ޖޭއެސްސީގެ މެމްބަރު އާއިޝަތު ވެލެޒިނީ، ފަނޑިޔާރުން ބަދުނާމްކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ބުނެ ފަނޑިޔާރުންގެ ޖަމިއްޔާއިން ރައީސްގެ ސަމާލުކަމަށް އެކަން ގެނެސްފި

14:30ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ފާރާތްފުޅުން ޖުޑީޝަލް ސާވިސްކޮމިޝަނަށް އައްޔަން ކުރައްވާފައިވާ އާއިޝަތު ވެލްޒިނީ، ރާއްޖޭގެ ފަނޑިޔާރުން ބަދުނާމް ކޮށް ޝަރުޢީ ކޯޓުތަކުގެ އިތުބާރު ގެއްލޭގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދައްކަވަމުންގެންދަވާކަމަށް ބުނެ ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ރައީސްގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.ވެލްޒިނީގެ އަމިއްލަ ބްލޮގްގައި ލިއުއްވާފައިވާ ލިއުއްވުމަކަށް ހަވާލާދީ މިކަން ރައީސްގެ ސަމާލުކަމަށް ގެންނަވައި، އެ ޖަމިއްޔާގެ ރައީސް މުހައްމަދު ނައީމު، ރައީސް ނަޝީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ޖުޑިޝަލް ސާވިސްކޮމިޝަންގެ ޖަލްސާތައް ހިންގާ ގަވާއިދާ ހިލާފަށް ފަނޑިޔާރުންނާ ބެހޭ ގޮތުން ހަގީގަތާހިލާފް ވާހަކަތައް ދައްކަމުންދާކަމީ އެފަދަ މަގާމެއްގައި ހުންނަވާ ފަރާތެއްގެ ޕްރޮފެޝަނަލިޒަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުން މަސައްކަތް ކުރަންވާނީ ސުލޫކީ މިންގަނޑާއި، ޖުޑިޝަލް ސާވިސްކޮމިޝަންގެ ގާނޫނާއި، އެ ކޮމިޝަންގެ ޖަލްސާތައް ހިންގާ ގަވާއިދުގެމަތިން ކަމަށްވެސް ވިދާޅުވެފައިވެ އެވެ. އަދި ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން މެނުވީ ކޮމިޝަންގެ ޖަލްސާއެއްގައި ހިނގާ އެއްވެސްކަމެއް، ޖަލްސާގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެ ކަމަށާއި، މައުލޫމާތެއް މީޑީއާއަށް ދެވޭނީ ވެސް ކޮމިޝަނުން ކަނޑައަޅާ އެ ކޮމިޝަނުގެ މެންބަރަކަށް ކަމަށް ގަވާއިދުގައި ބުނެފައިވާއިރު، ރައީސްގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ މެންބަރެއްގެ ފަރާތުން އެފަދަކަމެއް ހިނގިކަމީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި، ހައިސިއްޔަތަށް އެކަމުގެ ނުރަނގަޅު އަސަރުކުރާނެކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރންނަކީ ފަނޑިޔާރުންގެ ޝަރަފާއި ކަރާމާތް ރައްކާތެރިކުރަން އެންމެބޮޑަށް މަސައްކަތްކޮށް، ކޮމިޝަންގެ ހިންގުން ހަރުދަނާކުރުމަށް، އެހީތެރިވެ ކޮމިޝަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރަންޖެހޭ ބަޔަކަށްވާއިރު އާއިޝަތު ވެލެޒިނީ ވެސް އެ އުސޫލުތަކުގެ މަތިން ކޮމިޝަންގައި މަސައްކަތް ކުރުމަކީ ޖަމިއްޔާއިންއެދޭކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ވީމާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ތަމްސީލްކުރާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމައި ޝަހުސިއްޔަތު ހާމަކޮށްދޭ، ހެޔޮގޮތުގައި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭފަދަ ހަރުދަނާ ޝަހުސިއްޔަތަކަށް ވާންޖެހޭނެކަމަށް ވެސް އެސިޓީގައި ފަނޑިޔާރުންގެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.ފަނޑިޔާރުންގެ ޖަމިއްޔާއިން ހަވާލީފައިވާ، ވެލްޒިނީގެ ލިއުމުގައި ތަފާތުކުށްތައް ކޮށްފައިވާ މީހުން ފަނޑުޔާރުންގެ ތެރޭގައި ހިމެނޭކަމަށް ބުނެ ފަނޑީޔާރުންނަށް ތުހުމަތުގެ އިނގިލި ވަނީ ދިއްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ