ފްލައިން ސްކޫލް ޖުލައިމަހުގެ ނިޔަލަށް ހުސްކުރަން ވާނީ އަންގާފައި: އޭއައިއޭ

އައްޑޫ ފްލައިން ސްކޫލާއެކު މިހާރު ހެދިފައި އޮތް އެއްބަސްވުން އާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ޖުލައިމަހުގެ ނިޔަލަށް އެތަން ހުސް ކުރަން ޖެހޭނެކަމަށް އައްޑޫ އިންޓަނޭޝަން އެއާޕޯޓުން ބުނެފިއެވެ.
އައްޑޫގައި ހިންގަމުން އައި ފްލައިން ސްކޫލުގެ މިލްކިއްޔާތު ދާދި ފަހުން ވަނީ އެވިޑް ކޮލެޖުން ގަނެ އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާޙް ކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރ ޤައިސް ނަސީރު ވިދާޅުވީ، އައްޑޫ ފްލައިން ސްކޫލުގެ މިލްކިއްޔާތު ބަދަލުވި ކަމުގައިވިއަސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އެކުލަވާލެވިފައިވާ އެއްބަސްވުން އައު ކުރުމުގެ ވިސްނުމެއް އެކުންފުނީގެ ނެތް ކަމަށެވެ.
ޤައިސް ވިދާޅުވީ މިކަމާއި ގުޅިގެން އެވިޑްއިންވެސް މަޝްވަރާ ކުރުމަށް އެދިފައިވާކަމަށާއި، ނަމަވެސް މި އެއްބަސްވުން އިތުރަށް ދަމަހައްޓަން އެކުންފުނިން ބޭނުން ނުވާކަމަށެވެ. މިއެއްބަސްވުމުގެ މުއްދަތު މި ޖުލައި މަހުގެ ނިޔަލަށް ހަމަވާއިރު، މިމަހުގެ ނިޔަލަށް އެތަން ހުސްކުރުމަށް އަންގާފައިވާކަމަށްވެސް ޤައިސް ވިދާޅުވިއެވެ.
އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާޙް ކުރުމުގެ ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުސްތާޤު ރަޝާދު ވިދާޅުވީ، އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުގެ ހުރިހާ ތަކެއްޗެއް ހިމެނޭހެން މިލްކިއްޔާތު އެއްކޮށް ގަތުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދީ، ދަރިވަރުންނާއި ގުޅިގެން މަސައްކަތް ކުރުންކަމަށެވެ.
ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން ހިންގަމުން އައި އައްޑޫ ފްލައިން ސްކޫލަކީ 2010 އިން ފެށިގެން ހިންގަމުން އަންނަ ތަނެކެވެ. މިތަނުގައި ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ނުދެވޭ ކަމަށް ބުނެ މިތަނުގެ ދަރިވަރުންގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިތަނާއި މެދު ސަރުކާރުންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ