ކޮމަންވެލްތް މެމްބަރު ގައުމުތައް ގުޅިގެން ކޮވިޑް-19އަށް ހައްލު ހޯދުން މުހިންމު: މިނިސްޓަރ އަމީން

ކޮމަންވެލްތް މެމްބަރު ގައުމުތަކުން ގުޅިގެން ކޮވިޑް-19 އަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ، ކޮމަންވެލްތް މެންބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުން ބޭއްވި ވާރޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ކޮވިޑް-19 ރެސްޕޮންސް އާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމަކީ، ދިވެރިރާއްޖެ ކޮމަންވެލްތާއި ގުޅުމަށްފަހު ދިވެހިރާއްޖެއިން ބައިވެރިވި ފުރަތަމަ ބައްދަލުވުމެވެ. އަދި މި ބައްދަލުވުމަކީ ކޮމަންވެލްތްގެ ހެލްތު މިނިސްޓަރުން ފުރަތަމަ ފަހަރަށް ވާރޗުއަލްކޮށް ބޭއްވި ބައްދަލުންވެސްމެ އެވެ.
މިއަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމް ކަމުގައިވާ "ޑެލިވަރިންގ އަ ކޯޑިނޭޓެޑް ކޮމަންވެލްތު ކޮވިޑް-19 ރެސްޕޮންސް" އާއި ގުޅުވައިގެން މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވާހަކަދައްކަވާފައެވެ.
އެގޮތުން މިނިސްޓަރ އަމީން ވަނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމަންވެލްތް ގައުމުތަކުގެ ސިއްޙަތާބެހޭ ވަޒީރުންނާ މިދަނޑިވަޅުގައި ބައްދަލުކުރުމަށް ލިބިވަޑައިގެންނެވީތީ އުފާވާކަމަށް ވިދާޅުވެ، މި ބައްދަލުވުން އިންތިޒާމްކޮށްދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ކޮމަންވެލްތް މެމްބަރ ޤައުމުތަކުން ގުޅިގެން ކޯވިޑް-19 އަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިނިސްޓަރ އަމީން ވަނީ އެކަމަށް ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް އޮނަރަބަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވީ، މިވަގުތަކީ ހުރިހާ ޤައުމުތަކުންވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހިފައިވާ ވަގުތެއްކަމަށެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައި، ފްރަންޓްލައިންގައި މަސައްކަތްކުރުމުގެ ތެރޭގައި ދުނިޔެ ދޫކޮށްދިޔަ ފަރާތްތަކުގެ ހަނދާނުގައި 1 މިނެޓްގެ ސުކޫތެއްވެސް ވަނީ ގެންނަވާފައެވެ.
މި ބައްދަލުވުމުގައި ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއާސަސް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޑރ. ޓެޑްރޮސް އަދަނޮމްގެ ވާހަކަފުޅުގައި ޕްރައިމަރީ ހެލްތު ކެއަރ އަށް ޤައުމުތަކުން ދެއްވާ އަހަމިއްޔަތު މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަންޖެހޭކަން ފާހަގަކުރައްވައި، ޤައުމުތަކުން ޕަބްލިކް ހެލްތްގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތަށް ދެމެހެއްޓޭނެގޮތަށް ކަންކަން ބައްޓަންކުރުމަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވި ވާހަކަތަކަށް އަލިއަޅުވާލައްވައި، އަދަނޮމް ވިދާޅުވީ، މިދަނޑިވަޅަކީ، ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާކުރުމަށް ބާރުއަޅަންޖެހޭ ވަގުތެއްކަމަށާއި، އަދި ހަމައެހެންމެ، ގައުމުތަކުގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ނައްތާލައި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން ވެސް ޖެހިފައިވާ ވަގުތެއް ކަމަށެވެ.
ދެގަޑި އިރެއްހާއިރަށް ދެމިގެންދިއަ މިބައްދަލުވުން ނިމިގެންދިޔައީ، ގައުމުތަކުގެ ހެލްތް މިނިސްޓަރުން އެއްބަސްވާ އެއްބަސްވުމެއް ހުށަހަޅުމަށްފަހު އެވެ.
މި އެއްބަސްވުމުގައި ކޮވިޑް-19 އާއި ދެކޮޅަށް ގަމުމުތަކުން ކުރަމުންދާ މަސައްކަތާބެހޭ މަޢުލޫމާތު ބަދަލުކުރުމާއި، ވަލްނަރަބަލް ގްރޫޕްސް ތަކަށް އިތުރު އަޅާލުން ފޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ދިގުމުއްދަތަށް ބޭސްކުރަމުންދާ އެކިއެކި ފަރާތްތަކަށް އިތުރު ސަލާމުކަމެއް ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރަށް، ޑަބްލިޔު.އެޗް.އޯ އިން ކޮވިޑް-19ގައި ފޯރުކޮށްދެއްވަމުންގެންދަވާ ޓެކްނިކަލް ގައިޑަންސް ފާހަގަކޮށް، މަލްޓި ސެކްޓޯރަލް އެޕްރޯޗެއްގައި މަސައްކަތް ކުރުން މުހިއްކަން ފާހަގަކުރައްވައި ގައުމުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ފޯރުކޮށްދެވޭނެގޮތަށް ކަންކަން މަގުފަހިކޮށްދިނުމަށް ވެސް ވަނީ ހުށަހަޅާފައިވެއެވެ.
ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އެންމެފަހުން ބައިވެރިވެ ވަޑައިގެންނެވީ 2016ގައި ޖެނީވާއިގައި ބޭއްވި ބައްދަލުވުމުގައެވެ.
އާއްމުގޮތެއްގައި ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކު ބާއްވާ ވޯލްޑް ހެލްތް އެސެމްބްލީގެ ކުރިން ޖެނީވާގައި ބާއްވާ ބައްދަލުވުމެކެވެ.
މިފަހަރު ކޮވިޑް-19 ފެތުރެމުންދާތީ، މިބައްދަލުވުމުގައި ގައުމުތަކުގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވީ އެބޭފުޅެއްގެ އަމިއްލަ ގައުމުން ވާރޗުއަލްކޮށެވެ. މި ބައްދަލުވުމުގައި ކޮމަންވެލްތު 57 މެންބަރު ޤައުމުގެ ތެރެއިން 27 ޤައުމެއްގެ ހެލްތު މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ