ރައީސް ޔާމީނަށް ހުކުމް އިއްވި ގާޒީ އަލީ ރަޝީދުގެ ނަން ސުޕްރީމް ކޯޓަށް: ”މިއީ ދިން ހަދިޔާއެއް؟“

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ރިޔާސަތު ފަހުން ބެލެހެއްޓެވި އަލީ ރަޝީދު ހުސެއިން އައްޔަން ކުރުމަށް ނަން ހުށަހަޅާފައިވާތީ ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ގާނޫޏަށް ގެނައި ބަދަލާއި އެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރަކު ތިއްބަވަން ޖެހޭނެއެވެ. އެހެން ނަމަވެސް ކޯޓުގައި ބެންޗު ހަމަނުވެ، ފަސް ފަނޑިޔާރުން ތިއްބަވާތާ ވަނީ އަހަރެއް ވެފައެވެ. ހުސްވެފައިވާ މަގާމަށް ގާޒީ އަލީ ރަޝީދުގެ އިތުރުން ދެން ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު ޑރ. މުހައްމަދު އިބްރާހިމްގެ ނަމެވެ.
ގާޒީ އަލީ ރަޝީދަކީ މިވަގުތު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުރި ފަރާތެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާ ޝަރީއަތްތައް ކުރިޔަށްދިޔައިރު ރިޔާސަތުގައި ހުންނެވީ އޭރު ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްއެވެ. މައްސަލައިގެ ހުކުމް އިއްވުމަށް ފަސް ގަޑިއިރަށް ވެވެފައިވަނިކޮށް ހައިލަމް މަގާމުން ސަސްޕެންޑުކޮށްފައިވަނީ ނަސްރުގެ ދުވަހާއި ގުޅުވާ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގެ މައްސަލައިގައެވެ. ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނުޖަހައި ދަމާފައި ގެންދާ ފޮޓޯގެ ސްކްރީންޝޮޓު ލީކުވުމުންނެވެ. މި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު ހައިލަމް ސަސްޕެންޑު ކުރުމާއި ގުޅިގެން އެ ކޯޓު ހިންގުމާ ހަވާލުކޮށްފައި ވަނީ ގާޒީ އަލީ ރަޝީދާ އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ވަކި ގޮތަށް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ ކަމަށާއި އެކަން ގާޒީ އަލީ ރަޝީދަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ހައިލަމްގެ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ގާޒީ އަލީ ރަޝީދު ވަނީ ދޮގުކޮށް މީޑިއާއަށް އިންޓަވިއުއެއް ދީފައެވެ. ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން، ސިޔާސީ މީހަކު ނުވަތަ މީޑިއާ ގައި ދައްކާ ވާހަކަ އަކަށް ފަނޑިޔާރުން ރައްދު ދިނުމަކީ މަނާ ކަމެކެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ބެހޭ މާއްދާގެ ހ. ގެ 11 ގައިވާގޮތުން މިފަދަ ގޮތަކަށް ފަނޑިޔާރަކު ސީދާ މީޑިއާގައި ވާހަކަދެއްކުމަކީ މަނާކަމެއްގެ ގޮތުގައި ބުނެފައިވަނިކޮށް، ގާޒީ އަލީ ރަޝީދު ވަކި މީޑިއާއަކަށް ދިން އިންޓަވިއުއެއްގެ މައްސަލައިގެ ވާހަކަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ވެސް ދެކެވުނެވެ.
އެގޮތުން ރައީސް ޔާމީނަށް ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ދެއްކެވި ވާހަކަތަކަށް ގާޒީ އަލީ ރަޝީދު ވިދާޅުވީ ގާނޫނުގައި މަނަލީ ސިޔާސީ މީހަކު ދައްކާ ވާހަކައަކަށް ރައްދު ދިނުމާއި ހިނގަމުންދާ މައްސަލައަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި އިންޓަވިއު ދިނުން ކަމަށެވެ. ގާޒީ ވިދާޅުވީ ސިޔާސީ މީހަކަށް ރައްދު ނުދެއްވާ ކަމަށާއި ހިނގަމުންދާ މައްސަލައާ ބެހޭ ގޮތުން ވާހަކަ ނުދައްކަވާ ކަމަށާއި އަދި އޭނާ މީޑިއާގައި ވިދާޅުވީ އޭނާއާ ބެހޭ ގޮތުން އެހެން ގާޒީ އަކު ކުރެއްވި ތުހުމަތަކަށް، އެ މިންވަރަށް ކަމަށެވެ.
ގާޒީ އަލީ ރަޝީދުގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ފޮނުވާފައިވާތީ، ހައިލަމް ވެސް ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. އަދި މިއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާއާއި ހިލާފަށް ވަކި މައްސަލައެއް ނަގައިގެން އަވަހަށް ނިންމާލުމުން ލިބުނު ހަދިޔާއެއްތޯ ސުވާލު އުފެއްދިއެވެ.
ހައިލަމްގެ ޓްވީޓުގައި އިސްތިއުނާފީ ކޯޓެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާއެއް ނެތް ބޭފުޅުން އެންމެ މަތީ ކޯޓަށް އައްޔަންކޮށްގެން ޖުޑިޝަރީ އިސްލާހުވޭތޯ ސުވާލު އުފެއްދިއެވެ.
https://twitter.com/AhmedHailam/status/1291357922337800196
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ގާޒީ އަލީ ރަޝީދަށް ފާޑުކިޔާ ޓްވީޓުކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވީ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލުން ދެއްކެވި އެއްވެސް ވާހަކައަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާތީ ގާޒީ އަލީ ރަޝީދަށް ދޭ ހަދިޔާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކަމަށެވެ. އަދި މިއީ ޑީއެލްއެއްގެ ދަށުން އިއްވި ހުކުމެއްގެ ގޮތުގައި ޝިޔާމް ވިދާޅުވިއެވެ.
https://twitter.com/Shiyamaldives/status/1291377366116098049
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޓްވީޓު ކުރައްވާ ވިދާޅުވީ ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމަށް ހުށަހެޅުމުން އޭގެއިން ވެސް އެނގިގެން ދަނީ، މައްސަލައަށް ސަރުކާރުން ފޯރުވާފައިވާ ނުފޫޒުތައްކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ކޯޓުތައް މިނިވަން ކުރާނެކަމަށް ބުނެ، ކޯޓުތަކަށް ”ހަތަރެސް ފަޔާއި ބޮލާއި، ލޯ ވެސް ބާނާފައި“ ވާ ކަމަށެވެ.
މީގެ އިތުރުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ކޯޓަށް އަތް ބާނަމުންދާތަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އަދި އަލީ ރަޝީދުގެ ނަން ފޮނުވީ އޭނާއަށް ވެފައި އޮތް ވައުދެއް ފުއްދުގެ ބޭނުމުގައި ނަމަވެސް ނިމިގެންދާއިރު ފާސް ކުރާނީ އެހެން ނަމެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުން މިކަންތަކާއި ދެކޮޅަށް އަޑުއުފުލަން ޖެހޭނެކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ، ޕީޕީއެމް، ޕީއެންސީގެ ސަރުކާރެއްގައި މި މައްސަލަތައް ބަލާ ތަހުގީގު ކުރާނެ ކަމަށެވެ.
https://twitter.com/shuja3831/status/1291380089951674369
ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވުމަށްފަހު ފެންމަތިވެގެން އައި މައްސަލަތަކުގެ ތެރެއިން، އޭނާގެ މައްސަލައެއް ޖޭއެސްސީއަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަވީހިސާބެއް މިއަދާއި ހަމައަށް ވެސް ސާފުވެފައެއް ނުވެއެވެ. 
ދިވެހި ރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންފައިވަނީ، ޝަރުއީ ކޯޓުތައް އިސްލާހުކޮށް އެ ކޯޓުތަކުގައި ހުކުމް އިއްވަން ތިބޭ ފަނޑިޔާރުންނަކީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހަދާނެކަމުގެ ވައުދާއި އެކުއެވެ. އަދި އެ ހުކުމްތަކަކީ ވަކި ބަޔަކު ބުނާހާ ގޮތަކަށް ނެރެވިގެންވާނެ ހުކުމެއް ނޫން ކަމާއި، ހުކުމްތަކުގެ ”ހަދިޔާތަކެއްގެ“ ގޮތުން މަތީ ކޯޓުތަކަށް ޕްރޮމޯޓު ކުރާ ކުރުމަށް ވެސް ހުއްޓުމެއް ގެންނާނެކަމުގެ ވައުދާއި އެކުއެވެ.
އަދުލު އިންސާފު ގާއިމް ކުރުމުގެ ނަމުގައި ރާއްޖޭގެ ގިނަ ފަނޑިޔާރުންތަކާއި، އިސް މެޖިސްޓްރޭޓުންތަކެއް މައްސަލަ ބަލާ މަގާމުން ސަސްޕެންޑުކޮށް އަދި ބައެއް ފަރާތްތައް މަގާމުން ވަކިކޮށްފައިވެއެވެ. ހާއްސަކޮށް ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ މުޅި ބެންޗު ވެސް ބަދަލު ކުރިއެވެ. އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފު ގާއިމުކޮށްދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން އެއްވެސް ހިންގުންތެރިކަމެއް ނެތް ކަމަށް އެމްޑީޕީން ގަބޫލު ކުރާ ޖޭއެސްސީއަށް ބޮޑެތި ބާރުތަކެއް ދިނުން ހިމެނެއެވެ. އަދި އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމްކުރުމަށްޓަކާ، ފަނޑިޔާރުންނާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަށް، ނުވަތަ ފެންމަތިވާ ސުލޫކީ މައްސަލަތަށް ބަލާ ފިޔަވަޅު އެޅުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ