ނޮޅިވަރަމުގައި ކޮވިޑުގެ ހާލަތު ގޯސް، ރަނގަޅު ބޭހެއް ނުލިބޭ: މެމްބަރު ނަޝީދު

ހދ. ނޮޅިވަރަމުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފަވާއިރު ދާއިރާއަށް ބޭނުންވާ ބޭސް އެންމެ ރަނގަޅަށް ނުލިބޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ނޮޅިވަރަމުގައި ކޮވިޑުގެ ހާލަތު ބޮޑުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުއްލި މައްސަލާގައި ބަހުސްކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ ދާއިރާއަށް ބޭނުންވާ ބޭސް އެންމެ ރަނގަޅަށް ނުލިބޭ ކަމަށް ރަސުގައި ހުރި ޕާމަސީތައް ހަވާލުކޮށްފައިވަނީ އެސްޓިއޯއާ ކަމަށާއި އެސްޓިއޯ އިން ބޭސްފޯރުކޮށްނުދޭ ކަމަށެވެ.
ނޮޅިވަރަމް އޮތީ ސިއްހީ ގޮތުން ބޮޑު ކާރިސާއަކާ ކުރިމަތިވެދާނެ ފަދަ ހާލަތެއްގައި ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ އެ ސަރަހައްދުގެ ސިއްހީ ދާއިރާގެ ހުރިހާ ކަމެއް މިހާރު ހިނގަމުންދަނީ ކުޅުދުއްފުށި ހޮސްޕިޓަލުން ކަމަށާއި އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައިވަނީ 2700 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހދ. ނޮޅިވަރަމްގައި ކޮވިޑް-19 ގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެގޮތުން މިހާތަނަށް 202 މީހުން ކޮވިޑަށް ޕްޒިޓިވްވެފަވާއިރު ރަށުގައި ބަލި މީހުން ގެންދާނެ އެމްބިއުލާންސެއް ނެތް ކަމަށެވެ.
ސިއްހީ މަރުކަޒުގައި ބޭނުންކުރަމުންދަނީ ޕިކަޕެއް ކަން ފާހަގަކޮށް މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައިވަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ރައްކާތެރިވާނެ ފަދަ ވެހިކަލެއް ސިއްހީ މަރުކަޒަށް ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ.
އަދި ސިއްހީ ދާއިރާގެ ގާބިލް މީހުންނާއި ރައްކާތެރި ކަމާއެކު ކާބޯތަކެތި ފޯރުކޮށްދިނުމަށްވެސް މެމްބަރު ވަނީ ގޮވާލާފައެވެ.
މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ