އަބްދުﷲ ޙަމީދުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުުލައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ހ. މީނާޒް އަލްއުސްތާޛު އަލްމަރްހޫމް އަބްދުﷲ ޙަމީދުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ފަސްދާނުުލައިފި އެވެ. ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން ދަނިކޮށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި އިއްޔެ އަވަހާރަވި ކުރީގެ މިނިސްޓަރު އަބްދުﷲ ޙަމީދު،76،ގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމެވުމާ ގުޅިގެން ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނައީ މިއަދު ހެނދުނު އެވެ. އިސްލާމީ މަރުކަޒުގައި މިއަދު މެންދުރު ފަހު އަބްދުﷲ ހަމީދުގެ މޫނުދެއްކުން އޮތްއިރު، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ، މިރޭ ޢިޝާނަމާދަށް ފަހު، އިސްލާމީ މަރުކަޒުގަ އެވެ. އެމަނިކުފާނުގެ މައްޗަށް އިމާމްވެ ކަށުނަމާދު ކޮށްދެއްވީ، ހަމީދުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މަރްހޫމް އަބްދުﷲ ހަމީދުގެ ޖަނާޒާގައި ކުރީގެ ރައީސް މައުމޫންގެ އިތުރުން ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި، އާއިލާގެ ބޭފުޅުންނާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގަތެވެ. އަލްއުސްތާޛު އަލްމަރަހޫމް އަބްދުﷲ ޙަމީދުގެ ޖަނާޒާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ