ފްލައިން ސްކޫލް އެގްރިމެންޓުގެ މުއްދަތު އިތުރުކޮށްފި

އައްޑޫ ފްލައިން ސްކޫލްގެ އެގްރިމެންޓް ތިން މަސްދުވަހަށް އިތުރުކޮށްފި އެވެ.
ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ އެގްރިމެންޓް ހަމަވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އެކަމަކު އެގްރިމެންޓްގެ މުއްދަތު މިހާރު ތިން މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށާ އެހެންކަމުން އެގްރިމެންޓްގެ މުއްދަތު ދެން ހަމަވާނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ކަމަށްވެސް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފްލައިން ސްކޫލްގެ އެގްރިމެންޓް ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން ތިން މަސް ދުވަހަށް އިތުރު ކުރުމަށްފަހު، ގަމުގައި ފްލައިން ސްކޫލް އިތުރަށް ކުރިއަށް ގެންދިއުމާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ވަކި ގޮތެއް ނިމިފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ފްލައިން ސްކޫލްގައި ގިނަ އަދަދެއްގެ ދިވެހި ކުދިން ދަނީ ބޮޑެތި ލޯން ނަގައިގެން ކިޔަވަމުންނެވެ.
ފްލައިން ސްކޫލްގެ އެއްބަސްވުން ހަމަވެފައިވާއިރު އެތަނުގައި ކިޔަވާ ބައެއް ކުދިން ކިޔަވަންދާނެ އެހެން ތަނެއް ހޯދުމަށް އަންގާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. މިކަމާ ގުޅިގެން އެތަނުގައި ކިޔަވާ ކުދިންނާ ބެލެނިވެރިންނަ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފަލްއިން ސްކޫލްގައި 200 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނައިރު ގިނައީ ދިވެހި ކުދިންނެވެ.
ގަމުގައި ފްލައިން ސްކޫލް އިތުރަށް ކުރިއަށް ގެންދިއުމާ މެދު މަޝްވަރާ ކުރަމުންދާއިރު އިއްތިހާދެއްގެ ވެރިކަމުގައި އައްޑޫ ފްލައިން ސްކޫލް އިތުރަށް ތަރައްގީކޮށް ގަމުގައި އެއާކްރާފްޓް އިންޖިނިއަރިން ކިޔެވޭނެ މަރުކަޒެއް ގާއިމުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ގަމުގެ ފްލައިން ސްކޫލް ހަރުދަނާ ކުރުމާ އެކު އައްޑޫގައި ތިބެގެން އެއާކްރާފްޓް އިންޖިނިއަރިން ކިޔެވޭނެ އިންތިޒާމު ހަމަޖައްސަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ