ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް މުޒާހަރާއެއް ބާއްވާނަން: އުމަރު

ދެން ރާއްޖޭގައި އެންމެ ބޮޑު މުޒާހަރާއެއް އޮންނާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް އުދުހެނީ ދިވެހި ސަރުކާރުގެ ކޮންޓްރޯލް އޮވެގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެއަށް ރައްދު ދެއްވައި އުމަރު ފޭސްބުކްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖެ ގެނެވުނު ފަހުން ޑިފެންސް މިނިސްޓަރުކަން ކުރި ތިން ފަރާތަކާ ސުވާލު ކުރި ކަމަށް އުމަރު ވިދާޅުވި އެވެ. "އެ ބޭފުޅުން ވިދާޅުވީ މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީއިން ދޭ އޯޑަރައް ކަމަށް. އެމްއެންޑީއެފްގެ އޯޑަރަަކަށް ނޫން ކަމަށް." އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުން އިންޑިއާގެ ނިޔަތް ސާފު ނަމަ އެ ގައުމުން އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް ދިވެހި ސިފައިން ތަމްރީނު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. "ދެން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މުޒާހަރާ ހިންގާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް." އުމަރު ނަސީރު ވިދާޅުވި އެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ހެލިކޮޕްޓަރެއް --- އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ ކަން ފާހަގަކޮށް އުމަރު ވިދާޅުވީ ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާއި ގުޅުން ހުރި ކަންކަން ހިންދާ ލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށްހީއެއް ކަމަށެވެ. އިންޑިއާ ސަރުކާރުން ރާއްޖެ ދީފައިވާ ދެ ހެލިކޮޕްޓަރާ ބެހޭ ގޮތުން ދައްކަނީ ސިޔާސީ ބޭކާރު ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔަ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހާދިޔާ ކުރި ހެލިކޮޕްޓަރު ބޭނުން ކުރެވެމުން އަންނަނީ ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލެންސެއްގެ ގޮތުގަ އެވެ. އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާ ސިފައިން ވެސް ތިބެ އެވެ. ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާގެ 60 ވަރަަކަށް ސިފައިން ތިބެ އެވެ. ދެ ހެލިކޮޕްޓަރު ރާއްޖެ އަށް 2010 ވަނަ އަހަރު ދިނީ ދެ އަހަރުގެ ތެރޭގައި އެ ދޭތި އޮޕަރޭޓް ކުރުމަށް ދިވެހިންނާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އަދި މިހާތަނާ ޖެހެންދެން ވެސް އެ ދެ އުޅަނދު އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ