15 މިނިޓުން ނަތީޖާ ލިބޭ، އަގުހެޔޮ ޓެސްޓް ކިޓް 133 ގައުމަކަށް

ޖެނީވާ (ސެޕްޓެމްބަރު 29) - މަދު މިނިޓްކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ އަގު ހެޔޮ ޓެސްޓް ކިޓް 133 ގައުމަކަށް ފޯރުކޮށްދޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
މަދުން އާމްދަނީ ލިބޭ ގައުމުތަކަށް އަމާޒުކޮށްގެން ނެރުނު ކިޓެއްގެ އަގަކީ ފަސް ޑޮލަރެވެ. ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭ އޭގެ 120 މިލިއަން ކިޓް އުފައްދާނެ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ގައުމުތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޓެސްޓްކޮށް ނަތީޖާ ލިބެން ނަގާ ވަގުތު އިތުރުވުމުންނެވެ. ކޮވިޑް-19 އެންމެ ހަލުވިކޮށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އާއި މެކްސިކޯ ފަދަ ގައުމުތަކުގެ ހަގީގީ މަންޒަރު ސާފު ނުވަނީ ޓެސްޓްކުރެވޭ އަދަދު މަދުވުމުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
"އާ ޓެސްޓް ކިޓުން ގާތްގަނޑަކަށް 15-30 މިނިޓް ތެރޭ ނަތީޖާ ލިބޭނެ،" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެރެޔެސުސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭސް އުފައްދާ އެމެރިކާގެ އެބޮޓް ލެބޯޓްރީސް އާއި ސައުތު ކޮރެއާގެ އެސްޑީ ބަޔޮސެންސާ އިން ވަނީ 120 މިލިއަން ކިޓް އުފައްދަން އެއްބަސްވެފައި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން 133 ގައުމަކަށް ކިޓް ފޯރުކޮށްދޭނެ އެވެ.
"މިއީ ޓެސްޓް ކުރުމުގެ ގާބިލްކަމަށް އިތުރުވި އާ ބޮޅެއް. ބޮޑަށް ބަލި ފެތުރޭ ގައުމުތަކުގައި ޓެސްޓް ކުރުން އިތުރު ކުރުން ވަރަށް މުހިންމު،" ޓެޑްރޯސް ވިދާޅުވި އެވެ.
އަގު ހެޔޮ އަދި އަވަހަށް ނަތީޖާ ލިބޭ ޓެސްޓް ކިޓް އުފައްދާ ސްކީމަށް 600 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދުނިޔޭގައި މިހާތަނަށް 33,557,611 މީހުންނަށް ކޮވިޑް-19 ޖެހި 1,006,467 މީހުން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ