ދިވެހި ދައުލަތުގެ ރައީސުލްޖުމްހޫރިއްގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަހަރު ގެނައުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިރޭ ވިދާޅުވީ ރާއްޖޭގެ ރައީސްކަން މި އަހަރު ގާސިމަށް ލިބިވަޑައިގަންނަވާނެ މަގަކަށް މަސައްކަތް ކުރުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށެވެ. އަދި އެމްޑީޕީން މިހާރު މަސައްކަތް ކުރަނީ އެ އަމާޒަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިރޭ މިހެން ވިދާޅުވި އިރު މިދިޔަ ހަފްތާގައި ނަޝީދު ވިދާޅުވެފައި ވަނީ ގާސިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. އަދި އޭގެ ދުވަސް ކޮޅެއް ކުރިން ވެސް ގާސިމް އަށް ރައީސްކަން ހޯއްދަވައިދެއްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
"ގާސިމް އިބްރާހިމް އަށް ރައީސް ކަން ދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގާސިމް ގެންނާނަން. އެއީ އަޅުގަނޑުގެ ބޭނުމެއް." މިހާރު ކުރިއަށްދާ އެއްވުމުގައި ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ކުރިއަށްގެންދާ އެއްވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީ ތަކާ އެކު އިއްތިހާދުވެ ވަޑައިގެން، ވެރިކަމަށް އިންތިހާބު ވެވަޑައިގަތުމުން އެމަނިކުފާނު ވެރިކަމުގެ މިސްރާބު ޖެހީ ހުދުމުޙުތާރު ވެރިކަމަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަންނަނީ މިނިވަން މުއައްސަސާތަކުގެ ބާރުތައް ހަނިކޮށް، އެމަނިކުފާނުގެ ބާރުތައް ފުޅާ ކުރަމުންނެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް، އިއްތިހާދުގެ ތެރެއިން ހޯދުމަށް ފަހުގައި ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ލާބައަށްޓަކައި އެއްވެސް ބިލެއް މަޖިލީހޫގެ ތަޅުމުގެ ތެރެއަށް ވައްދާފައި ނުވެއެވެ.
މަޖިލީހުގެ ތިން ދައުރު މިހާތަނަށް ނިމިފައިވާ އިރު މަޖިލީހުގެ ތެރެއިން ޕީޕީއެމް އިން މަސައްކަތް ކޮށްފައިވަނީ ރައީސް ޔާމީންގެ ބާރުތައް އިތުރު ކުރުމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާސިމް މިއަހަރު ތެރޭގައި ރައީސް އަކަށް ހަދާނަން – ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ