18 ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފި

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
"އޮޕަރޭޝަން ކުރަނގި"އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ މިހާތަނަށް 18919 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށާއި، އަދި 194 ރަށެއްގައި މި މަސައްކަތް ފަށައި 50 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.
ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ފިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ