މާލޭގައި ޖަލްސާ ބާއްވަން ނިންމީ ފުލުހުންނާ ކުރިމަތިލާން ބޭނުންނުވާތީ: އަބްދުއްރަހީމް އަބްދުﷲ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން އުޅުނު "ކޮތަރުކޮށި" ޖަލްސާ ނުބޭއްވި އެންމެ ފަހުން މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާރޭ އިދިކޮޅުން "ކޮތަރު ކޮށި" ނަމުގައި ކުރިއަށް ގެންދަން ނިންމި ޖަލްސާ ބޭއްވުމަށް ކުރިން ހަމަޖެއްސީ ހިޔާ ފްލެޓު ސަރަހައްދުގައި ހުރި ޕާކުގައެވެ. އެހެން ނަމަވެސް އެޗްޑީސީން ވަނީ އެ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އިދިކޮޅުން އެދިފައި ނުވާކަމަށް ބުނެ، ހުއްދަ ނުދެނިސް މި ޖަލްސާ ނުބޭއްވޭނެކަން އަންގާފައެވެ.
އެގޮތުން އެޗްޑީސީގެ ބޮޑެތި އެއްގަމު އުޅަނދުތަކެއް ހިޔާ ފްލެޓު ސަރަހައްދަށް ގެންދިއުމުގެ އިތުރުން އެސަރަހައްދުގައި ޖެހި ދިދަތައް ވެސް ވަނީ ފުލުހުން މެދުވެރިކޮށް ނަގާފައެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ބައިވެރިވެލައްވާ މި ޖަލްސާ ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވިނަމަވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރިން ވިދާޅުވީ ޖަލްސާ ބާއްވަން އެތައްބަޔަކު ބޭނުންވާކަމަށާއި، ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ނުލިބުނުނަމަވެސް ޖަލްސާ މާދަމާރޭ 9:00ގައި ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި އޮންނާނެކަމަށެވެ.
އެހެންނަމަވެސް މިއަދު ހަވީރު ހިޔާފްލެޓް ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކޮށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭގައި ޖަލްސާ ބާއްވަން ނިންމީ ހިޔާފްލެޓްތަކުގެ ކައިރީގައި ޖަލްސާ ބާއްވަން ސަރުކާރުން ފުރުސަތު ނުދިނީމާ ކަމަށެވެ. އެ ސަރަހައްދުގައި ޖަލްސާ ބާއްވަން ސަރުކާރުން ފުރުސަތު ނުދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބަައްދަލުކުރައްވަން އުޅުއްވާތީ ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޖަލްސާ ބާއްވާނީ މާލޭ އުސްފަސްގަނޑުގައި ކަމަށެވެ. ނަމަވެސް ފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުސްފަސްގަނޑަކީ ސަރުކާރުގެ ބިމެއް ކަމަށާއި އެތަނުގައި ކަރަންޓު ނެގޭނެ ގޮތެއްވެސް ނެތުމުން، އެކަން ކޮށްދެވެން ނެތްކަމަށް ޕާޓީ އަށް އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ދެން '"ކޮތަރު ކޮށި" ޖަލްސާ އޮންނާނީ ކާނިވާ ސަރުހައްދުގައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެެވެ.
މާދަމާރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާއިރު މިޖަލްސާގައި ރައީސް ޔާމީންގެ މުހިންމު މެސެޖުތަކެއް ހިޔާ ފްލެޓްގައި ދިރިއުޅުއްވާ ރައްޔިތުންނަށް ޚާއްސަ ކުރައްވާނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޖަލްސާއާ ގުޅިގެން ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކޮތަރުކޮށި ޖަލްސާ ހުޅުމާލެ ފޭސް 2ގައި ބޭއްވިޔަ ނުދިންކަމަށާއި އުސްފަސްގަނޑަށް ޖަލްސާ ބަދަލުކުރުމުން އެސަރަހައްދުވެސް ނުދިން ކަމަށެވެ.
ޕީޕީއެމްއިން ޖަލްސާ މާލެއަށް ބަދަލު ކުރީ އެއްވެސް ހާލެއްގައި ގަދަކަމުން ފުލުހުންނާއި ކުރިމަތިލައި ނާތަހުޒީބު އަމަލުތައް ހިންގުމަށް ޖާގަ ނުދިނުމުގެ ގޮތުންކަމަށާއި، ޕީޕީއެމް ޕީއެންސީއަކީ ދުވަހަކުވެސް ފުލުހުންނައި ސިފައިންނާއި ކުރިމަތިލައި އަނިޔާ ދޭނެ ބައެއް ނޫންކަމަށެވެ. އަދި އެއީ ރައީސް ޔާމީންވެސް ތާއީދު ކުރައްވާނެ ކަމެއް ނޫންކަމަށެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވަން ހުރަސްއެޅީ ކަމަށް ބުނިކަމުގައި ވީނަމަވެސް އެޗްޑީސީން ބުނެފައި ވަނީ ހުޅުމާލޭގައި ސިޔާސީ ހަރަކާތްތައް ބާއްވަނީ އަބަދުވެސް ހުއްދަނަގައިގެން ކަމަށާއި އެ އުސޫލުން ހުއްދަ ނަގައިގެން ޖަލްސާވެސް ބޭއްވޭނެ ކަމަށެވެ.
އެޗްޑީސީގެ ހުއްދަ ނެތި އެ ޖަލްސާ ނުބޭއްވޭނެކަން އެންގުމުން، ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލްކޮށްފައެވެ.
އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި، އެކަމާއި ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮތަރު ކޮށި ޖަލްސާ ބާއްވަން އުޅުމުން އެޗްޑީސީގެ ހުއްދަ ނުނަގާ ކަމަށް ބުނެ، ފުލުހުން ވަނީ އެކަމަށް ހުރަސްއަޅާ، ޖަލްސާއަށް ވަމުންދިޔަ ތައްޔާރީތައް ހުއްޓުވައި އެތަނުގައި ރެއިން ފެށިގެން ފޯރިމަރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ