ލަންކާގެ މަޖިލިސް އުވާނުލެވޭނެކަމަށް ސުޕްރީމް ކޯޓުން އަންގައިފި

ސްރީލަންކާގެ ގާާނޫނު ހަދާ މަޖިލިސް އުވާލުމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ގެޒެޓްކުރެއްވި އަމުރު، ވަގުތީ ގޮތުން ބާތިލްކޮށް، މަޖިލިސް އުވާނުލެވޭނެކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
މިއަދު ހަވީރު އެގައުމުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މަޖިލިސް އުވާލުމުގެ އަމުރު ތަންފީޒުކުރުން، ޑިސެމްބަރ މަހުގެ ހަތްވަނަ ދުވަހާާއި ހަމައަށް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށާއި، އެދުވަހުން އެކަމާއި ގުޅޭ އެންމެ ފަހުގެ އަމުރު ނެރޭނެކަމަށެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ އާންމު އިންތިހާބު، ހުއްޓާލެވޭނެއެވެ.
ސްރީލަންކާގެ ސުޕްރީމް ކޯޓުން މިއަމުރު ނެރެފައިވަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް އެގައުމުގެ ރައީސް ނިންމެވި ނިންމެވުން ބާާތިލްކުރުމަށް އެދި ދެ ސިޔާސީ ޕާޓީތަކުންނާއި، އަމިއްލަ ފަރުދުންވެސް މައްސަލަ ހުށައަޅާފައި ވަނިކޮށެވެ. ރައީސް ސިރިސޭނާގެ ނިންމުމަށް ތާއިދުކޮށްދިނުމަށް އެދިވެސް ވަނީ ބައެއް ހުށައެޅުންތައް ހުށައަޅާފައެވެ.
މިކަމާއި ގުޅިގެން ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރެވުނު ރަނިލް ވިކްރަމަސިންހަގެ ޕާޓީން ވަނީ އުފާ ފާޅުކޮށް، ރައީސް ސިރިސޭނާ ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާާބުވީކަމަށް ބުނެފައެވެ.
ބެލެވޭ ގޮތުގައި ވަރަށް އަވަހަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް އަލުން ފެށޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ