ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރިތެރެއަށް: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރިތެރެއަށް ކަމަށް ރައީސް ޔާމީންވެރިކަމުގެ ފުރަތަމަ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.  
މިސަރުކާރުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ޖަމީލް ހިމެނި ވަޑައިގަންނަވައެވެ. މިސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ޑޮކްޓަރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބަނޑަށްޖެހި ދެކޮޅުނުޖެހިގެން އުޅޭއިރު ވެރިން ތިބީ އެންއީއޯސީ ތެރޭގައި ބައިއަޅަންކަމަށެވެ. އަދި ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރިތެރެއަށް ކަމަށެވެ. މިސަރުކާރުގެ ތަރައްޤީ ވަޒަންކުރަނީ ވަޒީރުންގެ ދަތުރުތަކުންތޯ ޑރ. ޖަމީލްގެ ޓްވީޓް ވަނީ ސުވާލު އުފައްދަވައިފައެވެ. 
"އެމްޑީޕީއަށް ތަރައްޤީ މި ކުރެވުނީ ހުސް ކޮރަޕްޝަން ނޫންތޯ؟" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ކޯވިޑާ ގުޅިގެން ކުރެވުނު ޚަރަދުތަކުގެ އޯޑިޓް ރިޕޯރޓްތަކުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެންމެ ފަހުން ނެރުނު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޯވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ވެސް ވަނީ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައެވެ. ކޯވިޑާ ގުޅިގެން ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދިނުމަށް، ހަރަދުކޮށްފައިވާ ފައިސާގެ ތެރެއިން 9.8 މިލިއަން ރުފިޔާއަކީ ލިބުނު ހިދުމަތަށް ހަރަދުކޮށްފައިވާ ފައިސާކަން ޔަގީން ކުރެވިފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ. މިނޫންވެސް ބައެއް ކަންކަން ވަނީ އެ އޯޑިޓް ރިޕޯރޓްގައިވެސް ފާހަގަ ކޮށްފައެވެ. 
ކޯވިޑާ ގުޅިގެން ކެއިން ބުއިމުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ތަންތަނުގެ ތެރޭގައި ކަރަންޓީން އަދި އައިސޮލޭސަން ފެސިލިޓީތަކާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި ވަގުތީގޮތުން ބިދޭސީން ބޭތިއްބި ފެސިލިޓީތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ