ޔާމީނާއި އުމަރު ވެސް ވޯޓުލައްވައިފި

15:25
ވޯޓުލެއްވުމަށްފަހު އުމަރު ވިދާޅުވީ އިންސާފުވެރި އިންތިހާބަކަށްވެއްޖެނަމަ ނަތީޖާ ގަބޫލުކުރާނެ ކަމަށް، މިހާތަނަށް ވޯޓުލުން ކުރިއަށްދިޔަ ގޮތަށް ބަލާއިރު މިއީ އިންސާފުވެރި އިންތިހާބެއް ކަމަށް ބެލެވޭ ކަމަށް އުމަރު ވިދާޅުވި، އުމަރު ވިދާޅުވީ ޝަކުވާތަކެއް އެބަހުރި ކަމަށާއި އެގޮތުން ވޯޓުލާން އޭނާގެ ސަޕޯޓަރުން ދާއިރު ވޯޓުލާފައިވާ ކަމުގެ ޝަކުވާ އާއި ބައެއް މީހުން ވޯޓުލާން ދާއިރުގައި ލިސްޓުގައި ނަން ނެތުން ހިމެނޭ ކަމަށް، އެމައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލާނެ ކަމަށް އުމަރު ވިދާޅުވި، އޭނާ ނުހޮވުނަސް ޔާމީން ފަހަތުގައި ހުންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި،
މި އިންތިހާބުގައި ހަމަނުޖެހުން ހިންގަނީ އުމަރުގެ ޓީމުގެ ސަޕޯޓަރުން ކަމަށް ޔަގީން ޓީމުން ބުނާތީ އެކަމާއި ބެހޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން އުމަރު ސީދާ ޖަވާބެއް ނުދެއްވާ ވިދާޅުވީ މިއީ ވަރަށް ވާދަވެރިކޮށް ދާ އިންތިހާބެއް ކަމަށް، އޭނާ ވިދާޅުވީ ވަރަށް މިހާ ވާދަވެރިކޮށް އިންތިހާބުކުރާ ކުރިއަށްދާތީ އުފާކުރާ ކަމަށް،
15:11
ޕީޕީއެމްގެ ކައުންސިލް މެންބަރު ނަހުލާ އަލީ ވެސް ވޯޓުލައްވައިފި.
15:05
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ދާދި ދެންމެ ހެންވޭރުގައި ހުންނަ ކަލާފާނު ސްކޫލް ފޮއްޓަށް ވޯޓުލައްވައިފި.
14:18
އިންތިހާބީ ކޮމިޓީގެ މެންބަރު އަލީ ޝާހިދު ވިދާޅުވީ ދިޔަމިގިލި ފޮށި ބަންދުކުރި ކަމުގައި ވިޔަސް ގުނަ ފަށާނީ ހަތަރެއްގެ ފަހުން ކަމަށް.
14:13
ތ.ދިޔަމިގިލީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ބަންދުކޮށްފި، ވޯޓު ފޮށި ބަންދުކުރީ އެފޮއްޓަށް ވޯޓުލާ އެންމެން ވޯޓުލުމުން، އެ ވޯޓު ފޮއްޓަށް ވޯޓު ލެވެނީ 60 މީހުންނަށް.
14:12
ޕީޕީއެމްގެ އިންތިހާބީ ކޮމިޓީން ބުނީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ 9 އާއި 10 އާއި ދެމެދުގެ ވަގުތެއްގައި އިއުލާން ކުރެވޭ ވަރުވާނެ ކަމަށާއި އަދި ދާއިމީ ނަތީޖާ ހަފްތާއެއްގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް.
14:10
ޕްރައިމަރީގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސާބިތުކަމާއިއެކު ވަކިކޮޅަކަށް ނުޖެހި ހުރުމުގެ ގޮތުން ވޯޓު ނުލައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ، އެމަނިކުފާނު މިހެން ވިދާޅުވީ މީގެކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި.
14:00
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގައި ގާނޫނާއި ގަވައިދު ހިލާފު ކަންކަން ހިނގާނަމަ ފުލުހުން މެދުވެރިކޮށް އެފަރާތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރާނެ ކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބުނެފި މިއަދު ކުރިއަށްދާ އިންތިހާބަށް ނޭދެވޭ އަސަރެއް ފޯރާ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށާއި، ޕާޓީގެ ކަރާމަތަށް ނޭދެވޭ އަސަރެއް ކުރާނެ އެއްވެސް ކަމެއް ނުކުރުމަށް ޕީޕީއެމްގެ އެންމެހާ މެންބަރުންނަށް އިލްތިމާސްކުރާ ކަމަށް ސުލޫކީ ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައިވޭ.
12:38
ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ވޯޓުލައިފި.
12:35
ހިރިޔާ ސްކޫލް ގޭޓް ކުރިމަތީގައި އުމަރު ޓީމުގެ ސަޕޯޓަރުން ގަނޑުތަކެއް އަޅާފައި އެބަހުރި، އޭގައި ހުރީ އުމަރު ނަސީރުގެ ކެންޑިޑޭޓު ނަންބަރު ޖަހާ އޭނާއަށް ވޯޓުލުމަށް އެދިފައި.
12:10
އިލެކްޝަންސް ކޮމިޓީގެ މެންބަރު ވިދާޅުވީ އެއްވެސް ސަރަހައްދެއްގައި ވޯޓުލުން މެދުކެނޑިފައިނުވާ ކަމަށް.
12:04
އިލެކްޝަންސް ކޮމިޓީގެ މެންބަރަކު އެމްވީޔޫތަށް މައުލޫމާތުދެމުން ވިދާޅުވީ ކަލާފާނު ސްކޫލުގައި ހަމަނުޖެހުން ހިންގީ އުމަރު ޓީމުގެ ފަރާތުން، އުމަރަށް ތާއީދުކުރާ ބަޔަކު ސްކޫލް ތެރެއަށް ވަދެ، ޔާމީނަށް ތާއީދު ކުރާ ބަޔަކު އަތުގައި ހިފާފައި ބޭރުކުރަން އުޅުމުން ކަމަށް، ފުލުހުން މެދުވެރިކަމަށް ހަމަނުޖެހުން ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި.
12:02
ކަލާފާނު ސްކޫލުގައި ވެސް ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ލިބޭ.
12:00
އެމްވީޔޫތަށް ލިބިފައިވާ ފޮޓޯތަކުގައި އެމީހާގެ މޭމައްޗަށް އަނިޔާކޮށްފައިހުރި ކަމުގެ ނިޝާންތައް ފެނިފައިވޭ.
11:55
އިމާދުއްދީން ސްކޫލުގެ ގޭޓް ކުރިމަތީގައި މާރާމާރީ އެއް ހިންގައިފި، އޮބްޒާވަރެއްގެ ފާސް އަޅައިގެން ހުރި ޔާމީނަށް ތާއީދުކުރާ އެމީހާ ހުރީ ހުރީ ޔާމީން 2013 ޖަހައިގެން ހުރި ތޮތްޕެއް އަޅައިގެން، އެތަނަށް ހަތަރު މީހުން އައިސް ބުނެފައިވަނީ ތޮފި ނަގަން، ދެން އޭނަ ނެގުމުން އެމީހުން ފާސް ނަގަން ބުނީމަ އެމީހާ އެކަމާއި ދެކޮޅު ހެދި، ދެން އޭނާ ބިންމައްޗަށް ވައްޓާލާ ޓީޝާޓް އިރާލާ، ތަޅައިގަތީ، އެމީހާ ވެއްޓިފައި އޮތްތަން އަންހެނަކަށް ފެނިގެން އޭނާ ރޮއިގަނެ މީހަކު މަރަނީ ކަމަށް ބުނެ އިމާދުއްދީން ސްކޫލް ތެރޭގައި ތިބި މީހުން ނިކުމެ ބެލިއިރު ހަތަރު މީހުންގެ ގްރޫޕުން ވަނީ ފިލާފައި.
11:31
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިރިޔާ ސްކޫލުގައި މާރާމާރީ ހިންގާފައިވަނީ އުމަރު ޓީމުގެ ސަޕޯޓަރުންތަކެއް އައިސް ޔަގީން ޓީމުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ފަރާތެއްގެ ގައިގައި ތަޅައިގަނެ، ގަމީސް ވީދާލުމުން.
11:30
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިނުގެންފިނަމަ އުމަރުގެ ފަހަތަށް ޖެހިވަޑައިގަންނަވާތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ޔާމީން ވިދާޅުވީ ވިދާޅުވީ ޕާޓީގެ ފަހަތުގައި ހުރުމަކީ އުމަރުގެ ފަހަތުގައި ހުރުން ކަމަށް
11:29
ޔާމީން ވިދާޅުވީ ހިރިޔާ ސްކޫލް ކައިރީގައި ތަޅާފޮޅުމެއް ހިނގި ކަމަށާއި ނަމަވެސް ރާއްޖެ ތެރޭގައި ވޯޓުލުން ކުރިއަށް ދާއިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް، ޔާމީން ވިދާޅުވީ ޕާޓީ ޓިކެޓު ނުލިބުނު ނަމަވެސް ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް،
11:28
ވޯޓުލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޔާމީން ވިދާޅުވީ މާލޭގެ ވޯޓުލުން ކުރިއަށްދާއިރު ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމާއި ހިތާމަކުރައްވާ ކަމަށް، އަދި އެތެރޭގެ އިންތިހާބެއް ކުރިއަށްދާއިރުގައި އެއްވެސް ހަމަނުޖެހުމެއް ހިންގުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި،
11:18
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ޔާމީން އަމީނިއްޔާ ސްކޫލުގެ ފޮއްޓަށް ވޯޓުލައިފި.
10:48
ޕީޕީއެމްގެ މެންބަރުން ވަރަށް އޮމާންކަމާއި ސުލްހަވެރިކަމާއިއެކު ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންގޮސްދެއްވުމަށް ރައީސް މައުމޫން އިލްތިމާސްކުރައްވައިފި، އެމަނިކުފާނު މިހެން ވިދާޅުވީ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި.
10:03
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކުރިއަށްދާތީ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ، ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ހަރުދަނާވަމުން ދާކަމީ ރާއްޖެއަށާއި އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް.
10:00
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ކުރިއަށްގެންދާ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހުމާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށިގެން ކުރިއަށް އެބަދެ އެވެ.
ޕްރައިމަރީގައި ވާދަކުރައްވަނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރެވެ. މި އިންތިހާބުގައި ކެންޑިޑޭޓް ނަންބަރު 1 ޔާމީނަށް ލިބިވަޑައިގެންފައިވާއިރު ކެންޑިޑޭޓު ނަންބަރު 2 ލިބިވަޑައިގަތީ އުމަރު ނަސީރަށެވެ.
ވާދަވެރި ކެމްޕެއިންތަކަކަށްފަހު މިއަދުގެ ވޯޓުލުން ފެށުނުއިރު އެއްވެސް ސަރަހައްދެއްގައި ހަމަނުޖެހުމެއް ހިނގި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
ނަމަވެސް މާލޭގައި ވޯޓު ފޮށި ބަހައްޓާފައިވާ ކަލާފާނު ސްކޫލުގައި އުމަރު ނަސީރުގެ ސަޕޯޓަރުން ދޭތެރެ ދޭތެރެއިން އަޑުގަދަކޮށް ޒުވާބުކުރަމުން ގެންދާކަން ފާހަގަކޮށްލެވެ އެވެ. އަދި ދެފަރާތުގެ ސަޕޯޓަރުން އެއް ބަޔަކު އަނެއް ބަޔަކަށް ގަޔަށް އަތްލާ ހިސާބަށް ވެސް ބައެއް ފަހަރުދާ މަންޒަރު ފެނެ އެވެ.
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ރެޖިސްޓްރާ ދެފަހަރެއްގެ މަތިން ވޯޓުލާ ސަރަހައްދަށް ވަދެ އަޑުގަދަކޮށްފައިވެ އެވެ. އޭނާ ފުރަތަމަ ފަހަރު ތުހުމަތުކޮށްފައިވަނީ ޔާމީންގެ ސަޕޯޓަރުން ކެމްޕެއިން ކުރަމުންދާ ކަމުގެ ތުހުމަތެވެ. ނަމަވެސް އޮބްޒާވަރެއްގެ ފާސް ނެތި ދެވަނަ ފަހަރަށް ވޯޓުލާ ސަރަހައްދަށް ނާޒިމް ވަދެ ވަނީ އެމްވީޔޫތު ރިޕޯޓަރުން ބޭރުކުރުމަށް ގޮވާ އަޑުގަދަކޮށްފައެވެ.
އެމްވީޔޫތު ރިޕޯޓަރުންކަން އެނގި ހުރެ އަޑުގަދަ ކުރަމުން ދަނިކޮށް އިލެކްޝަންސް ކޮމިޓީގެ އޮފިޝަލުން ވަނީ އޭނާ އެ ސަރަހައްދުން ބޭރުކޮށްފައެވެ. ނާޒިމް ދަމުން ދިޔައީ އޭނާގެ ފޯނުން އެމްވީޔޫތުގެ ރިޕޯޓަރުގެ ފޮޓޯ ނަގައިގެންނެވެ.
ނާޒިމް އަޑުގަދަ ކުރައްވަމުން ވިދާޅުވީ ކަންތައް ގޯސްކުރަން އުޅެންޏާ އުމަރު ޓީމުގެ ފަރާތުން ވެސް ކަންތައް ގޯސްކޮށްލާނެ ކަމަށެވެ.
މިއަދުގެ ވޯޓުލުން ކުރިއަށް ދާއިރު ރާއްޖޭގެ 140 ރަށެއްގައި 167 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މި ޕްރައިމަރީގައި ވޯޓުލުމަށް 31،000 އަށް ވުރެ ގިނަ މެމްބަރުން ވޯޓުލާނެ ކަމަށް ވެސް ޕީޕީއެމްއިން ބުނެ އެވެ.
މާލޭގައި އުޅޭ މީހުންނަށް ވޯޓުލުމަށް ބެހެއްޓިފައިވަނީ 9 ވޯޓު ފޮއްޓެވެ. އެއީ ހެންވޭރު މީހުންނަށް ވޯޓުލުމަށް ކަލާފާނުގައި ބެހެއްޓިފައިވާ ފޮއްޓާއި، ގަލޮޅު މީހުންނަށް ވޯޓުލުމަށް އިމާދުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓާއި، މައްޗަންގޯޅި މީޙުންނަށް ވޯޓުލުމަށް އަމީނިއްޔާ ސްކޫލުގައި ބެހެއްޓިފައިވާ ފޮއްޓާއި، މާފަންނު މީހުން ވޯޓުލުމަށް ހިރިޔާ ސްކޫލުގައި ބެހެއްޓިފައިވާ ފޮއްޓާއި ހުޅުމާލެ މީހުން ވޯޓުލުމަށް ލާލޭ އިންޓަނޭޝަނަލް ސްކޫލުގައި ބެހެއްޓިފައިވާ ފޮއްޓާއި ވިލިނގިލި މީހުން ވޯޓުލުމަށް މުހިއްޔުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ފޮއްޓާއި ދަފްތަރު މީހުން ވޯޓުލުމަށް އިމާދުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ފޮއްޓެވެ.
މީގެއިތުރުން މާލޭގައި ވޯޓުލުމަށް ހއ. އިން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުރި ރަށްތަކުން ރެޖިސްޓްރީކޮށްފައިވާ މީހުން ވޯޓުލުމަށް ހިރިޔާ ސްކޫލުގައި ފޮއްޓެއް ބެހެއްޓިފައިވާއިރު ލ. އިން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް މާލޭގައި ވޯޓުލުމަށް ރެޖިސްޓްރީ ކުރި މީޙުންގެ ވޯޓު ފޮށި ބެހެއްޓިފައިވާނީ ކަލާފާނު ސްކޫލުގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ