ކޮންމެ ފަރާތަކާއި މަޝްވަރާކުރުމަށް ޕީޕީއެމް ދޮރުތައް ވަނީ ހުޅުވިފައި - މައުމޫން

ޕީޕީއެމްއަކީ ވަކި އުސޫލުތަކަކާއި އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ކަމަށާއި މިއުސޫލުތަކަށް މަރުހަބާ ކިޔާ ހަމަ ކޮންމެ ފަރާތަކާއިއެކު ވާހަކަދައްކާ މަޝްވަރާކުރުމަށް ޕީޕިއެމްގެ ދޮރުތައް ހުޅުވިފައިވާ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މި އަހަރުގެ ރިއާސީ އިންތިހާބުގައި ޕީޕީއެމްގެ ރިއާސީ ޓިކެޓް،ޔާމީނަށް ލިބިވަޑައިގަތުމަކީ އެހެން ޕާޓީތަކުން ކޯލިޝަން ނުހަދާނެ ސަބަބެއް ނޫން ކަމަށާއި އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދާ ވެސް ޕީޕީއެމަށް އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ނަމަވެސް އެކަން ކުރުމަކީ ސިޔާސީ މާހައުލު އޮތް ގޮތުން ދަތި ކަމަކަށް ވެއްޖެ ނަމަ ނުވަތަ ނުވާނެ ކަމުގެ އިޝާރާތްތަކެއް ފެނިއްޖެ ނަ ޕީޕީއެމްއިން އެހެން ޕާޓީތަކާ ވާހަކަ ދައްކައިގެން ގޮތެއް ފެނޭތޯ ބެލުމަކީ ނެތް ކަމެއް ނޫން ކަމަށް ވެސް މައުމޫން މިއަދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ޕީޕީއެމަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުގެ ވަރަށްބޮޑު ފުރުސަތެއް އެބައޮތް. އަޅުގަނޑު މި ބުނާ ވާހަކަ އަކީ ޕީޕީއެމް އަކީ ވަރަށް މުސްތަގިއްލު ބޮޑު ޕާޓީ އެކޭ. އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުން ވަނީ ޕާޓީ އެކަނި ނުކުމެ ޕާޓީ ރިޔާސީ ކެންޑިޑޭޓް ކާމިޔާބު ކުރުމޭ." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކޮންމެ މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ވިޔަސް ޕީޕީއެމްގެ ދޮރުތައް ބަންދު ވެގެން ނުދާނެ ކަމަށާއި އެ ދޮރުތައް އަބަދުވެސް ހުންނާނީ ހުޅުވާލާފައި ކަމަށެވެ.
ޔާމީނަށް ރިޔާސީ ކެންޑިޑޭޓް ކަން ލިބިވަޑައިގަތުމަކީ ޕީޕީއެމްގައި އާއިލީ ވެރިކަމުގެ ސިފަތައް އެކުލެވޭ ކަމެއް ކަމަށް، އިންތިހާބުގެ ކެމްޕޭންގައި ވާހަކަދައްކާފައިވާތީ އެކަމަށް އިޝާރަތްކުރައްވާ މައުމޫން ވިދާޅުވީ އެމަނިކުފާނު ބައްލަވަނީ އޭގެ ބަދަލުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އެކަމަށް އެންމެ ގާބިލް ބޭފުޅަކު ވެރިކަމަށް ގެންނެވުމަށް ކަމަށެވެ.
އަދި އެ މީހަކީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅެއް ކަމަށް ވިޔަސް އެ މީހަކު ގައުމަށް އިޚްލާސްތެރިކަމާ އެކު ޚިދުމަތް ކޮށްދެއްވާ ނަމަ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުބަލަން އާއިލާއަކަށް. އަޅުގަނޑުމެން ބަލަނީ ކޮންމެ މީހެއްގެ ވެސް ގާބިލްކަމާއި ތަޖުރިބާ އާއި އެ މީހަކު ކާމިޔާބުވުމުގެ ފުރުސަތު އޮތް ވަރަކާ. އެ މީހަކީ އަޅުގަނޑުގެ ކޮއްކޮ ކަމަށް ވިއަސް އަދި ބޭބެ ކަމަށް ވިއަސް ބައްޕަ ކަމަށް ވިއަސް ކޮބައިތޯ މައްސަލަ އަކީ؟ އަޅުގަނޑުމެން ބޭނުން ވަނީ ގައުމަށް ހިދުމަތްކުރަން،" މައުމޫން ވިދާޅުވި އެވެ.
އިއްޔެ ބޭއްވުނު ޕީޕީއެމްގެ ޕްރައިމަރީއަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ނިމިގެންދިޔަ އިންތިހާބަކީ ވަރަށް އިންސާފުވެރި ހާމަކަން ބޮޑު ގޮތެއްގައި ބޭއްވުނު އިންތިހާބެއް ކަމަށާއި އިއްޔެ ބޭއްވުނީ ޑިމޮކްރަސީގެ ބޮޑު ހަރަކާތެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕްރައިމަރީ ކާމިޔާބުކުރެއްވި ޔާމީނަށާއި ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރަށް ރައީސް މައުމޫން ޝުކުރު އަދާކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް ޕާޓީ އޮންނާނީ ވަރަށް ބަދަހިކަމާއިއެކުގައި ކަމަށެވެ. އަދި މިފަދަ ވާދަވެރި އިންތިހާބެއް ކާމިޔާބުކުރުމުގައި ދެބޭފުޅުން ދެއްކެވީ ޑިމޮކްރަސީގެ ވަރަށް ރީތި ނަމޫނާއެއްކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ