ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްސަލަތައް ބާތިލް ކުރުމަށް ނިންމި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާޒީ އިސްމާއީލް ރަޝީދު ފާޅުކަން ބޮޑު ގޮތެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑު ކުރީ މައްސަލައިގެ ބާވަތަށާއި ހުށަހެޅިފައިވާ ހެއްކަށް ވެސް ބެލުމަށް ފަހު ކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެއިތުރުން ޖޭއެސްސީ އިން ބުނީ އެ މައްސަލަ ތަހުގީގު ކުރާއިރު ގާޒީ އިސްމާއީލް ރަޝީދު ފަނޑިޔާރު ކަމުގައި ދެމި ހުރެއްޖެ ނަމަ ތަހުގީގު ކުރުމަށް ހުރަސް އެޅި ދާނެ ކަމަށެވެ. އެހެންކަމުން އޭނާ ދެ މަސް ދުވަހަށް ސަސްޕެންޑު ކުރުމަށް ނިންމީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ޖޭއެސްސީން ބުންޏެވެ.
އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.
އެ ހަތް ދައުވާ ވެސް މި މަހުގެ 14ވަނަ ދުވަހު ވަނީ ބާތިލްކޮށްފައެވެ. ދައުވާތައް ބާތިލް ކުރުމާއި ގުޅިގެން އޭނާ ވަނީ މިނިވަންވެފައެވެ. މި ހަތް ދައުވާ ބާތިލް ކުރި މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އަދީބު ފުރުން ވެސް ވަނީ މަނާކޮށްފައެވެ.
ގާޒީ އިސްމާއިލް ރަޝީދުގެ އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މީގެކުރިން ވިދާޅުވީ އަދީބުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ އަދީބުގެ ފަރާތުން ހުށަހެޅި ކަންތައްތަކަކަށް ބިނާކޮށްގެން ނޫން ކަމަަށެވެ. މި މައްސަލައިގައި ކޯޓުން ނިންމެވި ނިންމުމަކީ ފަނޑިޔާރަށް ފެނިވަޑައިގަތް ކަންތަތަކަކަށް ބެއްލެވުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ހުކުމްގައި އޮތީ އެންމެ ތިން ފޮޅުވަތް ކަމަށާ، އޭގައި އެ ހުކުމް ނިންމުން ނިންމެވި ސަބަބު ހިމަނާފައި ނުވާތީ ޕީޖީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އަދީބުގެ މައްސަލަތައް ބާތިލްކުރި ގާޒީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ