ކޮފީ ބޯން އެންމެ ރަނގަޅު ވަގުތަކީ ކޮބައިކަން އެނގޭތަ؟
ކޮފީ އަކީ ވަރަށް ގިނަ ބަޔަކު އެ މީހުންގެ ދުވަސް ފެށުމުގެ ގޮތުން ބޯލާ ބުއިމަކަށް ވަނީ ވެފައެވެ. އާއްމުގޮތެއްގައި ހެނދުނު ހެނދުނާ ކޮފީ ތަށްޓަކުން ދުވަސްފަށާ މީހުން ގިނަ ނަމަވެސް ބައެއް މީހުންނަށް ކޮފީ ބޯން ވަކި ވަގުތެއް ނޯވެއެވެ. މުޅި ދުވަހުގެ އެކި ވަގުތުގައި ކޮފީ ބޯން ބައެއް މީހުންނަށް އާދަވެފައި ހުންނައިރު މަސައްކަތުގެ މާހައުލުގައި އިރުއިރުކޮޅާ 'ކޮފީ ބްރޭކް' ނުނަގާނަމަ ރަނގަޅަށް މަސައްކަތް ނުކުރެވޭ މީހުން ވެސް މަދެއް ނޫނެވެ. އަނެއް ބަޔަކު ކަސްރަތު ކްލާހަށް ދިއުމުގެ ކުރިން ކޮންމެހެން ވެސް ކަޅު ކޮފީއެއް ނަމަވެސް ބޯން އާދަވެފައިވާއިރު އެއްބަޔަކު ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ކޮފީއެއް ނުބޮވެންޏާ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ކަސްރަތު ކުލާހަށް ދިއުމުގެ ކުރިން ހަށިގަނޑަށް ހަކަތަ އިތުރުކުރުމުގެ ބޭނުމުގައި ވެސް އެންމެ ގިނަ ބަޔަކު ބޯލާ ބުއިމަކީ ކޮފީ--ފޮޓޯ/ޖިމްސްޓްރީކް ކޮފީ އަކީ ސިއްހީގޮތުން ވެސް ހަށިގަނޑަށް ފައިދާތަކެއް ލިބޭ ބުއިމެއްގެ ގޮތުގައި ބެލެވޭއިރު ހަށިގަނޑަށް އެތެރެކުރެވޭ ކެފެއިން ބޭނުންކުރާ ވަގުތާ ސިއްހީ ގޮތުން ހުރި ގުޅުމަކީ ކޮބައިތޯ ބަލާލުން މުހިއްމެވެ. ރެޖިސްޓަޑް ޑައިޓީޝަން ޖިލިއަން ކުބަލާގެ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮފީގައި އެކުލެވޭ ކެފެއިންގެ ސަބަބުން މީހާގެ ގައިގެ ހަކަތައަށް އޭގެ އަސަރުކޮށް ހަށިގަނޑުގެ ބްލަޑް ޝުގަ، ނިދުމުގެ މިންވަރު އަދި ހަށިގަނޑުގެ ހޯމޯންއަށް އޭގެ އަސަރުކުރެއެވެ. ނިއުޓްރީޝަނިސްޓް ލިންޑްސޭ ދެސޮޓޯ ރިވިއުކޮށްފައިވާ މި ލިޔުމުގައި ބުނެފައިވާ ގޮތުގައި ބޯލާ ކޮންމެ ކޮފީ ޖޯޑެއްގައި 92 މިލިގްރާމް ކެފެއިން އެކުލެވެއެވެ. އޭގެ ސަބަބުން ހެނދުނު ހެނދުނާ ބޯލާ ކޮފީތަށީގެ އެހީގައި ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ މީހާ ހޭލައްވާލަދެއެވެ. ޑައިޓީޝަނުން ލަފާދޭ ގޮތުގައި ނިދުމުގައި އުނދަގޫތަކެއް ތަޖުރިބާ ކުރެވޭނަމަ ރޭގަނޑު ކޮފީ ބުއިމަކީ އެހާ ބުއްދިވެރި ކަމެއް ނޫން ކަމަށް--ފޮޓޯ/ނިއުސްމެޑިކަލް ހެނދުނު ހެނދުނާ ކޮފީ ބޯލަން ބައެއް މީހުން ބޭނުން ނުވަނީ ހަޑިގަނޑުގެ ހޯމޯންއަށް އެވަގުތު ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ލިންޑްސޭގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ހެނދުނުގެ ކޮފީ ވަކި އިރެއްވަންދެން ނުބޮއި މަޑުކުރަންޖެހޭ ސަބަބެއް ދިރާސާތަކުން މިހާތަނަށް ހޯދިފައިނުވާއިރު ހަށިގަނޑުގެ ބްލަޑް ޝުގަ ކޮންޓްރޯލް ކުރުމަށް ބޭނުންނަމަ ކޮފީ ނުބޮއި ލަސްކުރެވިދާނެއެވެ. ހައިބްލަޑް ޝުގަ ހުންނަ މީހެއްނަމަ ނުވަތަ ނިދުމުގައި އުނދަގޫތަކެއް ތަޖުރިބާކުރާ މީހެއް ނަމަ ހެނދުނުގެ ކޮފީތަށީގެ ކުރިން ޕްރޮޓީންއިން މުއްސަނދި ކެއުމަކަށް އިންސާފުކޮށްލުން ރަގަޅުވާނެ ކަމަށް ނިއުޓްރީޝަނިސްޓް ލިންޑްސޭ ވަނީ ފާހަގަކޮށްފައެވެ. ކަސްރަތު ކުރުމުގެ ކުރިން ވެސް ކޮފީ ބޯން އާދަވެފައިވާ މީހެއްނަމަ އެންމެ ރަނގަޅު ގޮތަކީ ކަސްރަތު ފެށުމުގެ އެއްގަޑިއިރު ކުރިން ކޮފީ ބުއިން ކަމަށް ލިންޑްސޭ ވަނީ ފާހަގަކޮށްފައެވެ. ކޮފީ ބުއިމަށް ވަކި ވަގުތެއް ސައިންޓިފިކް ހެކީގެ ގޮތުގައި ހޯދިފައި ނުވާއިރު ކޮފީ މާގިނައިން ބުއިމުން އުނދަގޫވާނަމަ އެންމެ ރަނގަޅު ގޮތަކީ ހެނދުނު ފަށާ ކޮފީގެ ސިލްސިލާ މެންދުރުފަސްވުމުން ނިމުމަކަށް ގެނައުން ކަމަށް ވެސް ލިންޑްސޭގެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ