މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތުގެ ތެރެއިން ހައުސިން މިނިސްޓްރީއަށް އެންގުމެއް ނެތި މާލޭ ސިޓީ ކައުންސިލުން ފެން ހިންދާ ޕަމްޕު ރޫޅާލައިފިއެވެ.
ސިޓީ ކައުންސިލުން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރީ އެ ތަނުގައި ޕާކިން ޒޯނެއް ހެދުމަށެވެ. އެ ތަން ހުސްކުރުމަށް ސަހަރާގައި ހުރި ބައެއް ގަބުރުތައް ވެސް ވަނީ ނަގާފައެވެ.
މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ލޭންޑް ސްކޭޕިން ސޮލިއުޝަން ކިޔާ ބަޔަކާ ކޮންޓްރެކްޓް އުސޫލުން ހަވާލު ކޮށްގެންނެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލާއި މަސައްކަތް ކުރި ކުންފުނިން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި, މަސައްކަތް ކުރި އިރު ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ހުރި ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ނަގާފައިވާ ކަމަށެވެ.
އަދި މަސައްކަތް ކުރި އިރު މާލޭ ހުޅަނގު އުތުރު ސަރަހައްދުތަކުން ފެން ހިންދަން ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ނަގާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ މިނިސްޓްރީއަށް އެންގުމަކައި ނުލައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސިޓީ ކައުންސިލުން މަސައްކަތް ހަވާލުކުރި ކުންފުނިން އެ ފެން ހިންދާ ޕަންޕު ރޫޅާލާފައިވާ ވަކި ދުވަހެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
އެކަމުގެ ސަބަބުން އެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ފެންބޮޑުވުމަށް މެދުވެރިވެފައިވާ ކަމަށާއި, މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މާލޭ މަގުތަކުން ފެން ހިންދަން ބަހައްޓާފައި ހުންނަ ސްޓޯމް ވޯޓާ ޑްރެއިނޭޖް ޕަމްޕުތައް ބަލަހައްޓަނީ ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ.
މާލެއަށް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު އެންމެ ބޮޑަށް ފެންބެޑުވަނީ މާފަންނު ސަރަހައްދުގައެވެ. މިދިޔަ ހަފްތާ ބަންދުގައި ކުރި ވިއްސާރައިގައިވެސް މާފަންނު ކޮޅުގައި ހުންނަ ފިހާރަތަކަށާއި އެ ސަރަހަައްދުގެ ގޭގެއަށް ވަނީ ވަރަށް ބޮޑަށް ފެންވަދެ ގެއްލުން ލިބިފައެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރު މާލެއަށް 130 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު, ދިފާއީ ބާރުން ވަނީ މާލޭގެ މަގުތަކުން 18,000 އަށް ވުރެ ގިނަ ޓަނުގެ ފެން ހިންދާފައެވެ.
މިނިސްޓްރީއަށް އެންގުމަކާ ނުލައި ސިޓީ ކައުންސިލުން ފެން ހިންދާ ޕަމްޕެއް ރޫޅާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ