ވާހަކަ: މިތުރާ މަގޭ - ތޭރަވަނަ ބައި

(އާދީއްތަ
ދުވަހުގެ ބަޔާ ގުޅޭ)
"އައިމް ސޮރީ،" ހަމްރާއު ފެށި އެވެ.
ހޫރައިންއަށް އިސްއުފުލާލައިފައި އެ މޫނަށް ބަލައިލެވުނީ ހައިރާންކަމުގެ
ލޮލަކުންނެވެ. ހަމްރާއު މާފަށް އެދެނީ ކީއްވެ ހެއްޔެވެ؟
"އަހަންނަށް ހީވަނީ ކުރިން ވާހަކަދެއްކި ރޭ އަހަންނަށް ހޫރައިން ބިރުގަންނަވާލެވުނީހެން،"
ހަމްރާއު ސަބަބު ބުނެދިނެވެ.
"އެއީއެއް ނޫން އަހަރެންގެ ބޭނުމަކީ. އަހަރެން ދުވަހަކުވެސް ހޫރައިން
ކަންބޮޑުވާ ކަމެއް ނުކުރާނަން. އަލުން ބައްދަލުވީމަ އަހަރެން ހަމައެކަނި ބޭނުންވީ
ދަރަނި އަދާކުރަން. އެނގޭ އެ ހުރިހާ ދުވަހު ހޫރައިން ވެދިން އެހީގެ ބަދަލު
ނުދެވޭނެކަން ވެސް،" ހަމްރާއު ލުއި ހިނިތުންވުމަކާ އެކު ބަލަހައްޓައިގެން އިނދެ
އޮޅުންފިލުވައިދިނެވެ.
ހޫރައިންއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ.
އޭނައަށް ހީވެފައި އޮތީ ހަމްރާއު އޭނަ ބޭޒާރުކުރަން އުޅެނީ ކަމަށެވެ. އެހެން މީހެއްގެ
ހައްގެއްކަން އެނގި ހުރެ ނުބައި ނަޒަރަކުން ބެލީތީ އެކަމުގެ ހިތި ބަދަލު ލިބެނީ
ކަމަށެވެ. ފަހަރުގައި މި އޮތް ހުރިހާ ދުވަހު އޭނައަށް ހަމްރާއުއާ ދޭތެރޭ ދެކެވިފައި
ހުރީ މުޅިން ރަނގަޅަށް ނޫންކަމާއި ހަމްރާއު އަކީ އޭނަ ހީކުރި ކަހަލަ މީހަކަށް
ނުވެދާނެކަމުގެ ބިރު ހިތުގައި އުފެދުނެވެ. އެކަމަކު އެންމެ ވާހަކަކޮޅަކުން
އެ ކުށްހީތައް ދުރުކޮށްދީފި އެވެ. އެއީ އަދިވެސް އޭނަ ނަމޫނާއެއް ކަމުގައި ބެލި
ހިތްހެޔޮ ޒުވާނާ އެވެ. ވަފާތެރި ފިރިއެއްގެ އިތުރުން އޯގާތެރި ބައްޕައެކެވެ.
"އެއީ ދަރަންޏެއް ނޫން. އަދި ހަމްރާއުގެ ކިބައިން ބަދަލަކަށް އަހަރެން
އެދިގެން ކުރި ކަންކަމެއް ނޫން،" ހޫރައިން އެންމެފަހުން ޖަވާބުދިނެވެ.
"އެންމެ ރަނގަޅު. އެކަމަކު އަހަރެން ހިތްހަމަޖެހޭނެ ކުޑަމިނުން އަހަރެން
ދިން ހަދިޔާ ގަބޫލުކޮށްފިއްޔާ. އިތުރަށް އަހަރެން ހޫރައިންއަށް އުނދަގުލެއް ވެސް
ނުކުރާނަން،" ހަމްރާއު އާދޭހާއެކު އެދުނެވެ.
ހޫރައިން ޖަވާބުދޭން އުޅެފައި ހުއްޓައިލީ ބައްޕަ އަންނަތަން ފެނިގެންނެވެ. ހަމްރާއު
އަދިވެސް ޖަވާބަކަށް އެދި ބަލަން އިންހެން ހީވެގެން މަޑުމަޑުން ބޯ ޖަހައިލީ
އެއްބަސްވުމުގެ ގޮތުންނެވެ.
"ތެންކިއު،" އަޑު ނީވޭނެހެން ހޫރައިންއަށް ތުންފަތުގެ ހަރަކާތަކުން
އެކަނި ހަމްރާއު ބުނެލި އެވެ.
ހިނިތުންވެލަމުން ހޫރައިން ދުރު ބަލާލައިފައި ތެދުވި އެވެ. ބައްޕަ އާއި ހަމްރާއު
ދައްކާ ވާހަކަ އަޑު އަހަން އޭނަ އެތާ އިނުން ރަނގަޅެއް ނޫނެވެ.
***
ގެއަށް އައިސް ވަންއިރު ވާރޭ ހުއްޓާލާފައި އޮތެއްކަމަކު އުޑުމަތިން ފެނުނީ
އަނެއްކާވެސް ވިލާ ބޯވަމުންދިޔަ މަންޒަރެވެ. ލައިގެން ހުރި އަންނައުނުގައި ފެނުގެ
އަސަރު ކޮންމެވެސް ވަރަކަށް ހުރުމުން ހަމްރާއު ވަނީ އަންނައުނު ބަދަލުކޮށްލާށެވެ.
ފޯނާއި ވޮލެޓް ނަގައި އެއްފަރާތެއްގައި ބާއްވާލައިފައި ގަމީސް ބޭލުމަށް ފަހު
ދާވަށިގަނޑަށް ވައްޓައިލި އެވެ. ތިރިން ސްވެޓްޕޭންޓަކަށް ބަދަލުކޮށްލުމަށް ފަހު
މަތިން ލާން ޓީޝާޓެއް ހޯދަނިކޮށް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެދިމާއަށް
ބަލައިލާފައި ވެސް ބޭނުންވި ޓީޝާޓް އަންނައުނުތައް ތެރޭ އޮއްވާ ފެނުމުން ނަގައި
ބޮލަށް މަހައިލި އެވެ. އަތް ކުޑަކޮށް ދިގުވެ މައްޗަށް ޖައްސާލައިފައި ގޮސް ފޯނު
ނަގައި ބަލާލައިފި އެވެ.
"ތޭންކްސް. މީ އެކަމަކު ކުޑަ ގިފްޓެއް ނޫން. ވަރަށް އުނދަގޫވެ ހުރެ
މި ބަލައިގަތީ،" ހޫރައިން މެސެޖު ފޮނުވާފައި އޮތެވެ.
ހޫރައިން ފޯނު ބޭނުން ކުރަން ފެށީ އެވެ.
ހަމްރާއުގެ ތުންފަތަށް ވެރިވީ ކާމިޔާބު ހިނިތުންވުމެކެވެ.
"އިޓްސް ނަތިން ކޮމެޕެއާޑް ޓު ވަޓް ޔޫ ޑިޑް ފޯ މީ،" ހަމްރާއު
ޖަވާބުގައި ލިއުނެވެ.
މެސެޖު ފޮނުވާލައިފައި އޭނަ ނިކުތީ ބަދިގެއަށެވެ.
"ސްޓޮޕް ސޭއިން ދެޓް،" އިރުކޮޅަކުން ޖަވާބު އައި އަޑު އިވުނެވެ.
ހަމްރާއު ހުރީ ފެން ތަށްޓެއް ބޯށެވެ. މެސެޖު އައި އަޑަށް ފްރިޖު ކައިރީ
ހުރެފައި މޭޒުމަތީ ބޭއްވި ފޯނަށް ނަޒަރެއް ދިނެވެ. ދެން ފެންތަށި ހުސްކޮށްލާފައި
ބެހެއްޓުމަށް ފަހު ނިކަން ހަރުކޮށް އައިސް ފޯނު ނަގައިފި އެވެ. ވަގުތުން އޭނަ ގާތަށް
ހިނިއަ އެވެ.
"ރިގްރެޓިން ސަމްތިން؟" ހަމްރާއު ހިނިއައިސްފައި ހުރެ މެސެޖުކުރި އެވެ.
ހޫރައިން ކޮށްދިން ކަންކަމާ މެދު ހިތާމަކުރަނީތޯ އޭނަ އެހީ ހަމަ ގަސްތުގައި
ރުޅިއަރުވާލަން ވެގެންނެވެ.
"ދެން އެއްފަހަރު ތިހެން ބުންޏަސް އައި ވިލް ނޮޓް ޓޯކް ޓު ޔޫ.
އެވާ..." ހޫރައިންގެ ޖަވާބު އައީ ނިކަން ސީރިއަސްކޮށެވެ.
އެކަމަކު ހަމްރާއުއަށް ހައްތަހާ މަޖާވި އެވެ.
"އިންޓްރެސްޓިން..." ހަމްރާއު ފުރަތަމަ ލިއުނު އެތި ފުހެލާފައި
އަލުން އެހެން ޖަވާބެއް ފޮނުވި އެވެ.
ހޫރައިންއަށް ދޭހަ ނުވެގެން ސުވާލު މާކެއް ފޮނުވި އެވެ.
އެއް އަތުން ބޮލުގެ އިސްތަށިގަނޑާ ކުޅެލާފައި ހަމްރާއު ގޮސް ގޮނޑި
ދަމާލައިގެން މޭޒު ދޮށުގައި އިށީނދެއްޖެ އެވެ. ހީވަނީ ދެން ވާހަކަދެއްކޭނީ
ކުރިއަށްވުރެ ހަމަޖެހިލައިގެން ހެންނެވެ. އޭނަ މެސެޖު ކުރަން އުޅެފައި ކޮޓަރި
ދޮރާ ދިމާއަށް ބަލައިލީ މީހަކު ހުޅުވާލި އަޑަށެވެ. ނެނީ ފެނުމުން އަނެއްކާވެސް
ފޯނަށް ނަޒަރު ހުއްޓައިލި އެވެ. ނެނީ އެ ނިކުންނާނީ ރަނާ ކޮޓަރީގައި ކާން ނޫނީ
ކާޓޫނެއް ބަލަން ގެއްލިފައި އިނީމަ އެވެ.
"އަހަރެންގެ ހަނދާނުގެ ބައި ރަނގަޅުކަމަށްވަންޏާ މީގެ ކުޑައިރުކޮޅެއް
ކުރިން ފެނުނު ކުއްޖާ ހުރީ އަހަރެން ގެއިން ފެނިގެން ގޯސްޓެއް ފެނިގެން އުޅުނު
ކުއްޖެއްހެން. އެކަމަކު މިހާރު ތިބުނަނީ އަހަރެންގެ ޕާސްޓްގެ ވާހަކަ
ހުއްޓައިފިއްޔާ އަދިވެސް ވާހަކަދައްކާނަމޭތަ؟" ހަމްރާއު ބޭނުންވީ
ޔަގީންކުރާށެވެ.
ފޯނުން ނަޒަރު ވަކިކޮށްލާފައި އޭނަ ދުރު ބަލަން ފެށި އެވެ. ޖަވާބު އަންނަން
އިރުކޮޅެއް ނަގާނެކަން ލަފާކުރެވުނީ އެވެ. އެއިރު ބޭރަށް ވެހެމުންދިޔަ ވާރޭ
ދޮރުފޮތި ކަހާލައިފައި ހުރި ކުޑަދޮރުތަކާ ދިމާއިން ފެނެ އެވެ.
"އިފް ޔޫ ބިހޭވް، އައި މެއި ކަންޓިނިއު ޓޯކިން..." ހޫރައިން ވަރަށް
ވިސްނާފައި ފޮނުވި މެސެޖެކެވެ.
ހަމްރާއުގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން އަ އެވެ.
"އެމް އައި ނޮޓް ޓޫ އޯލްޑް ފޯ ޔޫ ޓު ޓޯކް؟" ހަމްރާއު އަދިވެސް
ހޫރައިން އިމްތިހާނު ކުރަނީ އެވެ.
"ކަރެކްޝަން: އޯލްޑް އެން ވައިޒް،" ހޫރައިން ފޮނުވި އެވެ.
"އޭޖް ޑަޒް ނޮޓް މޭކް އެނީ ޑިފަރެންސް ބިޓުވީން ފްރެންޑްސް،" ހަމަ
ފުލުފުލުގައި އަނެއް މެސެޖު އަ އެވެ.
ހަމްރާއުއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. ހޫރައިން އޭނަ
ހީކުރި ވަރަށް ވުރެ ވެސް ހިތްވަރުގަދަ ވެއްޖެ އެވެ. ހަގީގަތަކީ ހޫރައިން ގެއިން ނިކުތް
ދުވަހުން ފެށިގެން އޭނައަށް ހޫރައިންއާ ދޭތެރޭ ވިސްނުން ހުއްޓައިނުލެވޭ ކަމެވެ.
ކޮންމެވެސް ސިފައެއްގައި ހޫރައިންގެ ހަނދާންތައް ސިކުނޑިއާ ހަމައަށް އާދެ އެވެ.
ބައެއްފަހަރު އިސްތިރިކޮށްފައި ހުންނަ އަންނައުނު ފެނިފަ އެވެ. ގޭގައި ކައްކާފައި
ހުންނަ ކާއެއްޗެހިންނެވެ. ވަރަށް ގިނަ ފަހަރު އެކަނިމާއެކަނި ކާން ކާމޭޒުދޮށުގައި
އިންނަ ގަޑީގަ އެވެ. އަބަދުވެސް އަމިއްލައަށް އޭނަ ސުވާލު ކުރަނީ ކުރިމަތީގައި
ހޫރައިން އިންނަ ނަމަ ހޫރައިންއާ ކުރާ ފަދަ ގޮތަކަށެވެ.
ކީއްވެ ހެއްޔެވެ؟ އެހެން އެއްވެސް މީހަކު ނުދިން އަހައްމިއްޔަތުކަމެއް
އޭނައަށް ހޫރައިން ދިނީ ކީއްވެ ހެއްޔެވެ؟ އެހެން އެއްވެސް މީހަކަށް އޭނަ އެހީއަށް
ބޭނުންވާކަން އިހްސާސް ނުވާއިރު އެހާ ކުޑަކުޑަ އަންހެންކުއްޖަކަށް އެކަން
އިހްސާސްވީ ކިހިނެއް ހެއްޔެވެ؟ އެއް ގޭތެރޭގައި އުޅޭއިރު އަނގައިން ނުބުނެ
ނުވެގެން ނޫން ގޮތަކަށް އޭނަ ކުރިމަތީ ބަހެއް ވެސް ބުނެނުލާ ކުއްޖާ ފަރުދާގެ
ފުރަގަހުން އޭނައަށް އެހާ ބޮޑެތި ހިދުމަތްތަކެއް ކުރީ ކޮންފަދައަކުން ހެއްޔެވެ؟
"އޯކޭ ލިޓްލް ފްރެންޑް. އައި ވިލް ޑޫ އޭޒް ޔޫ ވިޝް،" ހަމްރާއު
ހޫރައިން އެދުނު ފަދައިން މާޒީގެ ވާހަކަ ނުދައްކާނެ ކަމަށް އެއްބަސްވި އެވެ.
އެކަމަކު އެއީ ހަމައެކަނި ވަގުތީ ގޮތުން އޭނަ ވީ ވައުދެއްކަން އަމިއްލަ ނަފްސަށް
އެނގެ އެވެ.
އެހެންނޫނަސް އެ ދެމެދުގައި ދެކެވެމުންދާ ވާހަކަ އާއި އެ ގުޅުމަށް އެކުވެރިންގެ
ނަމުން ނަން ދިނުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގައި ހަމްރާއުގެ ހިތް ބުންޏެވެ.
އެ އަންހެންކުއްޖާގެ ކިބައިގައި ގޮތް ނޭނގޭ ދަމާބާރެއްވެ އެވެ. ކޮންމެވެސް
ސިފައެއްގައި ގުޅުން ބާއްވަން އޭނަ އެހާ ބޭނުންވީ މި ސަބަބާ ހުރެ އެވެ.
ހަމްރާއުގެ ފަހު މެސެޖަށް ބަލާލައިފައި އޭނަ އޮށޯވެގެން އޮތް ހިސާބުން
އެއްފަރާތުގައި ބާއްވާފައި ހޫރައިން ހަމަޖެހިލި އެވެ. ހަގީގަތަކީ އޭނައަށް މިއަދު
އެހާ ބޮޑު ހިތްވަރެއް ލިބުނީ ހަމްރާއުއާ އަލުން ބައްދަލުވުމަށް ފަހު ކޮންމެވެސް
ސިފައެއްގައި ކޮންމެވެސް ގުޅުމެއް ބާއްވަން ހިތް މަޖުބޫރު ކުރުވި ކަމެވެ. އަދި
އެކުވެރިކަމަކީ އެ ގުޅުމަށް ދެވޭނެ އެންމެ ރައްކާތެރި ނަމެވެ.
***
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހޫރައިން އާއި ހަމްރާއުގެ އެކުވެރިކަމުގެ
ގުޅުން ވެސް އައީ އިތުރަށް ބަދަހިވަމުންނެވެ. ހެނދުނު ތެދުވާ ގޮތަށް ކޮންމެވެސް އާ
މައުލޫއުއަކަށް ވާހަކައެއް ފަށާނެ އެވެ. ހެނދުނު ސައިބޯނީ މެސެޖު ކުރަން ތިބެފަ
އެވެ. ކޮލެޖަށް ދާއިރު ދެތިންފަހަރު ހޫރައިން ފޯނު ނަގައިގެން މެސެޖު ލިޔެ އެވެ.
ގެއަށް އައިސް ވެސް ކިތަންމެ އިރަކު ފޯނު ހިފައިގެން އިނދެ އެވެ. އިރުއިރުކޮޅާ އެ ދެލޯ
ވިދައިގަންނަނީ އާ މެސެޖެއް އައިސްގެން ވައިބްރޭޓްވީމަ އެވެ. އެކީގައި ކާން ތިބޭ
މީހުންނާއި ގޭގައި އެކީ އުޅޭ މީހުންނަށް ވެސް ފެންނަނީ ހޫރައިން އަބަދުވެސް ފޯނު
ހިފައިގެން އުޅޭތަނެވެ. ވާހަކަދައްކާތީއެއް ނުފެނެ އެވެ. އެކަމަކު ފޯނުން
އަބަދުވެސް ލިޔާތީ ފެނެ އެވެ. ގިނަ ފަހަރު އިންނާނީ ހިނި އައިސްފަ އެވެ. ކައިރީގައި
މީހަކު ބަލަން އިނަސް ހޫރައިން އިންނާނީ އެހެން ދުނިޔެއެއްގަ އެވެ.
އަނެއްކޮޅުން ހަމްރާއުގެ ދުވަސްތައް ވެސް ފާއިތުވަމުންދިޔައީ ހޫރައިންއާ ދާދި
އެއްގޮތެއްގަ އެވެ. އަރާ އިރާއެކު ހޫރައިންގެ މެސެޖެއް އިންތޯ ބަލާލެވެ އެވެ.
ނެތިއްޔާ އިސްވެ މެސެޖެއް ކޮށްލެވޭނެ އެވެ. ގިނަ ފަހަރު ފަށާނީ މޫސުމުގެ
ވާހަކައިންނެވެ. ނޫނީ ދެ މީހުންގެ ދުވަހުގެ ޝެޑިއުލްގެ ވާހަކަ އެވެ. ދައްކަނީ
މުޅިންވެ ސް އާދައިގެ ވާހަކަތަކެވެ. އެކަމަކު ދެ މީހުންނަށް ވެސް އެކަކު އަނެކަކުގެ ދިރިއުޅުމުގެ
ގިނަ ކަންކަން ދަސްވެއްޖެ އެވެ. ކަމުދާ ކުލަ އާއި މީރު ކާއެއްޗެހިން ފެށިގެން
ކަމުނުދާ އެކުވެރިންނާއި މިހެން ގޮސް އިތުރު މީހަކާ ހިއްސާ ނުކުރާ ބައެއް ހާއްސަ
ވާހަކަތައް ވެސް މެ އެވެ.
ހޫރައިން އަބަދުވެސް ގަޔާވަނީ ހަމްރާއު އެއްވެސް ވަރަކަށް އޭނަގެ އަމިއްލަ ދިރިއުޅުމުގެ
ވާހަކަ ފޮރުވަން ނޫނީ ނުދައްކަން ނޫޅޭތީ އެވެ. އެ ދެ މީހުންގެ މެދުގައި ދެކެވޭ
ވާހަކައިގައި ދަރިފުޅާއި އަންހެނުންގެ ނަން ވެސް ކިތަންމެ ފަހަރަކު އަންނާނެ އެވެ.
އެކަމަކު ހަމްރާއު އެއްފަހަރު ވެސް ރައިނާއަށް ދެރަވާ ގޮތަށް ނޫނީ އިހާނެތިވާ ގޮތަށް
އެއްވެސް ވާހަކައެއް ނުދައްކާނެ އެވެ. އޭގެ ބަދަލުގައި ރައިނާގެ ވާހަކަ ދައްކާނީ
ނިކަން ލޯބިންނެވެ.
ރައިނާގެ ނަން އަންނަންޏާ އަބަދުވެސް އޭގެ ކުރިއަށް "މައި ލަވްލީ
ވައިފް" ކޮންމެހެން ހިމަނާނެ އެވެ.
ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން ހޫރައިން ކޮޓަރިން ނިކުތީ ކޮލެޖަށް ދާން
ތައްޔާރުވެގެންނެވެ. އޭނަ ބަދިގެއަށް ވަން ވަގުތު މޭޒުދޮށުގައި ތިބި އެންމެން
އެއްފަހަރާ ބަލައިލި އެވެ. ހޫރައިންގެ ފޯނު ރިންގްވާން ފެށީ އެ ގަޑީގަ އެވެ.
ހަމްރާއުގެ ނަން ފެނުމުން ހޫރައިންގެ މެއަށް ފިނިވެގެން އަ އެވެ.
ހަމްރާއު އަބަދުވެސް ކުރާނީ މެސެޖެވެ. ނުއެއް ގުޅާނެ އެވެ. މިއަދު އެ ގުޅަނީ
ކީއްވެބާވަ އެވެ؟ އެންމެންތެރޭ ފޯނު ނަގާފައި ވާހަކަދައްކަން ފަށާނީ ވެސް ކިހިނެއް ހެއްޔެވެ؟ ހާސްވެގެން ހޫރައިންއަށް ހަނދާނެ ގޮތް ހުސްވި އެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ