 1982 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުގައި ޑިޕާޓްމަންޓްމަންޓް އޮފް ޕަބްލިކް ވާކްސް އެންޑް ލޭބަގެ ގޮތުގަ އެވެ. އެ ޑިޕާޓްމަންޓް 1988 ގައި ކެބިނެޓް ދަރަޖަ ލިބި މިނިސްޓްރީ އޮފް ޕަބްލިކް ވާކްސް އެންޑް ލޭބާގެ ގޮތުގައި ހަމަޖެހިގެން ދިޔަ އެވެ. އަދި 1993 ގައި އެ މިނިސްޓްރީ އުވި، މަސައްކަތާ ބެހޭ ވަޒީފާއާ ބެހޭ ކަންކަން މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރަށް ބަދަލުކުރި އެވެ. މަސައްކަތާ ވަޒީފާއާ ބެހޭ ކަންކަން 1998 ގައި ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ މަސައްކަތްތަކާ ވަކި ކުރުމަށް ފަހު، ބާރުތައް ޖަމާކުރެވިފައިވާ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެމްޕްލީމަންޓް އެންޑް ލޭބަ އުފެދުނެވެ. އެ މިނިސްޓްރީ 2008 ގައި އުވާލުމަށް ފަހު މަސައްކަތާއި ވަޒީފާއާ ބެހޭ ކަންކަން އެކި މިނިސްޓްރީތަކާއި އޮފީސްތަކަށް ބެހިގެން ގޮސް، އޭގެ ފަހުން "ލޭބަ" ނުވަތަ "އެމްޕްލޯއިމަންޓް" ނަމުން ނަންދެވިފައިވާ އޮފީހެއް ސަރުކާރުގެ ދާއިރާއަކުން ނުފެނެ އެވެ. ކަމާ ބެހޭ މަސައްކަތްތައް ކުރަމުން ގެންދަނީ މައިގަނޑު އެހެން މަސައްކަތެއް ކުރާ މިނިސްޓްރީއަކުން ނުވަތަ އޮފީހަކުންނެވެ. އެ މިނިސްޓްރީއަކުން ނުވަތަ އޮފީހަކުން ކުރާ އެންމެ މުހިއްމު އަދި އެންމެ އިސް މަސައްކަތުގެ ބަދަލުގައި، ދެވަނަ މަސައްކަތެއްގެ ގޮތުގަ އެވެ.
ފުރޮޅެމުންދާ ގާބުރިއެއްގައި ފެއްސެއް ނުޖަހާނޭ މީހުން ބުނެ އުޅެ އެވެ. ރާއްޖޭގެ މަސައްކަތާއި ވަޒީފާއާ ބެހޭ މަސައްކަތަށް ވެގެން މިދާ ގޮތަކީ އެއީ އެވެ. ސަރުކާރުގެ ދިފާއީ، ތައުލީމީ، ސިއްހީ ފަދަ މަސައްކަތްތައް ފަދައިން މަސައްކަތާއި ވަޒީފާގެ މަސައްކަތްތަކަށް އިންސްޓިޓިއުޝަނަލް ހިސްޓްރީއެއް ބިނާކޮށް، އެ މަސައްކަތްތައް ހަރުދަނާ އަދި ދެމެހެއްޓެނިވި ބިންގަލެއްގެ މައްޗަށް ގެނައުމުގެ ފުރުސަތު އެ ދާއިރާއަށް ދެވިފައެއް ނެތެވެ. ވުމާ އެކު، ކުރިމަގުގައި، ގައުމުގެ އެންމެ މުހިއްމު އެއް ވަސީލަތް ކަމުގައިވާ މަސައްކަތާއި ވަޒީފާގެ ކަންކަން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ރައްޔިތުންނަށާއި ސަރުކާރަށް ފުރިހަމައަށް ޖަވާބުދާރީ ވެވޭ ގޮތަށް ބައްޓަންކޮށް ކުރިޔަށް ދިޔުމުގެ ވަގުތު މިއޮތީ އައިސް ޖެހިފަ އެވެ.
މިއަދު މުޅި ގައުމަށް ބޮޑު މައްސަލައަކަށް ވެފައި މިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ އެވެ. އެހެންނަމަވެސް، އެއީ އޭގެ ޒާތުގައި އުފެދޭންވީ މައްސަލައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ މަސައްކަތް ކުރާ މީހުންނަށާއި މުވައްޒަފުންނަށާއި އެމީހުން ކުރާ މަސައްކަތްތަކަށާއި، އެ މީހުން މަސައްކަތްކުރާ މާހައުލަށް އަޅާލުން ކުޑަވެގެން ނުކުމެގެން އުޅޭ މައްސަލައެކެވެ. ވަކި މައްސަލައެއްގެ ގޮތަށް އެކަން ޙައްލު ކުރަން އުޅުން ވާނީ ފޫ ނެތް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. އެ މައްސަލަ އާއި، އަދި ގައުމުގެ އެހެން ވަރަށް ގިނަ މައްސަލަތައް ޙައްލު ކުރެވިގެންދާނީ، ހަރުދަނާ ލޭބަ އަދި އެމްޕްލޯއިމަންޓް ޕޮލިސީއަކާއި ގާނޫނީ އޮނިގަނޑެއްގެ ދަށުން އުފެދިގެން އަންނަ އުފާވެރި، އުފެއްދުންތެރި، އަދި ހިތްހަމަޖެހިފައިވާ މަސައްކަތު އާބާދީ އަކާއި، ދުޅަހެޔޮ އަދި އުއްމީދީ މަސައްކަތު މާހައުލަކުންނެވެ.
އެޑިޓަރުގެ ނޯޓު
އަބްދުﷲ ކަމާލުއްދީނަކީ ރާއްޖޭގެ އެންމެ ފުރަތަމަ ލޭބަ މިނިސްޓަރެވެ. ވަރަށް ޒުވާން އިރުއްސުރެ ސަރުކާރުގެ ހިދުމަތަށް ނުކުންނަވައި، ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭނާ ވަނީ ތަފާތު މަގާމުތައް ފުރުއްވައި، ވަރަށް ބުރަ ޒިންމާތަކެއް އުފުއްލަވައިފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ