ޢިބްރަތްތެރި ވާހަކަ: ކެތްތެރިވާންޖެހޭ ޙާލަތުގަ ކެތްތެރިނުވެ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވުނު އަންހެނެއްގެ ނިމުން ވަަރަށް ހިތްދަތި! ވަރަށް ޢިބްރަތްތެރި!

އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެކަކީ ކައިވެނިކުރަން ބޭނުންވާ އަންހެނެއް ނޫނެވެ. އޭނާއަށް ނަޞޭޙަތް ދިނުމުން ބުނަނީ މިނިވަންކަމާއިއެކު އުފާވެރި ދުވަސްތަކެއް ހޭދަނުކޮށް ކައިވެނިކުރުމުން ގެއްލިގެން އެދަނީ ޙަޔާތުގެ އެންމެ ދުވަސްތައް ކަމަށެވެ. 
ވީމާ އެކުރާ ފާޙިޝް ޢަމަލުތައް ކުރުން ހުއްޓާލައި ކައިވެނިކުރަން ބާރުއެޅުމުގެ ގޮތުން ކުރެވޭނީ ކޮންކަމެއްތޯއެވެ؟ 
ޖަވާބުގައި ބުނަން އޮތީ ކޮންމެ ގޮތަކުން ނަމަވެސް ނަމާދުކުރުވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ނަމާދުކުރުމަކީ ޝައިޠޯނާ އާއި ދުރުކޮށްދޭނެ ކަމެކެވެ. އިން ޝާ ﷲ. އޭނާގެ މައްޗަށް ހެޔޮދުއާ ކުރަމުން ގެންދާށެވެ! ތިރީގައިވާ ވާހަކަ ފަދަ ޢިބްރަތްތެރި ވާހަކަތައްވެސް ކިޔައިދޭށެވެ. އިން ޝާ ﷲ ތެދުމަގު ދައްކަވާނެތެވެ. 
އެއީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާ އަކީ ވަރަށް ޒިންމާދާރުކަމާއިއެކު ވަޒީފާއަދާކުރާ ޑޮކްޓަރެކެވެ. އެއީ 2020 ގެ ފަހުކޮޅެވެ. ކޮވިޑުގެ އެންމެ ބާރުބޮޑު ދުވަސްތަކެވެ. އެހެންކަމުން ގެއަށް އާދެވެނީ ފަހްތާއަކު އެއްދުވަހު ކަހަލަ ގޮތަކަށެވެ. 
އަނބިމީހާއަށް އެކަންވީ ވަރަށް ބޮޑުކަމަކަށެވެ. އެކަނި ނިދަން ބޭނުމެއް ނުވިއެވެ. އެހެންވެ ކޮންމެ ރެއަކުވެސް ފިރިހެނަކަށް ދައުވަތުދީގެން ގެއަށް ގެންނަން ފަށައިފިއެވެ. އޭނާ ދެކޭ ގޮތުގައި ފިރިމީހާ އޭނާ އާއިއެކުގައި ނުނިދާނަމަ ހިލޭ ފިރިހެނުންނާއިއެކު ރޭކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެކެވެ. ފިރިމީހާ ވަގުތުތައް ހޭދަކުރަނީ ކިހައި މުހިންމު އިންސާނީ ޚިދުމަތެއްގައިކަން ބަލާކަށް ބޭނުމެއް ނުވިއެވެ. 
ފިރިމީހާއަށް ގެއަށް އާދެވޭ ދުވަސްދުވަހުވެސް ބުނެއުޅެއެވެ. "ތިއަ ކޮވިޑަކީ ވަބާއެކެވެ. އެބަލި ޖެހޭ މީހުން ރަނގަޅުވާނީ އަވަހަށް މަރުވިއްޔާއެވެ. އެއިރުން ބައިވެރިޔާއަށް އާކޮށްލަން ފުރުޞަތު ލިބޭނެއެވެ. ތަނަވަސްކަންހުރި މީހަކުނަމަ އޭނާގެ ތަނަވަސްކަން އަނެކާއަށް ލިބޭނެއެވެ." 
މިފަދަ ބަސްތައް ނުބުނުމަށާއި ބަލިވާ މީހުންނަށް ހެޔޮދުޢާކުރަން ބުނުމުން ބުނަނީ ހެޔޮދުޢާކުރިނަމަވެސް މަރުވާންހުރި މީހަކު މަރުވާނެ ކަމަށެވެ. އެހެންވެ ފިރިމީހާ ވަރަށް ދެރަވެއެވެ. އޭނާއަކީ އޭނާގެ ފުރާނަ އަތަށް ލައިގެން ބަލިމީހުންނަށް ޚިދުމަތްކުރާ މީހެކެވެ. އެހެން މީހުންގެ ފުރާނަ ސަލާމަތްކުރަން ވަރަށް ބުރަކޮށް މަސައްކަތްކުރާ ޑޮކްޓަރެކެވެ. 
ފިރިމީހާއަށް ދަންވަރުގެއަށް އާދެވުނުއިރު އަނބިމީހާ އުޅެނީ ކޮޓަރިއަށް ފިރިހެނަކު ވައްދައިގެންނެވެ. ފިރިމީހާ ވަރަށް ދެރަވިއެވެ. ނަމަވެސް ބަހެއް ނުބުނެ ކެތްތެރިވެލައިގެން ހުއްޓާ އަނބިމީހާ ބުންޏެވެ. "އަހަރެންދެކެ ރުޅިއަންނަން ހަދާނެ ކަމެއް ނެތެވެ. އަހަރެން މީނާ ޢާއިއެކު ދިއަދޭށެވެ. ކަލޭ ތިއައުޅޭ ތަނެއްގައި ކަލޭ އުޅޭށެވެ. މަށަކަށް އެކަންޏަކު ނުނިދޭނެއެވެ." އެހެންބުނެފައި ގެއިން ނުކުމެގެން ދިއައީއެވެ. 
ފިރިމީހާ އެކަމުގެ ހިތާމައިގާ ދުވަސްކޮޅަކު ހުރެފައި ދެވަނަ ކައިވެނިކުރިއެވެ. އަދި އެހިސާބުން ކޮވިޑު ކޮންޓްރޯލްވެ، އެންމެ ބުރަކޮށް މަސައްކަތްކުރި ޑޮކްޓަރުންނަށް ޕަރަމޯޝަންދިންއިރު އެންމެ މަތިން ޕްރަމޯޝަން ލިބި މުސާރަވެސް ބޮޑުވިއެވެ. 
ކުޑަދުވަސްކޮޅެއް ފަހެވެ. އަނބިމީހާއަށް ކަންކަން ކުރެވުނު ގޮތް ރަނގަޅުނޫންކަން ވިސްނުނީ ގުޅިގެން މިދެވުނީ ދިރިއުޅެން މަސައްކަތްނުކުރާ މީހަކާއެކުގައި ކަމަށްވެފައި ހުރިހާ ޚަރަދެއް އަނބިމިހާގެ މުސާރައިން ކުރަންޖެހުމުންނެވެ. އެހެންވެ އަލުން ކުރީގެ ފިރިމީހާ އާއި ގުޅެން ބޭނުންވެ ހޮސްޕިޓަލުގައި އިންދާ ބައްދަލުކުރިއެވެ. 
ފިރިމީހާ އޭނާ ދެއްކި ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ފުރަތަމަވެސް ދިއްކޮށްލީ ޓެސްޓްތަކެއް ހަދަން ސްލިޕެކެވެ. އެއީ މޫނުމަތީގައި އާދައާއި ޚިލާފް ލައްތަކެއް ހުރުމުންނެވެ. ޓެސްޓްތަކުގެ ނަތީޖާއިން އެނގުނީ އެއިޑްސްޖެހިފައިވާ ކަމެވެ. ފިރިމީހާ ވަރަށް ދެރަވެފައި ބުންޏެވެ. "ވަކިގޮތަކަށް އުޅެން އިންސާނުންނަށް އަންގަވާފައި އޮތީ ހައިވާނުންގެ ދަރަޖައަށް ވެއްޓުމުން ލިބޭނެ ގެއްލުންތައް ބޮޑުވީމެވެ. ތިއަ ފެނުނީ ކޮވިޑްތެރޭގައި ބަލިމީހުންނަށް ކަލޭކުރި ބަދުދުޢާގެ އިތުރުން އެތައް ބައިވަރު ފިރިހެނުންނާއިއެކު ޖިންސީގުޅުން ހިންގިކަމުގެ ނަތީޖާއެވެ. ދެންވެސް ތައުބާވެ ރަނގަޅަށް އުޅެވޭތޯ ބަލާށެވެ! ﷲ އިރާދަފުޅުން އަހަރެންނަށް ވަނީ ވަރަށް ހެޔޮލަފާ އަންތބަކު ލިބިފައެވެ. އެހައި ރަނގަޅު އަންތބަކު އެލިބުނީ އަހަރެން ތެދުވެރިކަމުގައި ހުއްޓާ ކަލޭ އަހަރެންނަށް ދިން އަނިޔާގެ ބޮޑުކަމުންނެވެ. ކަލޭގެ ނުބައިކަން ފަޅާއަރައި ކަލެއާއި އަވަހަށް ވަކިވާން އިރާދަ އެކުރެއްވެވީ އަހަރެން އިންސާނިއްޔަތަށް ކުރި ޚިދުމަތުގެ ސަބަބުންނެވެ. ދެންވެސް ޢިބްރަތް ޙާޞިލުކުރާށެވެ!" 
އަނބި މީހާ ރޮމުން ނުކުމެގެންދިއައީ އިންތިހާއަށް ހިތާމަކުރަމުންނެވެ. ފިރިމީހާ އެބުނި ވާހަކަތަކަކީ ހަމަ ޙަޤީޤަތްކަން އެނގޭއިރު އިތުރަށް ބުނާނީވެސް ކީކޭހެއްޔެވެ؟
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ އެކި ގޮތްގޮތަށް ބަދަލުކޮށްގެން އުފައްދާފައިވާ މޫވީ ކްލިޕްތައްވެސް ދުށީމެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިވާހަކައިވާ ކަންކަމަކީ ވިސްނައި ފިކުރުކޮށްފި ކޮންމެ މީހަކަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ.
 
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ