މީހަކު ފަރުވާ ހޯދާ ބައްޔާއި އާސަންދައިން ދިން އެހީގެ ތަފުސީލު ހާމަކުރުމުން ފައްޔާޒު ފާޑުވިދާޅުވެއްޖެ

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރާ ފައިސާގެ ތަފުސީލުތައް ހާމަކުރުމަށް ތަކުރާރުކޮށް ދެކޮޅުހަދަމުންދާ ސަރުކާރަކުން އާންމު ރައްޔިތެއްގެ ޒާތީ ދިރިއުޅުމުގެ މައުލޫމާތު ހާމަކުރުން ފައްޔާޒު ކުށްވެރިކުރެއްވި
އިންޑިޔާގައި ބޭސްފަރުވާ ކުރަމުންދިޔަ މީހަކު ފަރުވާ ހޯދާ ބައްޔާއި އޭނާގެ ބޭސްފަރުވާއަށް އާސަންދައިން ކުރި ހަރަދުގެ ތަފުސީލުތައް އެ ކުންފުނިން ހާމަކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 
ބޭސްފަރުވާއަށް އިންޑިޔާއަށް ދިޔަފަހުން އޭނާއަށް އާސަންދައިން ދެމުންދިޔަ އެހީތެރިކަން ކަނޑާލާފައި އާއިލާ ހާލުގައި ޖައްސާފައިވާކަމަށް ބުނެ މީސްމީޑިޔާގައި އާއިލާއިން ކުރި ޕޯސްޓަކާ ގުޅިގެން އާސަންދައިންވަނީ އެމީހާގެ ބައްޔާއި އެމީހާގެ ފަރުވާއަށް މިހާތަނަށް ހިނގާފައިވާ ހަރަދުތަކުގެ ތަފުސީލު ހާމަކޮށްފަ އެވެ. 
އެކަމާ ގުޅިގެން މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިފަދައިން ދިވެހި ރައްޔިތަކު ބޭސްފަރުވާ ހޯދާ ބައްޔެއްގެ ތަފުސީލު ހާމަކުރުމަކީ ގާނޫނު އަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޒާތީ ދިރިއުޅުމުގެ ހުރުމަތްތެރިކަން ނަގައިލުން ކަމަށެވެ. 
އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރާ ފައިސާގެ ތަފުސީލުތައް ހާމަކުރުމަށް ތަކުރާރުކޮށް ދެކޮޅުހަދަމުންދާ ސަރުކާރަކުން އާންމު ރައްޔިތެއްގެ ޒާތީ ދިރިއުޅުމުގެ މައުލޫމާތު ހާމަކުރީތީ އެކަން ކުށްވެރިކުރައްވާ ކަމުގައި ފައްޔާޒު ވިދާޅުވި އެވެ. 
އެކި ތަންތަނުން އާސަންދައިގެ ހިދުމަތް މެދުކެނޑެމުންދާކަމާއި، ޑޮކްޓަރަށް ދެއްކުމާއި ބޭސް ނެގުމަށް އާސަންދައިން ކަވަރުކުރާ މިންވަރު މަދުކުރާ ވާހަކަ ސަރުކާރުން ދޮގުކުރި ނަމަވެސް، އެކަމުގެ ދަތިކަން ތަހައްމަލުކުރަނީ ރައްޔިތުންކަމަށްވާތީ، އެކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމުގައި ފައްޔާޒު ވިދާޅުވި އެވެ. 
އިތުރަށް ފައްޔާޒު ވިދާޅުވީ ބަލިމީހެއްގެ ބޭސްފަރުވާއަށް ފޯރުކޮށްދިން އަދަދުކަަމަށް ބުނެ ބޮޑެތި އަދަދުތައް އާސަންދައިން ހާމަކުރުމަކީ، އެކަމުގެ ސަބަބުން ބޭސްފަރުވާއަށް އަމިއްލަ ފަރާތްތަކުން އެހީތެރިކަން ހޯދުމުގެ ފުރުސަތު ގެއްލޭނެ ކަމެއް ކަމަށެވެ. 
"ސަރުކާރުން ނުކޮށްދިން ނަމަވެސް، އިތުރު އެހީ ލިބުމުގެ ފުރުސަތު މިގޮތަށް ނަގައިނުލުމަށް ދަންނަވަން.،" ފައްޔާޒު ވިދާޅުވި އެވެ. 
ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް މި ސަރުކާރުން އައު އެއްވެސް ކަމެއް ނުކުރާކަމުގައި ވިދާޅުވުމާއެކު ފައްޔާޒު ގޮވައިލެއްވީ ކުރިންސުރެ ރައްޔިތުންނަށް ލިބެމުންދާަ ފަސޭހަތައް އެގޮތުގައި ދެމެހެއްޓުމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ