އިކޮނޮމިކް ރިލީފް ޕެކޭޖަށް ކޯވިޑް ޓްރަސްޓް ފަންޑުން 363.8 މިލިއަން ރުފިޔާ ދޫކޮށްފި

ކޯވިޑް-19 އިކޮނޮމިކް ރިލީފް ޕެކޭޖަށް ކޯވިޑް ޓްރަސްޓް ފަންޑުން މިހާތަނަށް 363.8 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
އިކޮނޮމިކް ރިލީފް ޕެކޭޖަކީ ކޯވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކޭޖުގެ ތެރޭގައި ހިމެނޭ ފައިސާގެ އެހީތަކުގެ ސްކީމްތަކަށް ޚަރަދުކުރަމުންދަނީ ކޯވިޑް-19 ޓްރަސްޓު ފަންޑުންނެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން މިމަހުގެ 2ވަނަ ދުވަހާ ހަމައަށް ކޯވިޑް-19 ރިކަވަރީ ލޯން ސްކީމްތަކަށް ބޭންކުތަކަށް ވަނީ 350 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި އޭގެކުރީ ހަފްތާއާއި އަޅާބަލާއިރު، އިންކަމް ސަޕޯޓް ސްކީމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ދޫކޮށްފައިވާ ފައިސާގެ އަދަދުވަނީ 37.4 އިންސައްތަ އިތުރުވެފައެވެ. އެގޮތުން އެ ހަފްތާތެރޭ 3.8 މިލިއަން ރުފިޔާވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖްންސީއަށް ދޫކޮށްފައެވެ. މިއާ އެކު މިހާތަނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ވަނީ 13.8 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭން ކަނޑައެޅި އިނާޔަތް މިހާތަނަށް ވަނީ 2507 މީހަކަށް ދީފައެވެ. އެގޮތުން އެފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 10.1 މިލިއަން ރުފިޔާއަށް އަރައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ހަފްތާގައި އެކަނިވެސް 1450 މީހަކަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ ޢިނާޔަތުގެ ގޮތުގައި އޭޕްރީލް މަހުން ފެށިގެން 3 މަސްދުވަހު، މަހަކު ފަސް ހާސްރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ވިޔަފާރިތަކަށް ޙާއްސަ ރިކަވަރީ ލޯން ސްކީމަށް ބަލާލާއިރު، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ 290 ފަރާތަކަށް 391.7 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި އެސްޑީއެފްސީން ވަނީ 1013 މީހަކަށް 118.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
ކޯވިޑް-19ގެ ޙާލަތުގައި ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާއިރު މިދަނޑިވަޅުގައި ވިޔަފާރިތައް ބަނގުރޫޓުވުން ހުއްޓުވުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް ހުށައެޅޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިލޯނަކީ 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 3 އަހަރާއި 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ދޫކުރާ ލޯނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ