މަހިބަދޫގެ އިހުތިޞާސްގައި ހިމެނޭ މާފަރު ފަޅުހިއްކައި ތަރައްގީކުރުމުގެ ކޮންސެޕްޓު ފަރުމާކުރުމުގައި ވެސް ރައްޔިތުން އެދޭ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރަކީ އދ. މަހިބަދޫގައި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާ އަހަރު ކަމަށެވެ.
އަންނަ އަހަރަށް ސަރުކާރުން ފާސްކުރައްވާފައިވާ ގެދޮރުވެރިކަމުގެ ބަޖެޓަށް އިޝާރާތް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރުވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިންގ ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ރަށް، އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫންކަމަށާއި، މުޅި ސަރަޙައްދަށް އެފައިދާ ލިބޭނެކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ، މާފަރު ފަޅަކީ، އަރބަން ސެންޓަރުގެ ހަގީގީ މާނައިގައި ތަރައްގީވެގެންދާ ތަނަކަށް ވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ޢުމްރާނީ ތަރައްގީގެ އިތުރުން، މާނަވީ ތަރައްގީ ގެނެސްދެއްވުމަށް، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މުހިންމު މަސައްކަތްތަކެއް ކުރައްވާނޭކަން އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ، ހަތަރު އަހަރުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަންކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ދެެއްވީ މާފަރުފަޅު ތަރައްގީކުރާނީ މަހިބަދޫ ރައްޔިތުން އެދޭގޮތަށް ކަމުގެ ޔަގީންކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ